ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

ދިވެހިރާއްޖޭގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)

ޓޯޗަރކުރުން މަނާކުރުމާއި، ހުއްޓުވުމާއި، ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ (ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމެންޓް (ކެޓް ކޮންވެންޝަން) ދިވެހިރާއްޖެއިން 2004 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ތަސްދީޤުކޮށްފައިވެއެވެ. ހަމައެހެންމެ، މި މުޢާހަދާގެ ދަށުން އެކުލަވާލާފައިވާ އިޚްތިޔާރީ މުޢާހަދާ، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމެންޓް (އޮޕްކެޓް) ގައި ދިވެހިރާއްޖެއިން 2005 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ގައި ސޮއިކޮށް، 2006 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު ތަސްދީޤުކޮށްފައިވެއެވެ. މިގޮތުން، އިޚްތިޔާރީ މުޢާހަދާ ނުވަތަ އޮޕްކެޓްގެ ދަށުން ކޮންމެ ދަޢުލަތަކުން ވެސް އެ ދަޢުލަތެއްގެ ބާރު ހިނގާ ސަރަޙައްދުގައި ޓޯޗަރ ނުވަތަ ރަޙުމްކުޑަ ލާއިންސާނީ އިހާނެތި، ދަށު ދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އެއް ޤާއިމުކުރުމަށް ލާޒިމްކުރެއެވެ. އެގޮތުން، 2007 ވަނަ އަހަރު ދިވެހިރާއްޖޭގެ އެން.ޕީ.އެމްއަކީ ހިއުމަން ރައިޓްސް ކޮމިޝަން (ކޮމިޝަން) ކަމުގައި ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރަކުން ހަމަޖައްސާފައިވެއެވެ. 2008 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ކޮމިޝަނުގެ ފަރާތުން އެން.ޕީ.އެމް ގެ މަސައްކަތް ރަސްމީގޮތުން ފަށާފައިވެއެވެ. ހަމައެހެންމެ، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު 2013)ގެ 44 ވަނަ މާއްދާގެ (ނ) ގައި ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ކަމުގައި ބަޔާންކޮށްފައިވެއެވެ. މި މެކޭނިޒަމްގެ މަގުސަދަކީ ދައުލަތުގެ ބާރު ހިނގާ ސަރަހައްދުގައި ޓޯޗަރ ނުވަތަ ރަހުމުކުޑަ ލާއިންސާނީ އިހާނެތި، ދަށު ދަރަޖައިގެ އަމަލުތައް ހިނގިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރުމެވެ. ހަމަމިއާއެކު، މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ކުދިންނާ މެދު ޢަމަލުކުރެވެނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި، ގަވާއިދުތަކާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށްފަހު ފާހަގަކުރެވޭ ކަންތައްތަކާމެދު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލަފާދީ، ހުށަހެޅުންތައް ހުށަހަޅައި، އެފަދަ ތަންތާގައި ޓޯޗަރ ނުވަތަ ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަދި ދަށުދަރަޖައިގެ ޢަމަލުތަކަށް މަގުފަހިވާ ކަންކަން ނައްތާލުމަށް މަސައްކަތްކުރުމާއެކު އެފަދަ ޢަމަލުތަކުން ރައްކާތެރިވެފައިވާ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތްކުރުމެވެ. ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013)އާއި ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަދި އޮޕްކެޓްގައި ބަޔާންކޮށްފައިވާ އެން.ޕީ.އެމްގެ ބާރުތަކުގެ އިތުރުން، އެން.ޕީ.އެމްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެން.ޕީ.އެމްއަށް ލިބިފައިވާ ބާރުތައް ގަވާއިދު ނަންބަރު 2026/R-1 (ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާބެހޭ ގަވާއިދު) ގެ 14 ވަނަ މާއްދާގައި ތަފްސީލުކޮށް ބަޔާންކޮށްފައިވައެވެ. އެގޮތުން އިސްވެ ދެންނެވުނު ޤާނޫނުތަކާއި އޮޕްކެޓްގައި ބަޔާންކޮށްފައިވާ ބާރުތަކުގެ އިތުރުން، ދިވެހި ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި، މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތަކާއި އެ ތަންތަނުގެ ވަސީލަތްތަކާއި ޚިދުމަތްތައް ބަލައި، އެ ތަންތަނުގެ ފޮޓޯ ނެގުމުގެ ބާރާއި، ކަމާ ގުޅޭ ހުރިހާ ލިޔުކިޔުންތަކާއި، ރަޖިސްޓަރީތަކާއި، މައުލޫމާތު އެ މަރުކަޒަކުންނާއި މަރުކަޒެއް ބެލެހެއްޓުމާއި ހިންގުން ހަވާލުވެފައިވާ އިދާރާތަކުން ހޯދުމުގެ ބާރު އަދި މިފަދަ މަރުކަޒުތަކުގައި ތިބޭ މީހުންނާއި، ކުޑަކުދިންނާއި، އެ މަރުކަޒުތަކުގެ މުވައްޒަފުންނާއި، ކަމާގުޅުން ހުރި އެނޫންވެސް ފަރާތްތަކާ ވަކިން އިންޓަވިއުކުރުމުގެ ބާރު ވެސް އެން.ޕީ.އެމްއަށް ލިބިގެންވާކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. 
...

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމަކީ ތަޙުގީގު ކުރާ ފަރާތެއް ނޫނެވެ. އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކާ އެން.ޕީއެމް.އެއްގެ މެންޑޭޓް ތަފާތުވަނީ އޭގެ ޕްރިވެންޓިވް އެޕްރޯޗްގައެވެ. އެއީ އަނިޔާ ނުވަތަ ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކާ ގުޅޭ ޝަކުވާތައް ތަހުގީގުކުރުމުގެ ބަދަލުގައި، އަނިޔާގެ އުޞޫލުތައް ދެނެގަނެ، ނިޒާމީ މައްސަލަތައް ދެނެގަތުމަށް މަސައްކަތްކުރުމެވެ.

އެން.ޕީ.އެމްއިން ޒިޔާރަތްކުރާ (ކުރެވިދާނެ) ތަންތަން:

ހައްޔަރުގައި ބޭތިއްބޭ ތަންތަނުގެ މެޕު