އަންހެނުން

އިންސާނީ ޙައްޤުތަކާއި ކަރާމާތްތެރިކަމަކީ ޖިންސަށް ބެލުމެއްނެތި، ހަމަހަމަކަމާއެކު ކޮންމެ ފަރުދަކަށްމެ ލިބިގެންވާ އަސާސީ ޙައްޤުތަކެކެވެ. އެހެންކަމުން، އަންހެނުންނަށްވެސް މި ޙައްޤުތައް ފުރިހަމައަށް ލިބިދޭންޖެހެއެވެ. އަންހެނުންނަކީވެސް މަދަނީ، ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ޘަޤާފީ ދާއިރާތަކުގެ އެންމެހައި ޙައްޤުތަކުގެ ފުރިހަމަ ޙައްޤުވެރިންނެވެ. އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއްނެތި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ލިބިދޭންޖެހެއެވެ. އާބާދީގެ ދެބައިކުޅައެއްބައި އަންހެނުންކަމުގައިވާއިރު، އިންޞާފުވެރި އަދި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އަންހެނުންގެ ޙައްޤުތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޖިންސީ ތަފާތުކުރުމާއި އަންހެނުންނަށް ކުރެވޭ އަނިޔާގެ ވާހަކަތައް މެދުކެނޑުމެއްނެތި އަޑުއިވެމުންދެއެވެ. މި ގޮންޖެހުންތަކަކީ ގިނަފަހަރު ތާރީޚާއި ސަޤާފަތާ ގުޅުންހުރި ކަންކަމެވެ. އާދަކާދަތަކާއި ކުރީއްސުރެ އޮތް މުޖުތަމަޢުގެ ވިސްނުމުގެ ސަބަބުން، އަންހެނުންނަށް ލިބޭ ފުރުޞަތުތައް މަދުވެ، އެކި ދާއިރާތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ނަމަވެސް، ފަހަކަށްއައިސް ދިވެހިރާއްޖޭގައިވެސް އަންހެނުންގެ ޙައްޤުތަކާމެދު ގެންގުޅޭ އުސޫލުތަކަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ. 
ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޮލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގޭންސް ވިމެން ((CEDAW ނުވަތަ އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމާއިބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ފަދަ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަކީ މިންތީގެ ހަމަހަމަކަމުގެ ބެންޗްމާކެއް ކަމުގައި ބަލައިގަންނަ އަދި އަންހެނުންގެ ހައްޤުތަކަށް ވަކާލާތު ކުރުމަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި ބަލާ މުއާހަދާއެކެވެ. މި މުއާހަދާގައި ސޮއިކުރާ ގައުމުތަކުން ވައުދުވަނީ ގައުމީ ސިޔާސަތުތައް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމަށެވެ. ދިވެހިރާއްޖެއިންވެސް ވަނީ މި މުއާހަދާގައި 1993 ގައި ސޮއިކޮށް ތަސްދީޤުކޮށްފައެވެ.
2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކީ، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅުނު އެންމެ މުހިންމު އެއް ބިންގަލެވެ. މި ޤާނޫނުއަސާސީގައި މިންތީގެ ހަމަހަމަކަމާ ގުޅުންހުރި ޙައްޤުތަކުގެ އިތުރުން، ގިނަ އަދަދެއްގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކަ ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުއަސާސީގެ ދަށުން ގިނަ ޤާނޫނުތަކަކާއި ގަވާއިދުތައްވެސް އެކުލަވާލެވިފައިވެއެވެ.
ޤާނޫނު ހެދުމާއި އިސްލާހުކުރުމާއި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފަދަ އަންހެނުންގެ ހައްޤު ކުރިއެރުވުމަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރި ނަމަވެސް، މުޖުތަމަޢުގެ ވިސްނުންތަކާއި ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަކީ ދާއިމީ ބަދަލެއް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަންކަމެވެ. އެހެންކަމުން އަންހެނުންގެ ހައްޤުތަކަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރެވޭ ވަކާލާތަކީ މެދުކެނޑުމެއްނެތި ކުރަންޖެހޭ މަސައްކަތެކެވެ.
އެންމެންގެވެސް ލަނޑުދަނޑިއަކަށް ވާންވީ އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމާއެކު، މަދަނީ، ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ މައިދާނުގައި ފުރިހަމައަށް ބައިވެރިވެވޭ މުޖުތަމައުއެއް ބިނާކުރުމެވެ. މިކަން ޙަޤީޤަތަކަށް ހެދޭނީ އަންހެނުންގެ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމްކުރާ ޘަޤާފަތެއް އުފެދިގެންނެވެ. އަދި ހަމަ އެހެންމެ އަންހެނުންނަށް ޙައްޤުވާ މަޤާމު ހޯދައިދެވޭނީ  ތަޢުލީމް އުނގެނުމުގައްޔާއި، ތަމްރީނާއި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ހަމަހަމަ ފުރުޞަތުތަކެއް އަންހެނުންނަށް ހޯދައިދީ، ގަދަރުވެރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިވުމުންނެވެ. މިކަމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، ޤައުމުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. 

ގުޅުންހުރި ޑޮކިއުމަންޓްތައް