ތަޢާރަފް

ހިއުމަން ރައިޓްސް ކޮމިޝަން އޮދް ދަ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2006/06 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ ދުސްތޫރީ އަދި ޤާނޫނީ މުއައްސަސާއެކެވެ. ހިއުމަން ރައިޓްސް ކޮމިޝަން އުފެދިފައިވަނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުއާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ/ޖަމާއަތްތަކަށް އެހީތެރިވެ ހިތްވަރު ދިނުމަށެވެ.

ތަސައްވުރު:

އަޅުގަނޑުމެންގެ ތަސައްވުރަކީ ދިވެހިރާއްޖެއަކީ ހަމަހަމަ، ޝާމިލު މުޖުތަމައަކަށްވެ، މުޖުތަމައުގެ ކޮންމެ ފަރުދަކީވެސް އިންސާނީ ހައްގުތަކަށް އަހުލުވެރިވެ، ތަފާތުތަކަށް އިހްތިރާމްކޮށް، ފަރުދީ ޒިންމާ އަދާކޮށް، އެހެންމީހުންގެ ހައްގުތަކަށް އިހްތިރާމް ކުރާބަޔަކަށްވުން.

އަމާޒު:

އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގައި އިންސާނީ ކަރާމާތާއި ހަމަހަމަކަން ކުރިއަރުވައި ރައްކާތެރިކޮށް އިންސާނީ ހައްގުތައް ހިމާޔަތްކުރުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އުފެދުނީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއީ، 2003ވަނަ އަހަރުގެ ސެޕްޓެމްބަރ ގައި މާފުށީ ޖަލުގައި ހިނގި ހިތާމަވެރި ހާދިސާއާގުޅިގެން ސިޔާސީ ހަލަބޮލިކަމަށް ހައްލުހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ފެއްޓެވި އިސްލާހީ ޕްރޮގްރާމްގެ ދަށުން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ދަމަހައްޓާ ކުރިއެރުވުމަށް މަސައްކަތްކުރާ، މިނިވަން މަޖިލީހެއް އޮތުމަކީ ބޭނުންކަމެއް ކަމަށް ފެންނާތީ އުފެއްދެވި މިނިވަން މުއައްސަސާއެކެވެ. މިގޮތުން އުފެދުނު ފުރަތަމަ ކޮމިޝަނުގައި 9 މެންބަރުން ހިމެނުނެވެ.

ކޮމިޝަނަށް ޤާނޫނީ ބާރު ދިނުމަށާއި، ޕެރިސް ޕްރިންސިޕްލްސް އާ އެއްގޮތަށް ބައްޓަން ކުރުމަށް ވެ ވަޑައިގެންނެވި ވައުދުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނެއް (ޤާނޫނު ނަންބަރު 2005/1) ފުރަތަމަ ފާސްވެގެން ދިޔައީ 2005 އޮގަސްޓް 18ގައެވެ. އެހެންނަމަވެސް، ފާސް ކުރެވުނު ޤާނޫނާއި ޕެރިސް ޕްރިންސިޕްލްސް އާ ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކޮމިޝަނަށް މެންބަރުން އައްޔަނު ނުކުރެވި، ޤާނޫނު މުރާޖައާ ކުރަންޖެހުނެވެ. އަދި ގެންނަން ޖެހޭ ބަދަލުތަކާއެކު، 2006 އޮގަސްޓް 17 ވަނަ ދުވަހު ޤާނޫނު ނަންބަރު 2006/06 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ފާސް ވެގެން ދިޔުމުން 5 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުސްތަގިއްލު އަދި ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ކޮމިޝަނެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން ގާއިމުވެގެން ދިޔައެވެ.

އަދި 2008ވަނަ އަހަރު ފާސް ކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 189ވަނަ މާއްދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ ދުސްތޫރީ ބާރު ލިބިދީފައިވާ މުސްތަގިއްލު ކޮމިޝަނެކެވެ.

މެންބަރުން: ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެއީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކާއި، ދީނީ، ޤާނޫނީ، އިޖްތިމާއީ، އިޤްތިޞާދީ، އަދި ސިއްހީ ދާއިރާ ފަދަ ފަންނީ ދާއިރާތައް ހިމެނޭގޮތަށް އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ 5 މެންބަރުންނެވެ.

މެންބަރުން އައްޔަންކުރުން:
ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަށް އެފަހަރަކު އައްޔަން ކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދެއް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބަޔަކު، ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނެއެވެ.

ކޮމިޝަން މެންބަރުންގެ ސިފަތައް:

ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ތިރީގައިވާ ސިފަތައް ހުންނަން ވާނެއެވެ.

• މުސްލިމަކު ކަމުގައިވުން؛

• ދިވެހިރައްޔިތަކު ކަމުގައިވުން؛

• އުމުރުން 25 އަހަރު ވެފައިވުން؛

• އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

• ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

• ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކުކަމުގައި ނުވުން؛

• ރިޝްވަތުގެ ކުށެއް ސާބިތުވަފައިވާ މީހަކު ކަމުގައި ނުވުން؛

• ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްރެތިވާ މީހަކު ކަމުގައި ނުވުން.

މެންބަރުންގެ މުއްދަތު: ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތަކީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ. ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކުވެސް، އަލުން އިތުރު ދައުރަކަށް ކޮމިޝަނަށް އައްޔަން ކުރެވިދާނެއެވެ.

ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުން: ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނާއިބު ރައީސެއް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނެއެވެ.

ކޮމިޝަނުގެ މައިގަނޑު މަގްސަދުތަކަކީ:-

• އިސްލާމީ ޝަރީއަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރުން.

• ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުއާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

• އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތްތަކަށް އެހީތެރިވެ، ހިތްވަރު ދިނުން.

  • ޤާނޫނު ނަންބަރު 2006/06 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ ދަށުން ކޮމިޝަނާ މަތިކުރެވިފައިވާ ޒިންމާތަކާއި ލިބިދީފައިވާ ބާރުތައް
  • ހިއުމަން ރައިޓްސް ކޮމިޝަންކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަހްސެކެވެ.
  • ތަހުގީގު ކުރުމުގެ ބާރު:
  • އިންސާނީ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ، ނުވަތަ އިންސާނީ ހައްޤަކަށް އުނިކަމެއް ކަނޑައެޅިގެން ލިބިދާނެ ކަމަށް ބުނެ، ހުށަހެޅޭ މައްސަލަތަކާއި، ނުވަތަ ކޮމިޝަނުން އަމިއްލައަށް މައްސަލައެއް ތަހުގީގުކުރުމަށް ނިންމުމުން، އެކަމެއް ބަލައި، ތަހުގީގުކުރުމުގެ ބާރު.
  • ސަރުކާރުގެ އިދާރާއަކާ ގުޅޭގޮތުން ނުވަތަ އަމިއްލަ އިދާރާއަކާ ގުޅޭގޮތުން ނަމަވެސް، ހުށަހަޅާ އިންސާނީ ހައްގުތަކާ ގުޅުންހުރި، ޝަކުވާތައް ބަލައި، ދިރާސާކޮށް، އެކަމާބެހޭ މައުލޫމާތު އެއިދާރާއަކަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްދީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، އެތަންތަނަށް އެންގުން؛
  • ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ކޮންމެ ތަނަކަށްވެސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިޝަނުން ކަނޑައަޅާ ވަގުތެއްގައި ކަމާބެހޭ ފަރާތަށް ކުރިން އެންގުމަކާ ނުލައި ޒިޔާރަތްކުރުމާއި ބަންދުގައި ތިބޭ މީހުންގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ތަނުގެ ވަސީލަތްތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅުން.
  • ކޮމިޝަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ހޯދަންޖެހޭ ހެކި ހޯދުމާއި ބަލައިގަތުމާއި، ހެކީންގެ ގޮތުގައި ހާޒިރު ކުރަންޖެހޭ ފަރާތްތައް ކޮމިޝަނަށް ހާޒިރު ކުރުމާއި، ހެކިބަސް ހޯދުމާއި، ތަހުގީގާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިޝަނަށް ހާޒިރު ކުރުމާއި، އެމީހުންގެ ބަޔާން ހޯދުން.
  • ތަހުގީގާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުންވެއްޖެނަމަ، ކޮމިޝަނަށް ގެނައުން.
  • ތަހުގީގާ ގުޅިގެން ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ކޮމިޝަނަށް ފެންނަ ފަރާތްތައކުން، އެމައުލޫމާތެއް ލިޔުމަކުން ކޮމިޝަނަށް ދިނުމަށް އެންގުން.
  • އާންމުކޮށް ހުޅުވާލައިގެން، ނުވަތަ ހުޅުވާނުލައި ތަހުގީގު ކުރުން
  • ބަލަމުންދާ މައްސަލައެއްގައި ކޮމިޝަނުން ސުވާލު ކުރެވެމުންދާ މީހަކު، ރާއްޖޭން ފުރައިގެންދާނަމަ، ކޮމިޝަނުގެ ހުއްދަ ހޯދައިގެން ނޫނީ ނުފުރުމަށް އެންގުން.
  • ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ކޯޓަށް އެހީތެރިވެދިނުން:
  • ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި މީހެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް ލިބިފައިވާކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެނަމަ، އެ މައުލޫމާތު، ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުގެ އިޒުނަޔާއެކު، އެ ފަނޑިޔާރުގެ މައުލޫމާތަށްޓަކައި ކޯޓަށް ހުށަހެޅިދާނެ.
  • އަމުރަށް ތަބާވުން:
  • ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތާ ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް އަމަލު ކުރުމަކީ، ދިވެހިރައްޔިތުންގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ މީހުންގެ މައްޗަށްވެސް ލާޒިމުކަމެއް.
  • ކޮމިޝަނުން އަންގާ އެންގުމަކަށް ތަބާނުވެއްޖެނަމަ، ނުވަތަ ކޮމިޝަނުގެ ގަދަރަށް އުނިކަމެއް ލިބޭގޮތަކަށް އަމަލުކޮށްފިނަމަ، އެފަދަ އަމަލެއްކުރި މީހެއްގެ އަދަބަކީ 3 (ތިނެއް) މަސްދުވަހަށް ގޭގައި ބަންދުކުރުން. އަދި އެ އަމަލުކުރި މީހަކީ ސަރުކާރުގެ ވަޒީފާއެއްގައި ހުރި މީހެއްނަމަ އެމީހަކު ސަރުކާރުގެ ވަޒީފާއިން ވަކިކުރުން.
  • ރިޕޯޓް ކުރުމާއި ލަފާދިނުން
  • ކޮމިޝަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު މައްސަލައިގެ ބާވަތަށް ރިއާޔަތްކުރުމަށްފަހު ސުލްހަވެރި ހައްލެއް ހޯދައިދެވޭތޯބަލައި، ސުލްހަވެރި ހައްލެއް ހޯދައިނުދެވޭ މައްސަލަ، ޝަރީއަތަށް ހުށައިހަޅައިގެން ނިންމުމުގެ ބާރު.
  • ކޮމިޝަނުން މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓު އެމައްސަލަ ހުށަހެޅި ފަރާތަށް ދިނުމާއި، އެ މައްސަލައިގައި ޒިންމާ އުފުލަންޖެހޭ ފަރާތް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ފަރާތަށްވެސް، އެރިޕޯޓުގެ ކޮޕީއެއް ދިނުން؛
  • ކޮމިޝަނުން މައްސަލަ ބަލައި ނިންމިގޮތުގެ ރިޕޯޓުގެ ކޮޕީއެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް އެފަރާތްތަކަށް އެންގުން.
  • ކޮމިޝަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން ފޮނުވުމާއި، ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިޝަނުން އެރިޕޯޓު އާންމުކޮށް ޝާއިއުކުރުން.
  • ލަފާދިނުން:
  • ސަރުކާރުން އެކުލަވާލާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި، އިންސާނީ ހައްގުތަކުގެ ރޫހު އާލާކުރުމާއި، ހިމާޔަތް ކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ދޭންޖެހޭ މަޝްވަރާއާއި ލަފާ ސަރުކާރަށް ދިނުން
  • ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް، އިންސާނީ ހައްގުތަކާ ހިލާފަށް ކަމެއް ހިންގާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި، އެކަމާ ގުޅޭގޮތުން އަޅަން ކޮމިޝަނަށް ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން އެއިދާރާއަކަށް ލަފާދިނުން
  • އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އަދި ސަރަހައްދީ އެކިއެކި މުއާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުއާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަސްދީގު ކުރުމުގައި، ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުން
  • އިންސާނީ ހައްގުތަކުގެ ދިރާސާ ކުރުމާއި، އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަން ކުރުން:
  • އިންސާނީ ހައްގުތަކުގެ އެކި އެކި ދިރާސާތައްކޮށް، އެދިރާސާތައް ހާމަކޮށް ޝާއިއުކުރުން
  • އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި މޮނިޓަރކޮށް ވަޒަންކުރުން
  • ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތައް ދަށުން، ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަނެއްގެ ހައިސިއްޔަތުން ހުށަހަޅަންޖެހޭ ތަފާތު ރިޕޯޓުތައް ކަމާބެހޭ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި، ކޮމިޓީތަކާއި، ބޮޑީތަކާއި، ވަރކިންގ ގްރޫޕްތަކާއި އެނޫންވެސް ފަރާތްތަކަށް ހުށަހެޅުން
  • ހިމާޔަތް: ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލު ކުރުމުގެ ގޮތުން ޤާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ޤާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިޝަނުގެ ރައީސް، ނުވަތަ އެކޮމިޝަނުގެ ނާއިބުރައީސް ނުވަތަ ކޮމިޝަނުގެ މެންބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ، ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.

އަނިޔާކުރުމާއި ޓޯޗަރކުރުން މަނާކުރުމާއި، ހުއްޓުވުމާއި، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ ބައިނަލްއަގުވާމީ މުއާހަދާ (ކޮންވެންޝަން އެގެއިންސް ޓޯޗަރ)ގެ އިހުތިޔާރީ މުއާހަދާ، އޮޕްޝަނަލް ޕްރޮޓޯކޯލް ޓު ދަ ކޮންވެންޝަން އަގެއިންސް ޓޯޗަރ އެން އަދަރ ކުރުއަލް، އިންހިއުމަން އޯ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމެންޓް (އޮޕްކެޓް) 15 ފެބްރުއަރީ 2006 ގައި ދިވެހިރާއްޖެއިން އިން ތަސްދީގުކުރުމާ ގުޅިގެން، ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމެއް (އެން.ޕީ.އެމް) ދިވެހިރާއްޖޭގައި އުފެއްދުމަށް ލާޒިމުވެގެންދިޔައެވެ. ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމަކީ އޮޕްކެޓް ތަސްދީގުކޮށްފައިވާ ދައުލަތްތަކުން އުފެއްދުމަށް ލާޒިމުކުރާ މެކޭނިޒަމެކެވެ. މި މެކޭނިޒަމްގެ މަގުސަދަކީ ކޮންމެ ދައުލަތަކުން ވެސް އެ ދައުލަތެއްގެ ބާރު ހިނގާ ސަރަހައްދުގައި، ޓޯޗަރ އާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި ދަށު ދަރަޖައިގެ އަމަލުތައް ހިނގިޔަނުދިނުމަށްޓަކައި މަސައްކަތް ކުރުމެވެ.

ދިވެހިރާއްޖޭގެ އެން.ޕީ.އެމް 2007 ވަނަ އަހަރު އުފައްދައި، ދިވެހިރާއްޖޭގެ އެން.ޕީ.އެމްއަކީ ހިއުމަން ރައިޓްސް ކޮމިޝަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަމަޖައްސާފައިވެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެން.ޕީ.އެމްގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2008 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެން.ޕީ.އެމްގެ މަސައްކަތްތައްކުރުމަށް ވަކި މުވައްޒަފުންތަކެއް ކަނޑައަޅައި، ވަކި ޑިޕާޓްމަންޓެއް 2009 ވަނަ އަހަރު ގާއިމުކޮށްފައިވެއެވެ.

ހަމައެހެންމެ، 2013ވަނަ އަހަރު ތަސްދީގުކުރެވުނު ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު)ގެ 44 ވަނަ މާއްދާގެ (ނ) ގައި ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ކަމުގައި ބަޔާންކޮށް، ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދިޔައެވެ.

އެންޕީއެމްގެ މައިގަނޑު މަސައްކަތްތައް ކުރުމަށްޓަކައި، ދައުލަތުގެ ބާރުހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންނާއި ކުދިން ބަހައްޓާ ނުވަތަ ބަހައްޓާ ކަމަށް ގަބޫލުކުރެވޭ ހުރިހައި ތަނަކަށް އެއްވެސް ހުރަހެއްނެތި، ކުރިން އެންގުމަށްފަހު ނުވަތަ އެންގުމަކާ ނުލައި ޒިޔާރަތް ކުރުމުގެ އިހްތިޔާރާއި ބާރު ލިބިގެންވެއެވެ. އަދި މި ޒިޔާރަތްތަކުގައި، ބަންދުގައި ތިބޭ މީހުންގެ އިންސާނީ ހައްގުތަކަށް އުނިކަމެއް އައިސްފައި ނުވަތަ ގެނެސްފައިވޭތޯ ބަލައި، އެމީހުންގެ މަސްލަހަތު ބަލައި ދިރާސާކޮށް، އެމީހުން ބަންދުގައި ތިބޭ ތަންތަނުގެ ވަސީލަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށް ފެންނަ ނަމަ ނުވަތަ އެމީހުންނަށް ލިބިދޭ އިނާޔަތްތައް އިސްލާހުކުރަންޖެހޭކަމަށް ފެންނަ ނަމަ، އެ ކަންކަމާ ގުޅޭގޮތުން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ބާރު ލިބިދީފައިވެއެވެ.

އެންޓި-ޓޯޗަރ ޤާނޫނު 2013ގެ ދަށުން ކޮމިޝަނުގެ މައްޗަށް ޒިންމާތަކާއި ބާރުތަކެއް ލިބިދީފައިވެއެވެ. މިގޮތުން މި ޤާނޫނުގައި ބަޔާންކުރާ މައިގަނޑު ކަންކަމަކީ:

  • ހައިސިއްޔަތާއި ޒިންމާތައް:
    • ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމަކީ ހިއުމަން ރައިޓްސް ކޮމިޝަންކަމުގައި ކަނޑައެޅުން
    • އަނިޔާކުރުމާއި ޓޯޗަރކުރުން މަނާކުރުމާއި، ހުއްޓުވުމާއި، ރަޙްމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • މޮނިޓަރ ކުރުމާއި ރިޕޯޓްކުރުން
    • އެންޓި-ޓޯޗަރ ޤާނޫނު 2013 އަށް އަމަލުކުރަމުންދާ ގޮތް މޮނިޓަރކޮށް، ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުން.
    • ޤާނޫނުގެ ދަށުން ހިންގާ ހަރަކާތްތަކާއި އަޅާފައިވާ ފިޔަވަޅުތަކާބެހޭ އަހަރީ ރިޕޯޓެއް އެޗް.އާރް.ސީ.އެމްއިން ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅައި، ހުށަހެޅުމަށްފަހު އާންމުކުރުން.
  • ތަހުގީގު ކުރުމާއި ޤާނޫނީ ފިޔަވަޅު އެޅުން:
    • އަނިޔާކުރިކަމަށް ޝަކުވާ ހުށަހަޅާ ފަރާތަކުން ހުށަހަޅާ ނުވަތަ ކޮމިޝަނުން އިސްނަގައިގެން ކުރާ ޝަކުވާތައް ކޮމިޝަނުން ތަހުގީގުކޮށް، ވަކިފަރާތަކަށް ނުޖެހި އެކަށީގެންވާ ހަލުވިމިނުގައި ހިންގުން.
    • އަނިޔާކުރިކަމުގެ ހެކި ފެނިއްޖެނަމަ ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް މައްސަލަތައް ފޮނުވުން.
  • ސިއްހީ ފަރުވާ އާއި ރިހެބިލިޓޭޝަން:
    • ބަންދުކޮށްފައިވާ މީހުންނަށް ސިއްހީ ފަރުވާ ލިބޭނެ ގޮތާއި، އެމީހުންގެ ސިއްހީ ހާލަތު މޮނިޓަރ ކުރެވޭތޯ ބެލުން.
    • ކުށްކުރާ މީހުންނާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެކުލަވާލުމުގައި ދައުލަތުގެ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
  • ތައުލީމާއި ހޭލުންތެރިކަން:
    • އަސްކަރިއްޔާއާއި، ފުލުހުންނާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، ސިއްޙީ މަސައްކަތްތެރިންނާއި، އަދި ކަމާބެހޭ އެހެން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތަކުގައި އަނިޔާކުރުން މަނާކުރުމާބެހޭ މައުލޫމާތު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ހިމަނާކަން ކަށަވަރުކުރުން.
    • ސްކޫލްތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ތަޢުލީމީ ޕްރޮގްރާމްތައް ހިންގުމުގެ ތެރެއިން އިންސާނީ ހައްގުތަކަށް އިޙްތިރާމްކުރުމާއި، އިންސާނީ ކަރާމާތާއި، އަނިޔާއިން މިނިވަންވުން ކުރިއެރުވުން.
  • ބައިނަލްއަގުވާމީ އަދި އާންމު އިހްތިސާސް:
    • އެ އަމަލު ހިންގި ތަނަކަށް ބެލުމެއްނެތި، ތުހުމަތު ކުރެވޭ މީހާ ނުވަތަ ޝިކާރައަކަށް ވެފައިވާ މީހަކީ ދިވެހި ރައްޔިތެއް ކަމުގައިވުން، ނުވަތަ ތުހުމަތު ކުރެވޭ މީހާ ރާއްޖޭގައި ހުރިނަމަ އަނިޔާގެ ތުހުމަތު ކުރެވޭ ފަރުދުންނާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެންވޭ.
  • ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 16/2019) ފާސްވުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ މައްޗަށް ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓެއް އުފެއްދުމަށް ލާޒިމުކުރެވިފައިވޭ.
  • ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ސެކްރެޓޭރިއެޓް ޤާއިމުކުރުމާއި އެ ޔުނިޓު ހިންގާނެ ގޮތުގެ ގަވާއިދު އެކުލަވާލުމަކީ ކޮމިޝަނުގެ ޒިންމާއެއް.
  • ޔުނިޓު ހިންގުމުގެ އިސްވެރިޔާ އައްޔަންކުރުމަކީ ކޮމިޝަނުގެ ޒިންމާއެއް. ނަމަވެސް މި ޔުނިޓުގެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ސީދާ ޖަވާބުދާރީވާންޖެހޭނެ ފަރާތެއް. އަދި އެ ޔުނިޓުގެ ހަރަކާތްތަކާ ބެހޭ ރިޕޯޓެއް ކޮންމެ ހަ މަހަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަން ޖެހޭ. ކޮމިޓީއަށް ހުށަހަޅާ ރިޕޯޓުގައި ވިސްލްބްލޯކުރި ފަރާތަކާ ބެހޭ އެއްވެސް ޒާތީ މައުލޫމާތެއް ނުހިމަނާނެ.