މަދަނީ, ސިޔާސީ ހައްގުތައް

މަދަނީ އަދި ސިޔާސީ ޙައްޤުތަކަކީ ވަކި ފަރާތަކަށް ނުޖެހި، އަދި އެއްވެސް އުނިކަމެއް ނެތި، މުޖުތަމަޢާއި ދައުލަތުގެ މަދަނީ އަދި ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ޤާބިލުކަން ކަށަވަރުކޮށްދޭ، ފަރުދުންގެ މިނިވަންކަމާއި ޙައްޤުތައް ރައްކާތެރިކޮށްދޭ ޙައްޤުތަކެވެ. މަދަނީ އަދި ސިޔާސީ ޙައްޤުތަކަކީ ފުރަތަމަ ޖީލުގެ ޙައްޤުތަކުގެ ގޮތުގައި ބަލާ ޙައްޤުތަކެވެ.

ސުވާލުތައް


މަދަނީ ޙައްޤުތަކުގެ ތެރޭގައި ދިރިހުރުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޢާއިލީ ދިރިއުޅުމުގެ ޙައްޤާއި، ދަތުރުފަތުރުކުރުމުގެ ޙައްޤާއި ސިޔާސީ ޙައްޤުތައް ހިމެނެއެވެ.

ސިޔާސީ ޙައްޤުތަކަކީ އެބައެއްގެ މުޖުތަމަޢުގެ ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަގުފަހިކޮށްދޭ ޙައްޤުތަކެވެ. ސިޔާސީ ޙައްޤުތަކުގެ ތެރޭގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޖަމާޢަތް ހެދުމުގެ މިނިވަންކަން ހިމެނެއެވެ.

މަދަނީ ޙައްޤުތަކަކީ ނަސްލާއި، ދީނާއި، އެނޫންވެސް އަމިއްލަ ސިފަތަކަށް ބެލުމެއްނެތި، ޤާނޫނުގެ ދަށުން ހަމަހަމަ އިޖްތިމާޢީ ފުރުޞަތުތަކާއި، ހަމަހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޙައްޤުތަކަށް ވާތީއެވެ.

މަދަނީ ޙައްޤުތަކަކީ އިންސާނީ ޙައްޤުތަކުގެ ގޮތުގައި އެންމެނަށް ލިބިދޭ ޙައްޤުތަކެއް ނަމަވެސް، ބައެއް ސިޔާސީ ޙައްޤުތަކަކީ ހަމައެކަނި އެގައުމެއްގެ ރައްޔިތުންނަށް ލިބޭ ޙައްޤުތަކެކެވެ. މަދަނީ އަދި ސިޔާސީ ޙައްޤުތަކަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެކިއެކި މުޢާހަދާތަކުގެ ދަށުންނާއި، ޤައުމީ ދުސްތޫރުތަކުގައިވެސް ޙިމާޔަތް ކުރެވިފައިވާ ޙައްޤުތަކެކެވެ. މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެ ޙައްޤުތައް ހިމާޔަތްކޮށްދޭ އެންމެ ފުޅާ މުއާހަދާ އެވެ.

ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ފާރަވެރި މުއައްސަސާތަކުންނާއި ކޯޓުތަކުން މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރެއެވެ. ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި އެޑްވަކަސީއާ ގުޅޭ އެހެނިހެން މަސައްކަތްތަކުގެ ސަބަބުންވެސް މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކުރެވެއެވެ.

މަދަނީ އަދި ސިޔާސީ ހައްޤަކަށް އުނިކަމެއް އަންނަ ހިނދު ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ގާނޫނީ ވަސީލަތްތައް މެދުވެރިކޮށް އެ ޙައްޤުތައް ކަށަވަރުކުރެވޭނެއެވެ. އަދި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމާއި މީޑިއާ މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުންވެސް މި ޙައްޤުތައް ކަށަވަރު ކުރެވޭނެއެވެ.

އިންސާނީ ޙައްޤުތަކުގެ މިންގަނޑުތައް ތަންފީޒުކުރުމުގައި ޤައުމުތަކަށް ވަކާލާތުކޮށް، މޮނިޓަރކޮށް، އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަދަނީ އަދި ސިޔާސީ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމަށް އ.ދ.، ކައުންސިލް އޮފް ޔޫރަޕް، އަދި އެހެނިހެން ބައިނަލްއަގުވާމީ ޖަމާއަތްތަކުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ.

މުހިންމު ޑޮކިއުމެންޓްތައް

އެހެނިހެން މެޓީރިއަލްތައް