އިންސާނީ ހައްގުތަކަކީ ކޮބާ؟

އިންސާނީ ޙައްޤުތަކަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤުތަކެކެވެ. މި ޙައްޤުތައް ލިބިދެނީ ނަސްލާއި، ކުލައާއި، ޖިންސާއި، ބަހާއި، ދީނާއި، ސިޔާސީގޮތުން ނުވަތަ އެހެންވެސް ކަމަކާ ގުޅޭގޮތުން ވިސްނުން ގެންގުޅޭ ގޮތާއި، ވަކި ޤައުމަކަށް ނުވަތަ މުޖުތަމަޢަކަށް ނިސްބަތްވުމާއި، މުދާ ލިބިހުރުމާއި، އުފަންވީ ޢާއިލާއެއްގެ ސަބަބުން ޤަދަރުވެރިވުމާއި، އެހެންވެސް ސަބަބަކާ ހުރެ ޤަދަރުވެރިވުންފަދަ، އެއްވެސް ބާވަތެއްގެ މިންގަނޑަކުން ތަފާތު ކުރުމެއް ނެތިއެވެ. އިންސާނީ ޙާއްޤުތަކުގެ ތެރޭގައި އެންމެ އަސާސީ ޙައްޤު ކަމަށްވާ ދިރިހުރުމުގެ ޙައްޤުން ފެށިގެންގޮސް ފުރިހަމަ ޙަޔާތެއް ހޭދަކުރުމަށް ބޭންންވާ ތަޢުލީމުގެ ޙައްޤާއި މަސައްކަތްކުރުމުގެ ޙައްޤު ހިމެނެއެވެ. ދިރިއުޅުމާއި ގުޅޭ ނިންމުންތައް ނިންމުމަށާއި އިންސާނާ ގާބިލުމިހަކަށް ހަދައިދިނުމަށާއި ޤަދަރުވެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުން ބިނާކުރުމަށް އިންސާނީ ޙައްޤުތައް މަގުފަހިކޮށްދެއެވެ. ހަމައެހެންމެ ބިރުވެރިކަމާއި ފުރައްސާރަކުރުމާއި ތަފާތުކުރުންތަކުން މިންޖުވެފައިވާ މުޖްތަމައެއް ބިނާކުރެވޭނީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީގެންނެވެ. އެގޮތުން، އިންސާނީ ޙައްޤުތަކުގެ މައިގަނޑު އަސާސްތައް ބިނާވެގެންވަނީ، އިންސާނީ ކަރާމަތާއި، ހަމަހަމަކަމުގެ މައްޗަށެވެ. އިންސާނީ ޙައްޤުތަކަކީ، އަބުރުވެރި ދިރިއުޅުމަކަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ މިންގަނޑުތައް ކަނޑައަޅައިދޭ މަގެއްގެ ގޮތުގައިވެސް މާނަކުރެވިދާނެއެވެ.

އިންސާނީ ޙައްޤުތަކާއި ގުޅިފައިވާ މައިގަނޑު ސިފަތައް:

- ދޫކޮށްނުލެވޭ، ވަކިނުކުރެވޭ: އިންސާނީ ޙައްޤުތަކަކީ އިންސާނާގެ ކިބައިގައި ހުންނާނެ ޙައްޤުތަކެވެ. އެ ޙައްޤުތަކަކީ އިންސާނަކަށްވީތީ އަށަގެންފައިވާ ޙައްޤުތަކެކެވެ. އިންސާނަކަށްވުން ހުއްޓާނުލެވޭނެ ފަދައިން، މިޙައްޤުތައްވެސް ގެއްލިގެން ނުދާނެއެވެ.
- އެއް ޙައްޤު އަނެއް ޙައްޤާއި ގުޅިފައިވުން، ބައިބައި ނުކުރެވުން، ބަރޯސާވުން: ވަކި ޙައްޤަކީ މުހިއްމުކަން ކުޑަ ނުވަތަ ބޭނުންތެރި ޙައްޤެއް ނޫންކަމަށް ފެންނާތީ، އެ ޙައްޤުން މަޙްރޫމެއް ނުކުރެވޭނެއެވެ. އިންސާނީ ކޮންމެ ޙައްޤަކީވެސް، ގުޅި ލާމެހިފައިވާ ނިޒާމެއްގައި އެކުލެވޭ ޙައްޤުތަކެކެވެ. އެއް ޙައްޤެއް އަނެއް ޙައްޤަކާ އެކަހެރިކޮށް ނުބެލޭނެއެވެ. އެއް ޙައްޤެއް ފުރިހަމަވެގެންދާނީ އެހެން އެތައް ޙައްޤުތަކެއްވެސް ލިބިގެންނެވެ. ވަކި ޙައްޤެއް އަނެއް ޙައްޤަކަށްވުރެ މުހިއްމެއްވެސް ނުވާނެއެވެ.
-          އެންމެނަށް ލިބިފައިވުން: އިންސާނީ ޙައްޤުތަކަކީ މުޅިދުނިޔެއަށް ޢާންމުވެފައިވާ ޙައްޤުތަކެކެވެ. މިއީ އިންސާނީ ޙައްޤުތަކުގެ މައިގަނޑު އެއް ސިފައެވެ. އޭގެ މާނައަކީ ކޮންމެ މީހަކަށްވެސް ހަމަހަގޮތެއްގައި އިންސާނީ ޙައްޤުތައް ލިބެންޖެހޭނެކަމެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ އަދި ރައްކާތެރިކޮށްދޭންޖެހޭ ޙައްޤުތައް އެންމެ ފުރަތަމަ ކަނަޑައެޅިގެން ދިޔައީ 10 ޑިސެމްބަރ 1948 ގައި އދ. މަޖިލީހުގެ ޢާއްމު ޖަލްސާއިން ފާސްކޮށް އިޢުލާނު ކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރުގައެވެ. އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރާއި، މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އެއްކޮށްލުމުން އެއީ އިންސާނީ ޙައްޤުތަކުގެ ޤާނޫނެވެ.

ދިވެހިރާއްޖޭގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައެވެ. މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު (6/2006) ގައި އިންސާނީ ޙައްޤުތައް މާނަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތަކަށާއި، ބައިނަލްއަޤްވާމީ މުއާޙަދާތަކާއި ޤަރާރުތަކުގެތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާޙަދާތަކާއި ޤަރާރުތަކުގައި ކަނޑައަޅާފައިވާ ޙައްޤުތަކުގެ ތެރެއިން، އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ޙައްޤު ތަކަށެވެ.

މުހިއްމު ޑޮކިއުމެންޓްތައް

ސުވާލުތައް


ދިވެހިރާއްޖޭގައި އިންސާނީ ޙައްޤެއްކަމުގައި ބެލެވެނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ޙައްޤުތަކަށާއި ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތަކުގެ ތެރެއިން އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ޙައްޤުތަކަށް. މިއީ 2008 ގައި ފާސްކޮށްފައިވާ ޤާނޫނުއަސާސީގައި އިންސާނީ ޙައްޤުތައް މާނަކުރުމުގައި ބަލާފައިވާ މިންގަނޑު.

އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އޮންނަނީ ދައުލަތުގެ މައްޗަށް. މިގޮތުން ދައުލަތުގެ އެކި ބާރުތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޙައްޤުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންވެގެންވޭ. ވެރިކަން ކުރާ ބާރުން، ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރޭ. މިސާލަކަށް، ތަޢުލީމު ލިބުމުގެ ޙައްޤު ފޯރުކޮށްދިނުމުގެ ގޮތުން، ސްކޫލްތައް އެޅުމާއި ހިންގުމާއި، ޓީޗަރުން ހޯދުމާއި ތަމްރީނުކުރުމާއި، ފަށާ ތަޢުލީމާއި، މެދުމަދުރަސީ ތަޢުލީމު ޙާސިލުކުރާ ކުދިންނަށްހިލޭ ކިޔެވޭނެ ގޮތް އިންތިޒާމުކުރަނީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން.

އިޙްތިރާމްކުރުން:

ދައުލަތުން އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ މާނައަކީ އެއްވެސް މީހެއްގެ އިންސާނީ ޙައްޤަކަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް ސަރުކާރުން ނުވަތަ ދައުލަތުން ނުކުރުން. އަދި ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤުތަކަށް އިޙްތިރާމް ކުރުން. މިސާލަކަށް ދައުލަތުގެ ފަރާތަކުން އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވާނެ. ހަމަ އެފަދައިން ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތީން ޚިޔާލުފާޅުކުރުމުގެ ސަބަބުން އެމީހަކަށް އަދަބު ދިނުމަކީ އިޙުތިރާމް ނުކުރުން.

ރައްކާތެރިކޮށްދިނުން:

އިންސާނީ ޙައްޤުތައް ދައުލަތުން ރައްކާތެރިކޮށްދިނުމުގެ މާނައަކީ އެހެން ފަރާތްތަކުން ހިންގާފާނެ އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތަކުން މީހުން ރައްކާތެރިކުރުން. މިސާލަކަށް ގެވެށި އަނިޔާއިން އަންހެނުން ސަލާމަތްކުރުމަށްޓަކައި އެކަށީގެންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ދައުލަތުން އެކުލަވާލުމާއި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން ހިމެނޭ.

ފޯރުކޮށްދިނުން:

ދައުލަތުން އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގެ މާނައަކީ އިންސާނީ ޙައްޤުތައް ފަރުދުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުން. މިސާލަކަށް ފަރުދުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ހޮސްޕިޓަލްތައް އެކި ކަންކޮޅުތަކުގައި ޤާއިމުކޮށް، ތަޖުރިބާކާރު ޑޮކްޓަރުން ހޯދައި، ޑޮކްޓަރުން ތަމްރީންކުރުން.

އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ފަރުދުންގެ އަދި މުޖުތަމަޢުގެ ޒިންމާއަށް ބަލާލާއިރު ކޮންމެ ފަރުދަކަށް ލިބިގެންވާ ޙައްޤުތަކާއެކު އަންނަ ޒިންމާތަކެއްވޭ. އެގޮތުން ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކަކާއި ވާޖިބުތަކެއް ހިމެނޭ. އިންސާނީ ޙައްޤުތައް ހޯދާ ލިބިގަތުމަށްޓަކައި މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް. ދައުލަތުން އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމަށްޓަކައި ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދީފައި އޮތް ކަމުގައިވި ނަމަވެސް އެޙައްޤުތައް ހޯދާ ލިބިގަތުމަށް މަސައްކަތްނުކުރާހާ ހިނދު އެޙައްޤު އެންމެ އެކަށޭނަ ގޮތުގައި ލިބުމުގެ ދަތިތަކެއް ހުރެދާނެ. މީގެ އިތުރުން ދައުލަތުން އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތްތަކަށް ކޮންމެ މީހަކު ވެސް އިޙްތިރާމްކުރަންޖެހޭ. އަދި ހަމައެހެންމެ އެކަކު އެނަކަކުގެ ޙައްޤަށް ރައްކާތެރިވެ ތިމާގެ ޙައްޤުގެ ބޭނުން ހިފާއިރު އަނެކާގެ ޙައްޤަށް އުނިކަމެއް ނާންނާނެހެން ޢަމަލުކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގައި، ކޮންމެ މީހަކަށްމެ ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސެއް.