ކުޑަކުދިން ހައްޤު

ކުޑަކުދިންނަކީ ބޮޑެތި މީހުންނެކޭ އެއްފަދައިން އިންސާނީ ޙައްޤުތައް ލިބިގެންވާ، އަދި ފުރިހަމަ ޙައްޤުތައް ލިބިގެންވާ ބައެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. ކުޑަކުދިންނަށް ޚާއްސަގޮތެއްގައި ބޭނުންވާ ކަންކަމާއި އެކުދިންގެ ނާޒުކުކަމުގެ ސަބަބުން ކުދިން ނަހަމަގޮތުގައި ބޭނުންކުރުމާއި ގޯނާގެ ޝިކާރައަކަށްވުމުގެ ފުރުސަތު އޮތުމުން  އެކުދިންނަށް ޚާއްސަގޮތެއްގައި ލިބިދޭންޖެހޭ  ޙައްޤުތަކެއްވެއެވެ.1989 ވަނަ އަހަރު ދުނިޔޭގެ ލީޑަރުން ވަނީ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުޢާހަދާ ފާސްކޮށް، ދުނިޔޭގެ ކުޑަކުދިންނާމެދު ތާރީޚީ ވަޢުދެއް ވެދެއްވާފައެވެ. މިއީ ތާރީހުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ތަސްދީގުކުރި އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާއަށް ވެފައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދިރިއުޅުން ބަދަލުކުރުމަށް މަގުފަހިވެގެންދިޔައެވެ. މި މުޢާހަދާއަކީ ހުރިހާ ކުދިންގެ އިންސާނީ ކަރާމާތާއި، އެކުދިންގެ ދުޅަހެޔޮކަމާއި، އެކުދިންގެ ތަރައްޤީ ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރާ މުޢާހަދާއެކެވެ. މި މުއާހަދާގައި ވަކިންޚާއްސަކޮށް ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހެދި ބޮޑުވުމުގެ ޙައްޤާއި  އަނިޔާއިން ރައްކާތެރިވުމާއި، ކުއްޖާއަށް އަސަރުކުރާ އެންމެހައި ކަންކަމުގައި ކުއްޖާގެ އަޑުއެހުމުގެ ޙައްޤު ހިމެނެއެވެ.
2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުގައިވާގޮތުން، ދިވެހިރާއްޖޭގެ އާބާދީގެ 33 އިން ސައްތަ ޙިއްސާކުރަނީ ކުޑަކުދިންނެވެ.  ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދިންނަށް ލިބިގެންވާ ޙައްޤެކެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީ ގޮތުން އަނިޔާކޮށް، އެއްވެސް ގޮތަކުން ތަފާތުކޮށް، އެކަށީގެންނުވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމުގައި ކުޑަކުދިން ބައިވެރިކޮށް، އެ ކުދިންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.