ސިޔާސަތާއި ގާނޫނު

ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ނ) އަދި (ކ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނެއް ނުވަތަ ޤަވާއިދެއް ނުވަތަ އިދާރީ އުޞޫލެއްގެ ސަބަބުން އެއްވެސް މީހެއްގެ އިންސާނީ ޙައްޤަކަށް އުނިކަމެއް ލިބޭތޯ ބެލުމާއި، މިފަދަ އުނިކަން ހުރިނަމަ އެކަމެއް ރަނގަޅުކުރަން ހުށަހެޅުމާއި، މި މާއްދާގެ (ޅ) ގެ ދަށުން އަލަށް އެކުލަވާލާ ޤާނޫނާއި ޤަވާޢިދުތަކާއި އިދާރީ އުޞޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކާގުޅޭ މަޝްވަރާއާއި ލަފާދިނުމާއި، މި މާއްދާގެ (އ) ގެ ދަށުން، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާ ގުޅޭގޮތުން ސަރުކާރަށް ލަފާދިނުންހިމެނެއެވެ.
ހަމައެހެންމެ، މި ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން، ޝަރީޢަތަށް މައްސަލަ ހުށަހެޅުމާއި، ކޮމިޝަނުގެ ފަރާތުން މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތުކުރުމާއި، މިނޫން ގޮތްގޮތުންވެސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ނަމުގައި ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މީގެއިތުރުން، ޤާނޫނު ނަންބަރު: 19/2020 ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޤާނޫނުއަސާސީއާ ޤާނޫނު ތަކާއި ދިވެހިރާއްޖޭއިން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާއި ބެހޭ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އަނިޔާ ލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާއި ދިފާޢީ ވަކީލުންނާއި ޝަރީޢަތްތައް އަޑުއެހުމަށް ހާޒިރުވާ މީޑިއާގެ ފަރާތްތަކާއި އާއްމުންނަށް ޝަރުޢީ މަރުހަލާގައި ލިބިދޭކަން ކަށަވަރު ކުރުމުގެ ގޮތުން ޝަރީޢަތް ކުރިއަށްދާގޮތް އޮބްޒަރވްކޮށް އިންސާނީ ޙައްޤުތަކުގެ ނަޒަރުން އިސްލާޙު ކުރަން ފެންނަ ކަންކަން ކޯޓުތަކަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.