އެން.ޕީ.އެމްއަށް ލިބިދޭ ޤާނޫނީ އަދި އެހެނިހެން ބާރުތައް


ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ން ލިބިދޭ ބާރުތައް

1. 21 ވަނަ މާއްދާގެ (ނ) - ޝަރްޢީ ޙުކުމެއްގެ ދަށުން ނުވަތަ ޤާނޫނީ އަމުރެއްގެ ދަށުން، ބަންދުކޮށްފައި މީހުން ތިބޭ ކޮންމެ ތަނަކަށް ވެސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިޝަނުގެ މެންބަރަކު ނުވަތަ މެންބަރުން ކަނޑައަޅާ ބަޔަކު ކޮމިޝަންގެ މެންބަރަކާއެކު ނުވަތަ މެންބަރުންނާއެކު ކޮމިޝަނުން ކަނޑައަޅާ ވަގުތެއްގައި ކަމާބެހޭ ފަރާތަށް ކުރިން އެންގުމަކާނުލާ ޒިޔާރަތްކުރުމުގެ ބާރު
2. 21 ވަނަ މާއްދާގެ (ރ) - އެން.ޕީ.އެމްއިން ކުރާ ޒިޔާރަތްތަކުގައި ބަންދުގައިތިބޭ މީހުންގެ، އިންސާނީ ޙައްޤުތަކަށް އުނިކަމެއް އައިސްފައި ނުވަތަ ގެނެސްފައިވޭތޯ ބަލައި، އެ މީހުންގެ މަސްލަޙަތުތައް ބަލައި ދިރާސާކޮށް، އެ މީހުން ބަންދުގައި ތިބޭ ތަންތަނުގެ ވަސީލަތްތައް ރަނގަޅު ކުރަންޖެހޭކަމަށް ފެންނަނަމަ، ނުވަތަ އެ މީހުންނަށް ލިބިދޭ ޢިނާޔަތްތައް އިޞްލާޙުކުރަން ޖެހޭކަމަށް ފެންނަނަމަ، އެ ކަންކަމާ ގުޅޭގޮތުން ކޮމިޝަނަށް ފެންނަގޮތް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅުމުގެ ބާރު

ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013)ން ލިބިދޭ ބާރުތައް

1. ޤާނޫނުގެ 17 ވަނަ މާއްދާ – ދައުލަތުގެ ބެލުމުގެދަށުގައި މީހުން ނުވަތަ ކުދިން ބައިތިއްބާ މަރުކަޒުތަކާއި އެންމެހައި ތަންތަނުގެ ނަމާއި އެތަނެއް ހުރިރަށާއި އެ ތަނެއްގެ އެޑްރެސް އަދި އެއިން ކޮންމެ ތަނެއްގައި ބަންދުގައި ތިބި ފަރާތްތަކުގެ އެންމެހައި މަޢުލޫމާތު ލިބިގަތުމުގެ ބާރު
2. ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) – އަނިޔާކުރުމާއި ރަޙުމްކުޑަ ޢަމަލު ހިންގުމާއި ލާއިންސާނީ ޢަމަލު ހިންގުމާއި އިހާނެތި ޢަމަލު ހިންގުމާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، މިޤާނޫނުގެ ދަށުން ކުށްކަމުގައި ކަނޑަލަޢާފައިވާ ޢަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު

އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގެ ދަށުން ލިބިދޭ ބާރުތައް

1. އޮޕްކެޓްގެ 4 ވަނަ މާއްދާ - މި ޕްރޮޓޮކޯލްއާއި އެއްގޮތްވާގޮތުގެ މަތިން، ކޮންމެ ދައުލަތަކުން ވެސް އެ ދައުލަތެއްގެ އިޚްތިޞާޞާއި، ބާރު ހިނގާ ސަރަހައްދުގައި، ދައުލަތުގެ އިދާރާއެއްގެ އަމުރެއްގެ ދަށުން، ނުވަތަ އިސްނެގުމުން ނުވަތަ އެފަދަ ފަރާތެއްގެ ރުހުމާއެކު، ނުވަތަ އެނގުމުގައި، މިނިވަންކަން ގެއްލޭގޮތަށް ނުވަތަ މިނިވަންކަމުން މަޙްރޫމްވާފަދަ ގޮތަކަށް މީހުން ބަންދުކޮށްފައި ތިބެދާނޭ ތަންތަނަށް ޒިޔާރާތްކުރުމުގެ ފުރުސަތު ފަހިކޮށް، އޮޕްކެޓްގެ 18 ވަނަ މާއްދާގެ (ހ) – މިނިވަން ތަނެއްގެ ގޮތުގައި ހިންގުމުގެ ބާރު
2. އޮޕްކެޓް ގެ 19 ވަނަ މާއްދާ - ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްތައް ޤާއިމްކުރެވިފައި ހުންނަންވާނީ، އެންމެ ކުޑަމިނުން އަންނަވި ބާރުތައް ލިބިދިނުމާއެކުކަމަށް ބާޔާންކޮށްފައިވެއެވެ. އެގޮތުން؛
(ހ) އަނިޔާވެރި، ލާއިންސާނީ، ދަށުދަރަޖައިގެ ޢަމަލްތައް ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން، ހުއްޓުވައި މިފަދަ ޢަމަލުތަކުން ރައްކާތެރިކުރުމަށް އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން،  މިނިވަންކަން ގެއްލޭގޮތަށް، ބަންދު މަރުކަޒުތަކުގައި ބަންދުކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރެވޭގޮތް 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގަވާއިދުން ބެލުމުގެ ބާރު
(ށ) މިނިވަންކަން ގެއްލޭގޮތަށް ބަންދުކުރެވޭ މީހުންނާ މެދު ޢަމަލުކުރެވޭގޮތާއި، މި ފަރާތްތައް ބައިތިއްބާ ތަންތަނުގެ ޙާލަތު އިޞްލާޙުކުރުމުގެ މަޤްޞަދުގައި، އދ.ގެ ކަމާ ގުޅުންހުރި މިންގަނޑުތަކަށް ރިޢާޔަތްކުރުމާއެކު، ކަމާގުޅުންހުރި އިދާރާތަކަށް ހުށަހެޅުންތައް ހުށަހެޅުމުގެ ބާރު
(ނ) މިހާރު ހެދިފައިވާ، އަދި އަލަށް ހެދޭ ޤާނޫނުތަކަށް ގެންނަން ފެންނަ އިޞްލާހުތަކާއި، ފާހަގަކުރެވޭކަންކަން ހުށަހަޅުމުގެ ބާރު،
3. އޮޕްކެޓް ގެ 20 ވަނަ މާއްދާ - ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ފުރުޞަތުދިނުމަށްޓަކައި، މި މުޢާހަދާ ތަޞްދީޤްކޮށްފައިވާ ދަޢުލަތްތަކުން، އަންނަނިވި ކަންކަމަށް މަގުފަހިކޮށްދޭންވާނެކަމަށް ބާޔާންކޮށްފައިވެއެވެ.
)ހ) 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މިނިވަންކަން ގެއްލޭގޮތަށް ބަންދު މަރުކަޒުތަކުގައި ބަންދުކުރެވޭ ފަރާތްތަކާއި ބެހޭ އެންމެހާ މަޢުލޫމާތާއި، މިގޮތަށް ބަންދުކުރެވޭ މަރުކަޒުތަކުގެ އަދަދާއި، މި ތަންތަން ހުރި ތަނާއި ގުޅޭ މަޢުލޫމާތާއި؛
(ށ) މި ފަރާތްތަކާ މެދު ޢަމަލުކުރެވޭގޮތާއި، މި ފަރާތްތައް ބައިތިއްބާ ތަންތަނުގެ ޙާލަތާއި ގުޅޭ މަޢުލޫމާތާއި؛
(ނ) ބަންދު މަރުކަޒުތަކާއި، މި ތަންތަނުގައިވާ މާއްދީ ތަކެއްޗާއި، ވަސީލަތްތައް ބެލުމުގެ ފުރުޞަތާއި،
(ރ) މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެދަށުގައި ބައިތިއްބާފައިތިބޭ ފަރާތްތަކާ ވަކިން، ނުވަތަ ބޭނުންވެއްޖެ ހިނދެއްގައި ތަރުޖަމާނަކާއިއެކު، ނުވަތަ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ޤަބޫލުކުރާ، އެ މެކޭނިޒަމްއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީފާނޭކަމަށް ބެލެވޭ ކޮންމެ މީހަކާއެކު،  އިތުރު މީހެއްގެ ހާޒިރުވުމެއްނެތި، ބައްދަލުކޮށް، ވާހަކަ ދެއްކުމުގެ ފުރުޞަތާއި،
(ބ) ޒިޔާރަތް ކުރާނެ ތަންތަން ކަނޑްއެޅުމުގެ ބާރާއި، އެތަންތަނުން ބައްދަލުކުރާނެ ފަރާތްތައް ގަނޑައެޅުމުގެ ބާރު، އަދި؛
(ޅ) ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރ އާ މުޢާމަލާތްކޮށް، މަޢުލޫމާތު ޙިއްޞާކޮށް، ބައްދަލުކުރުމުގެ ޙައްޤު،