އަނިޔާއިން ރައްކާތެރިވުން

އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ބަޔާން ކޮށްފައިވާގޮތުން، އަނިޔާއަކީ މީހެއްގެ ކިބައިން ނުވަތަ އެހެން ތިންވަނަ ފަރާތަކުން ކޮށްފައިވާ ނުވަތަ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަކަށް އަދަބުދިނުމުގެ ނިޔަތުގައި ނުވަތަ މީހަކަށް ނުވަތަ އެހެން ތިންވަނަ ފަރާތަކަށް ބިރުދެއްކުމަށްޓަކައި، ނުވަތަ މަޖުބޫރު ކުރުވުމަށްޓަކައި ނުވަތަ އެއްވެސް ކަހަލަ ސަބަބެއްގެ މައްޗަށް ބުރަވެ ތަފާތުކުރުމެއް ގެނައުމަށްޓަކައި، ރަސްމީ އިދާރާއެއްގެ މީހެއްގެ ފަރާތުން، ނުވަތަ ރަސްމީ ޙައިސިއްޔަތަކުން ޙަރަކާތްތެރިވާ މީހެއްގެ ފަރާތުން، ނުވަތަ އެފަދަ މީހެއްގެ އިސްނެގުމުން، ނުވަތަ ރުހުމުގައި، ނުވަތަ އެނގިހުރެ ޤަސްދުގައި ކުރާ ޢަމަލަކުން، ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން މީހަކަށް ލިބޭ ތަދާއި ވޭނެވެ.

ބައިނަލްއަޤްވާމީ މުއާހަދާތައް

އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ

އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ ނުވަތަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯ ޑިގްރޭޑިންގ ޓްރިޓްމަންޓް އޮރ ޕަނިޝްމަންޓް (ކެޓް) އަކީ ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެ 1987 ވަނަ އަހަރުގެ  ޖޫން މަހުގެ 26ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ މުޢާހަދާއެކެވެ. ދިވެހިރާއްޖެއިން މި މުޢާހަދާ ތަސްދީޤު ކޮށްފައިވަނީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ  19ވަނަ ދުވަހުގައެވެ. އަދި އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ އިޚްތިޔާރީ މުޢާހަދާ (އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯ ޑިގްރޭޑިންގ ޓްރިޓްމަންޓް އޮރ ޕަނިޝްމަންޓް (އޮޕްކެޓް) ދިވެހިރާއްޖެއިން ވަނީ 2006 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުތަސްދީގުކޮށްފައިވެއެވެ. މި އިޚްތިޔާރީ މުޢާހަދާގެ ދަށުން ކޮންމެ ދައުލަތަކުންވެސް އެދައުލަތެއްގެ ބާރު ހިނގާ ސަރަހައްދެއްގައި އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އެއް ޤާއިމުކުރުމަށް ލާޒިމުކުރެއެވެ. މިގޮތުން ދިވެހި ދައުލަތުން، ދިވެހިރާއްޖޭގެ އެން.ޕީ.އެމް އެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (ކޮމިޝަން) 2007 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ވަނީ ހަމަޖައްސާފައެވެ. އަދި 2008 ވަނަ އަހަރުގު އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ކޮމިޝަނުގެ ފަރާތުންވަނީ އެން.ޕީ.އެމްގެ މަސައްކަތް ރަސްމީގޮތުން ފަށާފައެވެ.
މި މުޢާހަދާގައި ބަޔާންކޮށްފައިވާގޮތުން، ފުލުހުންގެ ތަންފީޒީ އިދާރާތަކާއި، ޖަލުތަކާއި،  ކަސްޓޯޑިއަލްފަދަ ތަންތަނާއި، ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަލަހައްޓާ އެންމެހާ ތަންތަނުގައި މަސައްކަތްކުރާ މީހުނަކީ އަނިޔާކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ހޭލުންތެރި އަދި މިފަދަ ތަމްރީންތައް ކޮންމެހެންވެސް ލިބިގެންތިބި ބަޔަކަށް ވާންޖެހެއެވެ.

އެންޓި ޓޯޗަރ ޤާނޫނު 2013

އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ  އަދި މި މުޢާހަދާގެ އިޚްތިޔާރީ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ދިވެހިރާއްޖޭގައި އެންމެ އެކަށީގެންވާ ގޮތުގައި ކުރުމަށް، 2013 ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ  ތަސްދީޤުކުރައްވާފައެވެ. މިއީ، ދިވެހިރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމާއި، އެދަފަ އަދަބުދޭ ފަރާތްތަކާއި އެފަދަ އަމަލު ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުނމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މުހިއްމު ޑޮކިއުމެންޓްތައް:

ސުވާލުތައް


އެންޓި ޓޯޗަރ ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ޓޯޗަރ އަކީ މުތުލަގް ޙައްޤެއްކަމުގައާއި އެއްވެސް ޙާލަތެއްގަ ނުހިފެއްޓޭނެ ޙައްޤެއް ކަމުގައި ކަނޑައެޅުމެވެ. މިސާލަކަށް ހަނގުރާމައިގެ ޙާލަތުގައި ވިޔަސް، ކުއްލި ނުރައްކަލުގެ ޙާލަތުގައި ވިޔަސް، ނުވަތަ ޤުދުރަތީ ކާރިސާއެއްގަ ވިޔަސް، އެއްވެސް ޙާލަތެއްގައި ނުހިފެހެއްޓޭނެ ޙައްޤެއްކަން ކަނޑައެޅުމާއި، ޓޯޗަރއަކީ ވަކިކުށެއްކަމުގަ ކަނޑައެޅުމުގެ އިތުރުން، ބަންދުގަ ތިބޭ މީހުންނަށް އެމީހުންގެ އިންސާނީ ޙައްޤުތައް ކޮންމެ ޙާލެއްގައިވެސް ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރުން، ދިވެހިރާއްޖެ ބައިވެރިވާ މުޢާޙަދާތަކަށް ޤާނޫނީ ބާރުދިނުމާ، އަނިޔާލިބޭ މީހުންނަށް އިންސާފުވެރި ބަދަލެއް ހޯދައިދޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި ދިވެހި ރާއްޖޭގަ ޓޯޗަރކުރުން މަނާކުރުމާ، ހުއްޓުވުމާ، ރަޙުމްކުޑަ ލާއިންސާނީ އަދި އިހާނެތި ޢަމަލު ހިންގުން މަނާކުރުމާ، ހުއްޓުވުމާ، އިންސާނީ ކަރާމާތްގެއްލޭފަދަ އަދަބުދިނުން މަނާކުރުމާ ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތައް ބަޔާންކޮށް، އެފަދަ އުސޫލުތައް ބަޔާންކުރުމާ، އެފަދަ އަދަބުތައްދޭ ފަރާތްތަކާ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގަ ކަނޑައަޅާ، އެފަރާތްތަކަށް އަދަބު ދިނުމުގެ އުސޫލުތައް ބަޔާންކުރުންވެސް މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އޮންނަނީ ދައުލަތުގެ މައްޗަށް. މިގޮތުން ދައުލަތުގެ އެކި ބާރުތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޙައްޤުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންވެގެންވޭ. ވެރިކަން ކުރާ ބާރުން، ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރޭ. މިސާލަކަށް، ތަޢުލީމު ލިބުމުގެ ޙައްޤު ފޯރުކޮށްދިނުމުގެ ގޮތުން، ސްކޫލްތައް އެޅުމާއި ހިންގުމާއި، ޓީޗަރުން ހޯދުމާއި ތަމްރީނުކުރުމާއި، ފަށާ ތަޢުލީމާއި، މެދުމަދުރަސީ ތަޢުލީމު ޙާސިލުކުރާ ކުދިންނަށްހިލޭ ކިޔެވޭނެ ގޮތް އިންތިޒާމުކުރަނީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން.

ހިއުމަން ރައިޓްސް ކޮމިޝަނަކީ އެންޓި-ޓޯޗަރ އެކްޓް ޤާނޫނުގެ ބެލެނިވެރި ފަރާތަށް ވެފަވާތީވެ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ޤާނޫނުގެ ތެރެއިން ކޮމިޝަނަށް ލާޒިމުކުރާ ކަންތައްތަކެއްވެއެވެ. މިސާލަކަށް އަނިޔާއެއް ހިނގައިފިއްޔާ އެއަނިޔާއެއް ތަޙްޤީގުކުރަން ކޮމިޝަނަށް ލާޒިމުކުރެއެވެ. އަދި މީގެ އިތުރުން ދަޢުލަތުގެ ބެލުމުގެ ދަށުގަ މިނިވަންކަން ގެއްލޭގޮތަށް ބަންދުކޮށްފައިވާ ކުޑަކުދިންނާ މީހުން ތިބޭ ތަންތަނަށް ޒިޔާރަތްކޮށް އެކަންކަން މޮނިޓަރކޮށް އިންސްޕެކްޓްކުރުމުގެ ޒިންމާވެސް، ކޮމިޝަންގައި ޤާޢިމުވެފައިވާ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކުރިޔަށްގެންދެއެވެ. އެއާއިއެކު ހޭލުންތެރިކޮށް، ތަމްރީންކުރުމުގެ ޒިންމާއެއްވެސް އެބައާދޭ ހިއުމަން ރައިޓްސް ކޮމިޝަނަށް އޮވެއެވެ. އެއީ، މިގޮތަށް ބަންދުކޮށްފައިވާ ތަންތަނުގެ މަސައްކަތްކުރާ މުއައްޒަފުންނާ، ސިއްޙީ ދާއިރާގަ މަސައްކަތްކުރާ މުއައްޒަފުންނާ، ސިއްޙީ ދާއިރާގަ މަސައްކަތްކުރާ މުއައްޒަފުންނާ، ސިފައިންނާ ފުލުހުން އަދި ކަރެކްޝަންސްގަ މަސައްކަތްކުރާ އޮފިސަރުންނާ، މިހުރިހާ ފަރާތްތަކަށް އެންޓި-ޓޯޗަރ ޤާނޫނާއި، ބައިނަލްއަޤްވާމީ މުޢާޙަދާތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ދިރިހުރުމުގެ ޙައްޤާއި، މިނިވަންކަމުގެ ޙައްޤާއި، ތިމާގެ ނަފްސާއި ހަށިގަނޑު ރައްކާތެރިކުރުމުގެ ޙައްޤުލިބިގެންވާކަން ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވޭ. އަދި ކޮންމެ މީހެއްގެވެސް ފުރާނައަކީ ރައްކާތެރިވެގެންވާ އެއްޗެކެވެ. އެގޮތުން ރައްކާތެރި މާޙައުލެއް ޤާޢިމުކުރުމަކީ ދަޢުލަތުގެ ޒިންމާއެކެވެ. އަދި އެއްވެސް މީހަކު އަނިޔާވެރިކަމަށާއި، އޭނާގެ ޤަދަރަށް ކުޑާމީސްކަން ލިބެނިވި ގޮތްގޮތަށްކުރެވޭ މުޢާމަލާތްތަކަށާއި، އަދަބުތަކަށް ހުށަހެޅިގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންވެގެން ވެއެވެ. އެގޮތުން، ޤާނޫނު އަސާސީގެ 54 ވަނަ މާއްދާގައި އެއްވެސް މީހަކު ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނޭކަމާއި، އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއެވެސް މީހަކަށް ދީގެން ނުވާނޭކަމާއި، އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވާނޭކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ދަޢުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދާ މީހުންނާމެދު، ޢަމަލުކުރަންވާނީ އިޙްތިރާމާއެކު، އިންސާނުންނާއި މުޢާމަލާތުކުރުމަށް އެކަށީގެންވާގޮތަށް. އަދި އެއްވެސް ސަބަބަކާހުރެ، އެއްވެސް މީހެއްގެ ޙައްޤަކުން ނުވަތަ މިނިވަންކަމަކުން އެމީހަކު މަޙްރޫމްކުރެވޭނީ އެކަމަކަށް ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަމުގައިވެސް ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހަށް ރަސްމީ ގަޑިގައި އައިސް، ސިޓީ އެއް ނުވަތަ ކޮމިޝަނަށް މައްސަލަ ހުށަހަޅާ ފޯމު މެދުވެރިކޮށް، ނުވަތަ ކޮމިޝަންގެ ހިލޭ ގުޅޭ ނަންބަރ 1424 އަށް ގުޅައިގެންވެސް މައްސަލަ ހުށަހެޅޭނެއެވެ.