ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ލ. ގަން ޕޮލިސް ސްޓޭޝަންއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 ޖޫން 4 ން 5 އަށް ލ. ގަން ޕޮލިސް ސްޓޭޝަންއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ ލ.ގަން ޕޮލިސް ސްޓޭޝަނަށް 2014 އަދި 2019 ވަނަ އަހަރު ކޮށްފައިވާ ޒިޔާރަތްތަކުގައި ފާހަގަކުރެވިފައިވާ ކަންކަމާގުޅޭގޮތުން އެކުލަވާލައި ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކޮށްފައިވާ މިންވަރު ދެނެގަތުމާއި ތަންފީޛު ނުވެ ގިނަ ދުވަސްވެފައިވާ ހުށަހެޅުމެއް ހުރިނަމަ އެކަން ތަންފީޛުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމެވެ. އަދި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި މިފަދަ ފަރާތްތަކަށް ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާއްމު ޙާލަތާއި މުޥައްޒަފުންގެ އާންމު ޙާލަތު ދެނެގަތުމެވެ.
މި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓެއް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށާއި ލ. ގަން ޕޮލިސް ސްޓޭޝަނަށް ހިއްސާކުރުމަށް ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ލ. ގަން ޕޮލިސް ސްޓޭޝަނަށް އެން.ޕީ.އެމްއިން މިހާތަނަށް 5 ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން 2011،2012،2014،2015،2019 ގައި ޒިޔާރަތްކޮށްފައިވާއިރު މި ސްޓޭޝަނަށް ކޮށްފައިވާ 3 ޒިޔާރަތަކީ މޮނިޓަރިންގ ޒިޔާރަތްތަކެކެވެ. އަދި 2 ފޮލޯ-އަޕް ޒިޔާރަތެއް ވަނީ ކުރެވިފައެވެ.