ނުކުޅެދުންތެރިކަން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ވާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމުގައި ބަލަނީ ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމަޢުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކު ހިމެނޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހުންނެކޭ އެއްފަދައިން ހުރިހާ ޙައްޤުތައް ލިބިދޭންވާނެއެވެ. އެ ޙައްޤުތައް ފޯރުކޮށްދިނުމުގައި ނަސްލަށް، ކުލައަށް، ޖިންސަށް، ބަހުރުވައަށް، ދީނަށް، ސިޔާސީ ނުވަތަ ސިޔާސީ ފިކުރަކަށް، ގައުމަށް ނުވަތަ ތަނަވަސްކަން ހުރިމިންވަރަށް ބަލައިގެންނުވާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމުގެ ޙައްޤު، އެ މީހުންނަށް ލިބިގެންވެއެވެ. ހަމައެހެންމެ، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ލިބިގެންވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުންގެ މުދަލުން ތަޞައްރަފްކުރުމުގެ ޤާބިލްކަން ނެތް މީހެއްގެ މުދަލެއް ނުވަތަ އޭނާގެ ވާރުތައިން ލިބޭ މުދަލެއް ނުވަތަ ހަދިޔާގެ ގޮތުގައި ނުވަތަ ވަޤުފުގެ ގޮތުގައި ނުވަތަ އޭނާގެ މިލްކިއްޔާތުން، އިސްލާމީ ޝަރީޢަތާއެއްގޮތްވާ ގޮތުގެމަތިން ޚަރަދުކުރުމުގެ އިޚްތިޔާރު ޝަރުޢީ ނިޒާމުގެ ތެރެއިން އޭނާގެ ޙަވާލުދާރަށް ލިބިދެވިދާނެއެވެ. އަދި އޭނާގެ ޙަވާލުދާރު، އެ ބާރުގެ ބޭނުންކުރަންވާނީ ހަމައެކަނި އޭނާގެ ޙަވާލުގައި ހުރި އެ މުދަލުގެ ވެރިފަރާތުގެ ފައިދާއާއި ލާބައަށްޓަކައެވެ. މިނޫންގޮތަކަށް އެ ބާރުގެ ބޭނުންކުރުމަކީ މަނާކަމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްކުރެވިފައިވާ މާޙައުލާއި ތަންތަނާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މަޢުލޫމާތާއި، ކުރެވޭ މުޢާމަލާތުތަކާއި، މިނޫންވެސް ޢާންމުންނަށް ހުޅުވާލެވިފައިވާ ނުވަތަ ޢާންމު ވަސީލަތްތަކާއި ޚިދުމަތްތައް އެހެން މީހުންނެކޭވެސް އެއްފަދައިން، ހޯދައި ބޭނުންކުރުމުގެ ފުރުޞަތު އެމީހުންނަށް ލިބިދޭންވާނެއެވެ.

ނުކުޅެދުން ތެރިކަން ހުންނަފަރާތަކުގެ ޙައްޤުތައް ހިމާޔަތް ކުރުމުގައި އުފުލަންޖެހޭ ޒިންމާ ތަކަކީ ކޮބާ؟

  • ނުކުޅެދުން ތެރިކަންހުންނަމީހުންގެ ޙައްޤުތައް ހިމާތްކުރުމަށްޓަކއި ހަދަންޖެހޭ ޤާނުނުތަކާއި އިދާރީ ފިޔަވަޅުތައް ކަނޑައެލުން
  • ތަފާތު ކުރުން ނައްތާލުމަށްޓަކއި ޤާނޫތައް ހެދުމާއި އިދާރީ ފިޔަވަޅުތައް ކަންޑައެޅުން
  • ޕޮލިސީތަކާއި ޕުރޮގުރާމްތައް އެކުލަވާލެވޭއިރު ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤުތައް ރައްކާތެރި ކުރުން
  • ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ އަމަލުތައް ހުއްޓުވުން
  • ނުކުޅެދުންތެރިކަންހުންނަމީހުންގެ ޙައްޤުތަކަށް އާންމުންގެ ފަރާތުން ލިބެންވާ އިޙްތިރާމް ކަށަވަރު ކުރުން
  • ނުކުޅެދުންތެރިކަންހުންނަމީހުންގެ ޙައްޤުތަކަށް އަމިއްލަ ފަރާތްތަކުން ލިބެންވާ އިޙްތިރާމް ކަށަވަރު ކުރުން
  • ނުކުޅެދުންތެރިކަންހުންމީހުނަށް އަމާޒު ކުރެވިގެން އުފައްދާ ތަކެއްޗާ ގުޅޭ މައުލޫމާތު ހޯދުމާ ރިސާޗު ކުރުން އަދި ރިސާޗު ކުރުމަށް އެހެން ފަރާތަކަށް ހިތްވަރު ދިނުން
  • އެފަދަ އުފެއްދުންތަކާ ބޭހޭ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގުޅޭގޮތަށް މައުލޫމާތު ލިބޭނެގޮތްތައް ހަމަޖައްސައި ދިނުން

މުހިންމު ޑޮކިއުމެންޓްތައް