އިންސާނީ ޙައްޤަކީ އިންސާނިއްޔަތަށް ބޭނުންވާ އަސާސީ ކަންކަމެވެ. މިޙައްޤުތަކަކީ ކޮންމެ ތަނެއްގައި އަދި ކޮންމެ މީހަކަށް ވެސް ލިބިދޭން ޖެހޭ ޙައްޤެކެވެ. އެހެންކަމުން ކޮންމެ ފަރުދަކަށްވެސް އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު އެނގިފައި ހުރުމަކީ ވަކި ފަރުދެއްގެ ހައިސިއްޔަތުން އަދި ބަވަނަވީ މުޖުތަމަޢުއެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މުހިއްމުކަމެކެވެ. މިގޮތުން އިންސާނީ ޙައްޤުތަކަކީ ކޮބާ ކަމާއި ޙައްޤު ތަކާއި ވިދިގެން އަންނަ ޒިންމާތަކަކީ ކޮބައިކަން ކިޔަވާ ކުދިންނަށް ވެސް އެނގިގެން ދިއުމަކީ އަމާން އަދި ސުލްޙަވެރި މުޖުތަމައެއްގެ ބިންގަލެއްކަމަށް ވެގެން ދާނެއެވެ. ދަރިވަރުންނަށް އެންމެ ތުއްތު އިރުން ފެށިގެން އެކުދިންގެ ޙައްޤު ތަކަކީ ކޮބައި ކަމާއި އަދި އެހެން މީހުން ގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމުގެ މުހިންމުކަމުގެ މަޢުލޫމާތު ދީ އިންސާނީ ޙައްޤުތަކަށް އަޙުލުވެރިކުރުވުމުން، އެކުދިންނަކީ އިންސާނީ ޙައްޤުތަކާއި ގުޅިގެން އަންނަ ޒިންމާތައް އަދާ ކުރާ ބަޔަކަށް ވެގެން ދާނެއެވެ. ސްކޫލް ކުދިން އިންސާނީ ޙައްޤަށް އަހުލުވެރިކުރުވާ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ އަމަލީ މަސައްކަތުގައި އުޅުމުން އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް މުޖުތަމަޢުގައި އުފެދިގެން ދާނެއެވެ.މިގޮތުން އިންސާނީ ޙައްޤުތައް ކިޔަވާކުދިންނަށް އަންގައިދީ އަހުލުވެރި ކުރުވުމުގެ ގޮތުން ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކްލަބްތަކެއް ގާއިމު ކުރަން ވަނީ ނިންމަވާފައެވެ. މިކްލަބްތައް ހިންގާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެއްބާރުލުމާއި ޔުނިސްފްގެ އެހީތެރިކަމާއެކުއެވެ.