ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން އއ. ރަސްދޫ ޕޮލިސް ސްޓޭޝަންއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 ޖޫން 18 ން 19 އަށް އއ. ރަސްދޫ ޕޮލިސް ސްޓޭޝަންއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނަށް ޕޮލިސް ސްޓޭޝަނުގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. އަދި އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމާއި ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މީގެއިތުރުން އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަނެ ޕޮލިސް ސްޓޭޝަނުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުންވެސް މި ޒިޔާރަތުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓެއް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށާއި އއ. ރަސްދޫ  ޕޮލިސް ސްޓޭޝަނަށް ހިއްސާކުރުމަށް ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އއ. ރަސްދޫ ޕޮލިސް ސްޓޭޝަނަށް އެން.ޕީ.އެމްއިން 2013 ގައި ވަނީ ޒިޔާރަތެއްކޮށްފައެވެ.