ދުނިޔޭގެ އާބާދީ ދުވަސް – އުޖާލާ މުސްތަޤްބަލަކަށް އިންސާނީ ޙައްޤުތައް ކަށަވަރުކުރަމާ އައު

11 ޖުލައި 2026

ކޯޕަރޭޓް ސަޕޯޓް ޑިޕާޓްމަންޓް

(PR)168-PPA/168/2026/16

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހަކީ، ދުނިޔޭގެ އާބާދީއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާ، ހަމަހަމަކަމާ، އަދި އިންސާނީ ޙައްޤުތަކާ އެކަންކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުވާލާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ، އެއްވެސް ތަފާތުކުރުމެއް ނެތި، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ކަރާމާތާއެކު ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. 2026 ވަނަ އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުގެ ޝިއާރު ކަމަށްވާ،
  "Realizing the hopes and aspirations of young people – today and for the future."
ނުވަތަ "ޒުވާނުންގެ އުންމީދުތަކާއި ތަޞައްވުރުތައް ޙަޤީޤަތަކަށް ހެދުން – މިއަދާއި މުސްތަޤުބަލަށްޓަކައި" މި ޝިއާރުން ބާރުއަޅަނީ ޒުވާނުންގެ ޤާބިލުކަން ފުރިހަމައަށް ބޭނުންކުރުމަށާއި، މުޖުތަމައުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި ދެމެހެއްޓެނިވި މުސްތަޤުބަލަކަށް މަގުފަހިވާނެ މާޙައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޒުވާނުންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ޒުވާނުންގެ ކިބައިގައިވާ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި ތަޢުލީމާއި ދުޅަހެޔޮ ޞިއްޙަތަކީ ނުހަނު ބޭނުންތެރި ކަންކަމެވެ. ޤާނޫނުއަސާސީގެ 36 ވަނަ މާއްދާއާއި އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރުގެ (ޔޫ.ޑީ.އެޗް.އާރް) 26 ވަނަ މާއްދާގައި ތަޢުލީމު އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ. އަދި މީގެއިތުރުން، ޤާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ދަށުން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެކެވެ. ފެންވަރު ރަނގަޅު ތަޢުލީމުގެ ސަބަބުން ޒުވާނުންނަށް މަޢުލޫމާތާއި، ހުނަރާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ލިބިގެންދާއިރު، ޞިއްޙީ ޚިދުމަތްތަކާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ލިބުމަކީ މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވުމަށް ޒުވާނުންނަށް މަގުފަހިކޮށްދޭ ކަމެކެވެ. ތަޢުލީމާއި، ޞިއްޙަތާއި، ދުޅަހެޔޮކަމަށް ކުރެވޭ ހޭދައަކީ އުޖާލާ މުސްތަޤުބަލަކަށް އެޅިގެންދާ ބިންގަލެކެވެ. ޒުވާނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކޮށްދީގެން، ދުޅަހެޔޮ އަދި ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރުމަށް މުޖުތަމަޢުތަކަށް އެހީތެރިވެވިދާނެއެވެ.
ކޮންމެ ޒުވާނަކަށްމެ، އެ މީހެއްގެ ޖިންސަށް، ނުކުޅެދުންތެރިކަމަކަށް، އައިސްފައިވާ މާހައުލަކަށް ނުވަތަ ހާލަތަކަށް ބެލުމެއްނެތި، ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހެއެވެ. ޤާނޫނު އަސާސީގެ 1 ވަނަ، 2 ވަނަ އަދި 7 ވަނަ މާއްދާއާއި  ޔޫ.ޑީ.އެޗް.އާރްގެ 17 ވަނަ މާއްދާގައި ހަމަހަމަކަމާއި ތަފާތުނުކުރުމުގެ އުޞޫލުތައް ކަށަވަރުކޮށްދެއެވެ. ހަމަހަމަކަމާއި އެންމެން ބައިވެރިކުރުވުމަށް ބާރުއެޅުމަކީ، ހުރިހާ ޒުވާނުންނަށް ފުރުޞަތުތަކަށް ވާސިލުވުން ކަށަވަރުކޮށްދީ، ޒުވާނުންގެ ހިޔާލުތަކާއި ހުނަރުތަކުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެންމެންގެ ބައިވެރިވުން އޮންނަ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ މުހިއްމު ކަމެކެވެ. ޒުވާނުންގެ ޝުއޫރުތައް ފާޅުކުރުމަށާއި އެ އަޑުތައް އިއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ، އެފަރާތްތަކުގެ މުސްތަގުބަލު ބައްޓަންކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.
ޒުވާނުންނަށް ރައްކާތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކާއި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތަކާއި، އަދި އިޤްތިޞާދީ ފުރުސަތުތައް ބޭނުންވެއެވެ. ވަޒީފާގެ މަގުތަކާއި އަމިއްލަ މަސައްކަތްތެރިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އިޤްތިސާދަށް ލިބިގެންދާ ކުރިއެރުމެއްގެ އިތުރުން ޒުވާނުންގެ އުންމީދުތައް ހާސިލުކުރުމަށް މަގުފަހިވެގެންދާ މަގެކެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމުގައި ޒުވާނުންގެ މުހިންމު ދައުރެއްވެއެވެ. ތިމާވެށި ހިމާޔަތްކުރުމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، މިހާރުގެ އަދި ކުރިއަށް އޮތް ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
2026 ވަނަ އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ޒުވާނުންނަށް އުނގެނުމާއި، ކުރިއެރުމާއި، އަދި މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން މި ކޮމިޝަނުން ފާހަގަކުރަމެވެ. ޒުވާނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީގެން، އުންމީދުތައް ހާސިލުކުރުމަށް އެހީތެރިވެދީ، އެންމެން ބައިވެރިވާ، ދެމެހެއްޓެނިވި، އަދި ހަމަހަމަ މުސްތަޤުބަލެއް ބިނާކުރެވޭނެއެވެ.