ހިއުމަން ރައިޓްސް ކޮމިޝަން
އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިސްނަގައިގެން، ހައްދުންމަތީ ގަމު
ކައުންސިލް
އަދި ގަމު އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން ލ. ގަމު ޒޯން ސްޓޭޑިއަމްގައި
ކުލަގަދަ އާއިލީ ހަވީރެއް ބާއްވައިފިއެވެ. މިއަދު ހަވީރު 16:00 އިން 18:00 އަށް
ކުރިއަށްދިޔަ މި ހަވީރަކީ ގިނަ އަދަދެއްގެ އާއިލާތަކުން ބައިވެރިވި ކާމިޔާބު
ހަރަކާތެކެވެ.
މި އާއިލީ ހަވީރަކީ
އެޗް.އާރް.ސީ.އެމް އިން ލާމު އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށަށް އަމާޒުކޮށްގެން
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދިޔަ ހޭލުންތެރިކުރުވުމުގެ ބޮޑު ދަތުރުގެ
ނިންމުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ. މި ދަތުރުގައި ކޮމިޝަނުގެ
ތިން ޓީމަކުން ލ. މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް، މުންޑޫ، ގަން އަދި ފޮނަދޫއަށް ޒިޔާރަތްކޮށް، ދައުލަތުގެ
އިދާރާތަކަށާއި ރައްޔިތުންނަށް އަމާޒުކޮށްގެން އިންސާނީ ޙައްޤުތަކަށާއި ވިސްލްބްލޯ
ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޚާއްޞަ
ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އާއިލީ ހަވީރުގައި ދިވެހި
ފުލުހުންގެ ޚިދުމަތް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)، ގަމު ރީޖަނަލް
ހޮސްޕިޓަލް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕަނީ (އެމްޓީސީސީ) ފަދަ މުއައްސަސާތަކާއި
ކުންފުނިތަކުން ވަނީ ފުރިހަމަ އެއްބާރުލުން ދީ ބައިވެރިވެފައެވެ.
މި ހަރަކާތް ބޭއްވުމުގެ
މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި،
މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ގުޅުން ބަދަހިކުރުމުގެ އިތުރުން، އާއިލާތަކަށް
އުފާވެރި މާހައުލެއް ހޯދައިދިނުމެވެ.