ދުނިޔޭގެ ތިމާވެށީގެ ދުވަސް: ތިމާވެށި ހިމާޔަތްކުރުމަކީ އިންސާނީ ޙައްޤުތަކާ ގުޅިފައިވާ ކަމެއް

05 ޖޫން 2026

(PR)168-PPA/168/2026/12

2026 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބައްޓަންކޮށްފައިވަނީ ތިމާވެށި ހިމާޔަތްކުރުމަކީ އިންސާނީ ޙައްޤުތަކާ ސީދާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ. މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ޤުދުރަތީ މާހައުލުން ހިތްވަރު ލިބިގެން، މޫސުމަށްޓަކައި، އަދި އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި" ނުވަތަ  “Inspired by Nature. For Climate. For Our Future” މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުން ބާރުއަޅަނީ ޤުދުރަތީ މާހައުލު ހިމާޔަތް ކުރުމަކީ އިޙުތިޔާރީ ކަމެއް ނޫން ކަމަށާއި، މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައެވެ.  މީގެއިތުރުން، މި އަހަރުގެ ބައިނަލްއަޤުވާމީ ކެމްޕޭން ކުރިއަށްދަނީ #NowForClimate ހޭޝްޓެގްގެ ދަށުންނެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އެޅޭ ފިޔަވަޅުތައް އަވަސްކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމުގެ ޙައްޤަކީ އިންސާނީ އަސާސީ ޙައްޤެއްގެ ގޮތުގައި ބަލައިގަތުމަށް ބާރުއެޅުމެވެ.
 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ދިވެހިރާއްޖޭގެ ޤުދްރަތީ ތިމާވެއްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދްރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ޒިންމާއެއްގެގޮތުގައި ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ރަނގަޅު ކާނާއާއި، ސާފު ފެން ފުދޭ މިންވަރަށް ލިބުމާއި ދިރިއުޅޭނެ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙާއުލެއް ލިބުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައި އޮތުމުން ތިމާވެށި ރައްކާތެރިކުރުމަކީ އަސާސީ އިންސާނީ ޙައްޤުތަކާ ގުޅިލާމެހިފައިވާ ކަމެއްކަން އެނގިގެންދެއެވެ.
މޫސުމީ ބަދަލުތަކާއި އިންސާނީ ޙައްޤުތަކާ ގުޅިލާމެހިފައިވާއިރު ދިވެހިރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ޤައުމަކަށް މިކަމުގެ ހައްސާސްކަން އަދި ވަކިން ބޮޑުވެއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ގޮނޑުދޮށް ގިރުމާއި، އަދި މޫސުމީ ބޮޑެތި ހާދިސާތަކުގެ ސަބަބުން އިންސާނީ އަސާސީ ޙައްޤުތައް ކަމަށްވާ ދިރިހުރުމުގެ ޙައްޤާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރުމުގެ ޙައްޤާއި، އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމުގެ ޙައްޤުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ ޙައްޤަށް ދަނީ ސީދާ ގޮތުން އަސަރުކުރަމުންނެވެ. މިއަހަރުގެ ޝިއާރުން ބާރުއަޅަނީ މި ޙައްްޤުތައް ރައްކާތެރިކުރުމަށްޓަކައި ޤުދްރަތީ ވަސީލަތްތަކަށް ބިނާވެފައިވާ ހައްލުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން، ފަރުތަކާއި ކަނޑޫފާތައް ހިމާޔަތްކުރުމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި ކަމެއްގެ އިތުރުން، މިއީ މޫސުމީ ބަދަލުތަކަށް ބަލައި މުޖުތަމަޢު ރައްކާތެރިކޮށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ޙައްޤުތައް ކަށަވަރުކުރުމަށާއި މޫސުމީ ބަދަލުތަކަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ތިމާވެއްޓާ ގުޅޭ ނިންމުންތައް ނިންމުމުގައި ފަރުދުންނާއި މުޖުތަމަޢުގެ ބައިވެރިވުން ފަހިކޮށްދޭ އިޖުރާޢީ ޙައްޤުތައް މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން، ތިމާވެއްޓަށް އަސަރުކޮށްފާނެ ފަދަ ނިންމުންތަކާއި، ސިޔާސަތުތަކާއި، އަދި މަޝްރޫޢުތައް ރޭވުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެެވެ.
ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމަށާއި އާމްދަނީ ހޯދުމަށް ސީދާ އަސަރުކުރާއިރު ރާއްޖެފަދަ ޤައުމެއްގައި، ކުނި މަދުކުރުމާއި، ހަކަތައާއި ފެން އިޤްތިޞާދުކުރުމާއި، ރަށު ފެންވަރުގައި ހިންގޭ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ގޮނޑުދޮށް ސާފުކުރުމާއި ފަރުތައް ހިމާޔަތްކުރުން ފަދަ ހަރަކާތްތަކުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަކީ ފަރުދީ އަދި އިޖުތިމާޢީ ޒިންމާ ވަރުގަދަކޮށްދޭ ކަމެެކެވެ. މީގެ އިތުރުން، ތިމާވެއްޓާ ގުޅުންހުރި މަޢުލޫމާތު ހޯދުމާއި، ސްކޫލްތަކާއި، އޮފީސްތަކާއި، އަދި ރަށު ފެންވަރުގައި ހިންގާ ޙަރަކާތްތަކުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް އިޚްތިޔާރުކުރުމަށް ބާރުއެޅުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ ރޫޙު އާލާވާނެކަމެކެވެ.
ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ކަމާބެހޭ މުއައްސަސާތައް ޒިންމާދާރުކުރުވުމާއި، ނިންމުންތައް ނިންމާ މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ހައިޞިއްޔަތުން ނުވަތަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ހައިޞިއްޔަތުން ބައިވެރިވެ ތިމާވެށީގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބާރުއެޅިދާނެއެވެ. ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރުމަކީ މިފަދަ ބައިވެރިވުމުގެ މުހިންމު ބައެކެވެ. މީގެ ސަބަބުން، މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ހޯދުމަށާއި، ރައްކާތެރި އަދި ދެމެހެއްޓެނިވި ތިމާވެއްޓެއްގެ ޙައްޤުގައި ވަކާލާތުކުރުމަށް ފުރުޞަތު ލިބިގެންދެއެވެ. މިފަދަ މަސައްކަތްތަކެއް އެކުވުމުން، ޒިންމާދާރުކަމާއެކު އެންމެންގެ ބައިވެރިވުން ހިމެނޭ، ނަތީޖާ ނެރެވޭ ފަދަ ސިޔާސަތުތަކެއް އެކުލަވައިލުމަށް މަގުފަހިވެގެންދެއެވެ.
 2026 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ޤުދުރަތީ މާހައުލު ހިމާޔަތްކުރުމަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާ ވަކިނުކުރެވޭނެ ކަމެއްކަމެވެ. އަދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެންމެންނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި މުސްތަޤުބަލެއް ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.