ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ ދުވަސް 2025 އައު

ވިސްލްބްލޯކުރާފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަސް ޚާއްސަކޮށްފައިވަނީ ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ.
މި ދުވަސް ފާހަގަ ކުރަނީ ވަޒީފާގެ މާހައުލުގައި ހިނގާ ނޭދެވޭ އަމަލުތައް ރިޕޯޓްކޮށް ވިސްލްބްލޯކުރާފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މިއަހަރުގެ ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން އާޓް ގެލަރީގައި އާޓް އެގްޒިބިޝަންއެއް ބާއްވާފައިވެއެވެ.

އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ (UNODC) ހެޑް އޮފް މޯލްޑިވްސް އޮފީސް، އެންރިކޯ ބޮނިންސެންޔާއެވެ.

މި ރަސްމިއްޔާތުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ރިފްނާ ލަތީފް، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު މާޝާ، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކިޓިވް ޑިރެކްޓަރ އާސިޔަތު ރިލްވީނާ އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޔޫއެންއޯޑީސީގެ ހެޑް އޮފް މޯލްޑިވްސް އޮފީސް، އެންރިކޯ ބޮނިންސެންޔާ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އައު ލޯގޯ ލޯންޗްކޮށް އިފްތިތާހުކޮށްފައިވެއެވެ. 70 ފަރާތަކުން ބައިވެރިވި ލޯގޯ ފަރުމާކުރުމުގެ މުބާރާތުން ފަނޑިޔާރުންގެ އެންމެ ގިނަ މާކްސް ލިބިގެން އެއްވަނައަށް ދިޔަފަރާތް، އަހްމަދު ނަބީހް ވީޑިއޯ މެދުވެރިކޮށް ލޯގޯގެ ތައާރަފެއް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މި އެގްޒިބިޝަންގައި ވިސްލްބްލޯ ކުރުމަށް އަލިއަޅުވަލާ 12 ކުރެހުމެއް އާންމުކޮށްފައިވެއެވެ. ހަމައެއާއެކު، މި ކުރެހުންތައް ގަތުމުގެ ފުރުސަތުވެސް އާންމުންނަށް ހުޅުވާލާފައިވެއެވެ. މި އެގްޒިބިޝަން ވަނީ 24 ޖޫން ގެ ރޭގަނޑު 10:00 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.