10 ޑިސެމްބަރު 2024
ސަދަން ރީޖަނަލް އޮފީސްމި ޖަލްސާގައި ދައުލަތުގެ މުއައްސަސާތައް، ސްކޫލުތަކުގެ އިސްވެރިން، ސަރުކާރުގެ ޚިއްސާވާ ކުންފުނިތައް އަދި މަދަނީ ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެފައިވެއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް މަރިޔަމް މުނާ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމް ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ.
މި ޖަލްސާގައި ސަދަން ރީޖަނަލް އޮފީހުން ފާއިތުވި 10 އަހަރުގެ ތެރޭގައި ހާސިލްކޮށްފައިވާ ގިނަ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ވީޑިއޯއެއް ދައްކުވާފައިވެއެވެ. މި ވީޑިއޯގައި އިންސާނީ ހައްޤުތަކުގެ މައްސަލަތައް ތަހުގީގުކުރުމުގައްޔާއި އިންސާނީ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުމުގައި ސަދަން ރީޖިނަލް އޮފީހުގެ ކާމިޔާބީއާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް އެކި ފަރާތްތަކާ ގުޅިގެން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ. އަދި ނެޝަނަލް ޕްރިވެންޓިވް މެކެނިޒަމްގެ މަސައްކަތްތަކާއި އެންޓި ޓޯޗަރގެ މައްސަލަތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި އަދާކުރި މުހިންމު ދައުރު ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން މި ހަފްލާގައި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ "ރައިޓްސް ސައިޑް އޮފް ލައިފް 2024" ދިރާސާ ޕަބްލިޝްކޮށް އިފްތިތާޚު ކުރުމުގެ ގޮތުން ވީޑިއޯއެއް ދައްކާފައިވެއެވެ. މި ދިރާސާއަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުން އިންސާނީ ހައްޤުތަކަށް އަހުލުވެރިވެފައިވާ މިންވަރު ދެނަގަނެ އިތުރަށް މަސައްކަތް ކުރުން މުހިންމުވާ ދާއިރާތައް ދެނަގަތުމަށް އެޗްއާރްސީއެމް އިން ކޮންމެ 5 އަހަރަކުން 1 އަހަރު ކުރިއަށްގެންދާ ދިރާސާއެކެވެ. މިއީ މި ދިރާސާ ޕަބްލިޝްކުރެވިގެންދިޔަ ހަތަރުވަނަ ފަހަރެވެ.