ރައްޔިތުންގެ މަޖިލީހުގެ އެދުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ހުށަހަޅައިފި

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، އިންސާނީ ޙައްޤުތަކާގުޅޭ މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ކުރުމަށް ލާޒިމްކޮށްފައިވާ ކަންކަން ތަންފީޒުކޮށްފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ރަސްމީގޮތެއްގައި ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކުރައްވަން ފެއްޓެވުމަށް ނިންމާފައިވުމާ ގުޅިގެން އެކޮމިޓީގެ އެދުމުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަނުން އެކޮމިޓީއަށް މައުލޫމާތު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން 2022 ޖޫން 21ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އަންހެނުންނާމެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ (CEDAW/ ސީޑޯ)ގެ ދަށުން ދިވެހިރާއްޖެއިން ކުރުމަށް ލާޒިމްކޮށްފައިވާ ކަންކަމުގެ ތެރެއިން ބޮޑެތި އަދި މުހިންމުކަންކަން ތަންފީޒުކުރަމުންދާ ގޮތުގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހުށަހަޅާފައެވެ. ކޮމިޝަންގެ ފަރާތުން މި މައުލޫމާތު ހުށަހަޅައިދެއްވީ ކޮމިޝަންގެ މެންބަރ މުއުމިނާ ވަޙީދެވެ.
މި މުއާހަދާގެ އިތުރުން ރާއްޖެއިން ސޮއިކޮށްފައިވާ އިންސާނީ ހައްގުތަކާ ގުޅޭ އިތުރު 6 މުއާހަދާއަކާ ގުޅޭ މައުލޫމާތު ހުށަހެޅުމަށްވެސް ތާވަލުކުރެވިގެންދާނެއެވެ. މި 6 މުއާހަދާއަކީ:
·       މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.ސީ.ޕީ.އާރް)
·       އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އީ.އެސް.ސީ.އާރް)
·       ހުރިހާ ބާވަތެއްގެ ނަސްލީ ތަފާތުކުރުންތައް ނައްތާލުމާއި ގުޅޭ ބައިނަލް އަޤްވާމީ މުއާހަދާ (ސީ.އީ.އާރް.ޑީ)
·       އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުޢާހަދާ (ކެޓް)
·       ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އާރް.ސީ)
·       ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ މުޢާހަދާ (ސީ.އާރް.ޕީ.ޑީ)
ސީޑޯގެ އެންމެ ފަހުގެ މައުލޫމާތު:
1993ވަނަ އަހަރު ރާއްޖެއިން ބައިވެރިވެފައިވާ ސީޑޯ މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ކުރުމަށް ލާޒިމްކޮށްފައިވާ ކަންކަން ތަންފީޒުކުރަމުންދާ ގޮތުގެ ރިޕޯޓެއް ދައުލަތުން އެކުލަވައިލައި 2019 އޭޕްރިލް 11ގައި މި މުއާހަދާގެ ޔުނައިޓެޑް ނޭޝަންސްގެ ޓްރިޓީ ބޮޑީ ކަމަށްވާ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އަގެންސްޓ ވިމެންއަށް ހުށަހަޅާފައިވެއެވެ. އަދި ހަމަ މި މުއާހަދާއަށް އަމަލު ކުރަމުންދާގޮތުގެ މައުލޫމާތު ހިމެނޭ ޝެޑޯ ރިޕޯޓެއް ހިއުމަން ރައިޓްސް ކޮމިޝަނުން 2021ވަނަ އަހަރު ޓްރިޓީ ބޮޑީއަށް ހުށަހަޅާފައިވެއެވެ. މި މުއާހަދާއާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް 2021 އޮކްޓޯބަރ ގައި ކޮމިޝަނުން ޓްރިޓީބޮޑިއަށް ސްޓޭޓްމަންޓެއްވެސް ހުށަހަޅާފައިވެއެވެ. ޓްރިޓީ ބޮޑީއަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސީޑޯ ކޮމިޓީއިން ދިވެހިރާއްޖެއިން އިތުރަށް ރަގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ކޮންކްލޫޑިން އޮބްޒަވޭޝަންސް 2021 ނޮވެމްބަރ 23ގައި ދައުލަތަށް ހުށަހަޅާފައިވެއެވެ.