މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެޗްއާރްސީއެމާއި ސީއެސްސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އައު

11 އޮކްޓޯބަރު 2026

ކޮމިޝަން މެމްބަރ

(PR)168-PPA/168/2026/31

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ސިވިލް ސަރވިސް ކޮމިޝަނާ (ސީއެސްސީ) ދެމެދު ތަޖުރިބާއާއި ފަންނުވެރިކަން އަދި ވަސީލަތްތައް ހިއްސާކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ ދަށުން ސީއެސްސީގެ ފަރާތުން މަސައްކަތްތައް ވިލަރެސްކުރާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) އިންނެވެ.
މި ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު ވަނީ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅެއް ދައްކަވާފައެވެ. އެގޮތުން ޑރ. ޢާއިޝަތު ރަމީލާގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ބައްލަވާލެއްވީ ދައުލަތުގެ މުއައްސަސާތަކުގައި އިންސާނީ ޙައްޤުތަކުގެ އަސާސްތައް އަށަގަންނަވައި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އަލްއުސްތާޛު މުޙައްމަދު މުޖުތާޒުގެ ވާހަކަފުޅު ބިނާކުރެއްވީ މިފަދަ ގުޅުންތަކުގެ ސަބަބުން ސިވިލް ސަރވިސްގެ ޚިދުމަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ގޮތްތަކުގެ މައްޗަށެވެ.
މި ފަހުމުނާމާގެ ދަށުން ސީއެސްޓީއައިގެ ތަމްރީނު ޕްރޮގުރާމްތަކާއި ވަސީލަތްތަކުން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ފުރުސަތު ފަހިކޮށްދިނުމާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަކޮށްގެން އިންސާނީ ޙައްޤުތަކާއި ވިސްލްބްލޯކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.މީގެއިތުރުން، ދެފަރާތުން ގުޅިގެން ރިސާރޗް މަސައްކަތްތަކާއި ސެމިނާތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން، އިންސާނީ ޙައްޤުތަކުގެ ބައިތައް ހިމެނޭހެން ތަމްރީނު މަންހަޖުތައް ފަރުމާކޮށް، ދެ އިދާރާގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ