އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ޅ. އަތޮޅަށް ކޮމިޝަންގެ ޓީމެއް ދަތުރުކުރުން

މިފްކޯ، ނައިފަރުގެ ކައުންސިލް އަދި ހިންނަވަރުގެ ކައުންސިލްގެ އެހީތެރިކަމާއެކު ހިއުމަން ރައިޓްސް ކޮމިޝަނުން ޖަނަވަރީމަހުގެ 25 އިން 30އަށް ޅ. އަތޮޅުގެ ފެލިވަރު، ހިންނަވަރު އަދި ނައިފަރަށް ދަތުރުކޮށް އިންސާނީ ހައްޤުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ.  

މި ހަރަކާތްތަކުގެ ތެރެއިން ފެލިވަރުގެ މިފްކޯ ސައިޓުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުމަށާއި މަސައްކަތުގެ މާހައުލުގައި ޖިންސީފުރައްސާރަކުރުން ހުއްޓުވުމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ޖަނަވަރީ 26އިން 28އަށް ކުރިއަށްގެންގޮސްފައިވެއެވެ. މިގޮތުން 3 ދުވަސްމަތިން 9 ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މީގެތެރެއިން ބައެއް ސެޝަންތައް ބިދޭސީ މަސައްކަތްތެރީންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންގޮސްފައިވެއެވެ.

މިއަށްފަހު، 28 ޖަނަވަރީގައި ޅ. ހިންނަވަރަށް އަދި 29 ޖަނަވަރީގައި ނައިފަރަށް ދަތުރުކޮށް އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުމުގެ އިތުރު ހަރާކާތްތަކެއް ހިންގާފައިވެއެވެ. މިގޮތުން ދައުލަތުގެ އެކި އިދާރާތަކާއި، މަދަނީ ޖަމިއްޔާ ޖަމާއާތްތަކާއި، އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިންސާނީ ހައްޤުތަކާއި އެންޓި-ޓޯޗަރގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. 

އަދި ދެ ރަށުގެވެސް ސްކޫލުތަކުގެ ޓީޗަރުންނާއި އިސް މުވައްޒަފުންނާ އަދި ސްކޫލުގެ ގްރޭޑް 8، 9، އަދި 10 ގެ ދަރިވަރުންނާ ބައްދަލުކޮށް ސްކޫލުތަކުގެ ހިއުމަން ރައިޓްސް ކްލަބް ހިންގުމާމެދު މަޝްވަރާކޮށް ވާހަކަދެކެވުނެވެ. ހަމައެއާއެކު ބެލެނިވެރިންނާއި، ދައުލަތުގެ މުވައްޒަފުން، އަދި އިތުރު އާންމު ފަރާތްތައް ހިމެނޭގޮތަށް އިންސާނީ ހައްޤުތަކާއި ކުޑަކުދިންގެ ހައްޤުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، ޒުވާނުންނަށާއި ރަށުގެ އެކި އެންޖީއޯތަކަށް އަމާޒުކޮށްގެން މަދަނީ ބައިވެރިވުމާގުޅޭގޮތުން ފޯކަސް ގުރޫޕް ޑިސްކަޝަންތަކެއްވެސް ކުރިއަށްގޮސްފައިވެއެވެ.

އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވައި، އެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ރޫޙު އާލާކުރުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (މ) ގައިވާ ގޮތުގެ މަތިން ކޮމިޝަންގެ މަސްއޫލިއްޔަތެކެވެ. އަދި ކޮންމެ އަހަރަކުވެސް އެކި ފަރާތްތަކާ ގުޅިގެން ކޮމިޝަނުން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތެވެ.