އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް އަދި ހިއުމަން ރައިޓްސް ޑިފެންޑާސް ޕޮރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތު ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފި

15 މޭ 2023

(PR)168-A/168/2023/10

އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް އަދި ހިއުމަން ރައިޓްސް ޑިފެންޑާސް ޕޮރޮގްރާމް ފުވައްމުލަކު ސިޓީގައި އިފްތިތާހްކޮށްފިއެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ، އިސްމާޢީލް ރަފީގްއެވެ. މި ޖަލްސާގައި ވަނީ ހިއުމަން ރައިޓްސް ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް ލޯންޗް ކޮށްފައެވެ. މި މެނުއަލްއަކީ ޑިފެންޑަރުން ތަމްރީންކުރުމަށް ތައްޔާރު ކޮށްފައިވާ އަތްމަތީ ފޮތެކެވެ. މީގެ އިތުރުން، ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވާ  ޔޫއެން ރެޒިޑެންޓް ކޯޑިނޭޓަރ، މިސް ކެތްރިން ހެޒްވެލް އަދި އޮސްޓްރޭލިއަން ޑެޕިއުޓީ ހައިކޮމިޝަނަރ މިސްޓަރ އެންޑްރޫ ހޮޖަސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވަނީ ކޮމިޝަންގެ ރައީސް، މަރިޔަމް މުނާއެވެ.
އިންޓަރގްރޭޓެޑް ހިއުމަން ރައިޓްސް ޕްްްްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެއި 16 އިން 19 އަށް ފުވައްމުލަކު ސިޓީގައެވެ. މި ޕްރޮގްރާމްގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާ، ސްކޫލްތަކުގެ ދަރިވަރުން، ބެލެނިވެރިން އަދި ޓީޗަރުންނަށް  އަމާޒުކޮށް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އާންމުނަށް ހުޅުވާލައިގެން އިންސާނީ ޙައްޤުތަކާއި އެންޓި-ޓޯޗަރ އަދި ގެވެށި އަނިޔާގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިންސާނީ ހައްޤުތަކާ ގުޅޭ މަޢުލޫމާތު އަދި ޤާނޫނީ ލަފާ ދިނުމަށް ލީގަލް ކްލިނިކް އަދި ޢާއިލާތަކާއެކު އުފާވެރި ހަވީރެއް ހޭދަކޮށްލުމަށް ޢާއިލީ ހަވީރެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ހިއުމަން ރައިޓްސް ޑިފެންޑާސް ޕްރޮގްރާމްގެ އިތުރުން ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށް މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމަކީ އިންސާނީ ހައްގުތަކުގެ ސަގާފަތެއް މުޖުތަމައުގައި އަށަގެންނެވުމަށް އެކި ޓާގެޓް ގްރޫޕްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢައްތައް ބާރުވެރި ކުރުމުގެ ގޮތުން ކޮމިޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެއިތުރުން، މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލްތަކާއި ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާޢީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކޮށް އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމަޢެއް ބިނާކުރުމަކީ މި ޕްރޮގްރާމުގެ ވަރަށް މުހިންމު މަޤްސަދެކެވެ. މި ޕްރޮގްރާމަކީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެޗްއާރްސީއެމް، ޔޫއެންޑީޕީ އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.