ހިއުމަން ރައިޓްސް ކޮމިޝަނުން ހިއުމަން ރައިޓްސް ރިޕޯޓު 2021 ޝާޢިއުކޮށްފި

 ހިއުމަން ރައިޓްސް ކޮމިޝަނުން ރާއްޖޭގައި އިންސާނީ ޙައްޤުގެ ހާލަތާއި ގުޅިގެން ރިޕޯޓެއް ޝާޢިއުކޮށްފިއެވެ. ހިއުމަން ރައިޓްސް ރިޕޯޓް 2021 އަކީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ތ) ގެ ދަށުން އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި މޮނިޓަރކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. މިއީ މި ޤާނޫނީ އިސްލާހުގެ ދަށުން ކޮމިޝަނުން ނެރޭ ފުރަތަމަ ރިޕޯޓެވެ.
މި ރިޕޯޓަކީ، 31 ޖުލައި 2020 އިން 30 ސެޕްޓެންބަރު 2021 ގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރެވިފައިވާ މިންވަރުގެ މައްޗަށް އެކުލަވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބާއި، ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތާއި، އަދި ހުށައެޅުންތައް ތަންފީޛްކޮށްފައިވާ މިންވަރު އަންގައިދޭ ފެކްޓްޝީޓްއެއް ހިމެނެއެވެ. މިގޮތުން އެކިއެކި އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ގުޅޭގޮތުން ކޮމިޝަނުން މި މުއްދަތުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާއި، އިތުރަށް އިސްލާހުކުރަން ފެންނަކަންކަން ވެސް މި ރިޕޯޓުގައި ހިމަނާފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، ކޮމިޝަނަށް މި މުއްދަތުގައި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވާ މައްސަލަތައްކަމުގައި ފާހަގަ ކުރެވިފައިވަނީ މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ބަންދުމީހުންނާއި ގައިދީންގެ ޙައްޤުތަކާއި ގުޅޭ މައްސަލަތައް ، ކުޑަކުދިންނަށް ކުރެވޭ އަނިޔާ އަދި ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމުގެ ޙައްޤާއިގުޅޭ މައްސަލަތަކެވެ.
ހިއުމަން ރައިޓްސް ރިޕޯޓަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ކޮންމެ އަހަރަކު އެއްފަހަރު ނެރެންޖެހޭ ރިޕޯޓެކެވެ.