ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމް 2025

27 އޭޕްރީލު 2025

އެޑްވަކަސީ ޑިޕާޓްމަންޓް

(PR)168-A/168/2025/6

މިއަހަރު ބޭއްވޭ "ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމް" ގެ ފުރަތަމަ ބުރު 20 އެޕްރީލް އިން 24 އެޕްރީލްއަށް ގއ. ވިލިނގިލީގައި ބާއްވައިފިއެވެ. ކޮމިޝަނުން އިސްނަގައިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި 5 ދުވަހުގެ ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ބިނާކުރުމެވެ. 

މި ޕްރޮގްރާމުގައި 29 ފަރާތެއް ތަމްރީނުކުރެވިގެންދިޔައެވެ. އަދި ކޮމިޝަންގެ މިދަތުރުގައި ގއ. ނިލަންދޫ، ގއ. ދެއްވަދޫ، ގއ. މާމެންދޫ، ގއ. ވިލިނގިލި އަދި ގއ. ދާންދޫއަށް ޒިޔާރަތްކޮށް އިންސާނީ ހައްޤުތަކަށް އަހުލުވެރިކުރުމަށާއި ވިސިލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ސެޝަންތަކެއް ނަގައިދީފައިވެއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (OHCHR) އިން ހިއުމަން ރައިޓްސް ޑިފެންޑަރސް (އެޗް.އާރު.ޑީ) މާނަކުރަނީ މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ އިތުރުން އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކޮށް، އެ ޙައްޤުތައް ހޯދައިދިނުމަށް ސުލްހަވެރިގޮތެއްގައި މަސައްކަތްކުރާ ފަރުދުންގެ ގޮތުގައެވެ. ހިއުމަން ރައިޓްސް ޑިފެންޑަރސް ވަކިވަކި ފަރުދުންގެ ނުވަތަ ޖަމާޢަތްތަކުގެ އެއްވެސް އިންސާނީ ޙައްޤެއް ގެއްލިފައިވާ ކަމުގައި ވަނީނަމަ އެޙައްޤެއް ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.

މިއަހަރު މި ޓްރެއިނިން ކުރިއަށްގެންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާ އެކުގައެވެ. ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމެއް 2021ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައި، އަދި 2023 ވަނަ އަހަރު ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މީގެއިތުރުން 2024 ވަނަ އަހަރު މާލޭގައި މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ.