އެޗްއާރްސީއެމުން ލ. އަތޮޅުގައި ކުރިއަށްގެންދިޔަ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ބީނާކުރުމުގެ ޕްރޮގްރާމުގެ ދަށުން 30 ފަރާތެއް ތަމްރީންވެއްޖެ އައު

24 ސެޕްޓެމްބަރު 2026

އެޑިއުކޭޝަން އެންޑް ރިސާޗު ޑިޕާޓްމަންޓް

(PR)168-PPA/168/2026/29

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ  (އެޗްއާރްސީއެމް) އިސްނެގުމުގެމަތިން ކުރިއަށްގެންދިޔަ ފަސް ދުވަހުގެ "ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" މިއަދު ނިމިއްޖެއެވެ. މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މުޖުތަމައުގައި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އިންސާނީ ހައްގުތަކަށް އާންމުން ހޭލުންތެރިކޮށް، ދައުލަތް ޖަވާބުދާރީކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ބިނާކުރުމެވެ. ލ. ގަމުގައި ކުރިއަށްދިޔަ ފަސްދުވަހުގެ މި ޕްރޮގްރާމުން 30 ފަރާތެއް (18 އަންހެނުން، 12 ފިރިހެނުން) ތަމްރީނުވެ ސެޓްފިކެޓް ހަވާލުކުރެވިގެންދިޔައެވެ.
މިދަތުރުގައި ކޮމިޝަނުގެ ތިން ޓީމަކުން ލ. މާބައިދޫ، ލ. ދަނބިދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. މާމެންދޫ، ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާވަށް، ލ. މުންޑޫ، ލ. ގަން އަދި ލ. ފޮނަދޫއަށް ޒިޔާރަތްކޮށް އިންސާނީ ހައްޤުތަކަށް އަހުލުވެރިކުރުމަށާއި ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ދައުލަތުގެ އިދާރާތަކާއި، ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ސެޝަންތަކެއް ނަގައިދީފައިވެއެވެ. މިގޮތުން މި ހޭލުންތެރިކުރުވުމުގެ ސެޝަންތަކުގައި 393 އަންހެނުންނާ 176 ފިރިހެނުން ހިމެނޭހެން މުޅިއަކު 569 ފަރާތެއް ބައިވެރިވެފައިވެއެވެ. ކޮމިޝަނުގެ މިދަތުރުގެ ފަހު ހަރަކާތެއްގެ ގޮތުން މާދަމާ ހަވީރު 4 އިން 6 އަށް ލ.ގަން ޒޯން ސްޓޭޑިއަމްގައި އާއިލީ ހަވީރެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން އެޗް.އާރް.ސީ.އެމްގެ ރައީސް ޑރ. އާއިޝަތު ރަމީލާ ވަނީ، މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ފަސް ދުވަހުގެ ތަމްރީނުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލް މެންބަރު ސަލްމާ އުމަރުގެ ވާހަކަފުޅުގައި ލާމު އަތޮޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަމާއި އެކަކު އަނެކާއަށް އިހްތިރާމްކުރާ މުޖްތަމައުއެއް ބިނާކުރުމުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުގެ މުހިއްމުކަމަށް އަލިއަޅުއްވާލާފައިވެއެވެ. މި ޕްރޮގްރާމްގެ ބައިވެރިއެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އިބްރާހީމް ނަސީބު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޕްރޮގްރާމްތަކަކީ މުޖުތަމައު އިސްލާހުކުރަން ބޭނުންވާ ފަރާތްތަކާ ގުޅުން ބަދަހިވެ، ހައްގުތަކަށް ވަކާލާތުކުރާ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗް.އާރް.ސީ.އެމް އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، މި ކޮމިޝަނުގެ "ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ" އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް" ގެ މައްޗަށެވެ.
މިއީ މި ޕްރޮގްރާމް ކުރިއަށް ގެންދާ ފަސްވަނަ އަހަރަށްވާއިރު މި އަހަރުގެ ޕްރޮގްރާމަކީ އެޗްއާރްސީއެމްއިން ކުރިއަށް ގެންގޮސްފައިވާ "ހިއުމަން ރައިޓްސް ޑިފެންޑާރސް" ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަރާތްތަކެއް ބައިވެރިވި ޕްރޮގްރާމެވެ. ހިއުމަން ރައިޓްސް ޑިފެންޑަރސް ޓްރެއިނިން ޕްރޮގްރާމެއް 2021ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައި، 2023 ވަނަ އަހަރު ފުވައްމުލަކު ސިޓީގައި އަދި 2024 ވަނަ އަހަރު މާލޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މީގެއިތުރުން 2025 ވަނަ އަހަރު ގއ. ވިލިނގިލީގައި މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ