33 ވަނަ ސީއާރްޕީޑީ ސެޝަންގައި ބައިވެރިވުން އަދި އޭޕީޓީއާއެކު އެމްއޯޔޫ އައުކުރުން

21 އޯގަސްޓު 2025

ކޮމިޝަން މެމްބަރ

(PR)168-A/168/2024/14

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސް މަރިޔަމް މުނާ އަދި ނައިބު ރައީސް މޫމިނާ ވާހީދު، ޖެނީވާގެ ޕަލޭ ދެ ނޭޝަންސްގައި ބޭއްވުނު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ ކޮމިޓީ (ސީއާރުޕީޑީ) ގެ 33 ވަނަ ސެޝަންގައި ކޮމިޝަން ތަމްސީލުކުރެއްވިއެވެ. ކޮމިޓީއާއެކު ބޭއްވުނު ޕްރައިވެޓް ބްރީފިންގއެއްގައި، އެޗްއާރުސީއެމްގެ ރައީސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާބެހޭ މުޢާހަދާ ތަންފީޒުކުރުމުގައި ކުރެވިފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ މުރާޖަޢާއާ ގުޅޭ ބަޔާނެއް އިއްވެވިއެވެ. މި ބަޔާނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމުގައި އަދި ހުރިހާ ފަރުދުންގެ ކަރާމާތާއި ޙައްޤުތައް ރައްކާތެރިކުރުމަށް އެކުލެވޭ ސިޔާސަތުތަކަށް ވަކާލާތުކުރުމުގައި ކޮމިޝަންގެ ދައުރު ފާހަގަކުރެވުނެވެ.
މި ދަތުރުގެ ތެރެއިން، އެޗްއާރުސީއެމްއިން ޖެނީވާގައި ހުންނަ އެސޯސިއޭޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ (އޭޕީޓީ) ގެ މައި އޮފީހުގައި އެ ޖަމްޢިއްޔާއާއެކު އެމްއޯޔޫ އައުކުރިއެވެ. ޓޯޗަރގެ ޢަމަލުތައް ހުއްޓުވުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުން ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް ކޮމިޝަންގެ އަޒުމް އައުކުރެއްވިއެވެ. އައުކުރެވުނު އެމްއޯޔޫއިން، ބަންދުގައި ބައިތިއްބާ ތަންތަން މިނިވަންކަމާއެކު މޮނިޓަރކުރުމަށާއި، އަނިޔާވެރި ޢަމަލުތައް ހުއްޓުވުމުގައި ގްލޯބަލް ބެސްޓް ޕްރެކްޓިސް ކުރިއެރުވުމަށާއި އަދި އޭޕީޓީއާ ގާތުން މަސައްކަތްކުރުން ހިމެނިގެންދިޔައެވެ.
ސީއާރުޕީޑީ މުރާޖަޢާގައި ބައިވެރިވުމާއި އޭޕީޓީއާއެކު އެމްއޯޔޫ އައުކުރުމުގެ ތެރެއިން، އެޗްއާރުސީއެމްއިން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް އޮތް އަޒުމް ދައްކުވައިދެއެވެ.