އިންސާނީ ޙައްޤުތަކުގެ ވަކާލާތު ހަރުދަނާކުރުން: ޖުލައި 2025 ގައި ބޭއްވުނު އެޗްއާރުސީއެމް-ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް

23 ޖުލައި 2025

އެޑްވަކަސީ ޔުނިޓް

(PR)168-A/168/2024/13

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން 22 ޖުލައި 2025 ގައި ޝީ ބިލްޑިންގގައި ކުއާޓަރލީ ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ބާއްވައި، އެކި ސިވިލް ސޮސައިޓީ ޖަމްޢިއްޔާތަކުން 21 ފަރާތެއް ފޯރަމްގައި ބައިވެރިވެފައިވެއެވެ.
"އެޗް.އާރު.ސީ.އެމް – ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމަކީ" ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް) އިން ޑިސެމްބަރު 2023 ން ފެށިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކޮމިޝަނާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި، ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ މާޙައުލެއް ޤާއިމްކޮށް އިންސާނީ ހައްޤުތަކާއި ގުޅުންހުރި ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.
ޖުލައި މަހުގެ ފޯރަމްގައި އޭޝިއާ ޕެސިފިކް ފޯރަމް (އޭޕީއެފް) އަދި ޑޭނިޝް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް (ޑީއައިއެޗްއާރު) އާއެކު ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު އެކުލަވާލެވުނު ރައިޓް ޓު ޑިފެންޑް ރައިޓްސް (އާރު2ޑީއާރު) ޓޫލްކިޓް ތަޢާރަފުކުރެވުނެވެ. މި ޓޫލްކިޓަކީ ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް (އެޗްއާރުޑީ) މަގުފަހިވެފައިވާ މާޙައުލު ވަޒަންކުރުމަށް ފަރުމާކުރެވިފައިވާ މޮނިޓަރިންގ ވަސީލަތެކެވެ. ބައިވެރިން ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވެ، ތީމެޓިކް އޭރިއާތައް އޮޅުންފިލުވާ، މަޢުލޫމާތުގެ މަސްދަރުތައް ފާހަގަކޮށް، ތަންފީޒުކުރުމުގެ ސްޓްރެޓެޖީތަކާމެދު މަޝްވަރާކޮށް، އަދި ކުރިމަގުގައި އެކީ މަސައްކަތްކުރުމަށް އެއްބާރުލުން ދީފައިވެއެވެ.
ތިން ސީއެސްއޯއަކުން ތީމެޓިކް ސެޝަންތައް ކުރިއަށް ގެންދިޔައެވެ: އަލްޒައިމާރސް ސޮސައިޓީ އޮފް މޯލްޑިވްސް (އޭއެސްއެމް) އިން ޑިމެންޝިއާއާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމާއި ސިޔާސަތުތައް އިސްލާހުކުރުމުގެ މުހިންމުކަން ފާހަގަކޮށް، ބަލަދުވެރިންގެ ޙައްޤުތަކާއި ނަފްސާނީ ދުޅަހެޔޮކަން އިންސާނީ ޙައްޤުތަކުގެ އުސޫލުތަކުގެ ނަޒަރުން ބެލުމުގެ މުހިންމުކަން ފާހަގަކުރިއެވެ. ޖާނީ އެންޖީއޯއިން މަސްތުވާތަކެތީގެ ނުރައްކާ އިންސާނީ ޙައްޤުތަކާއި ސިއްޙީ ފަރުވާގެ ނަޒަރަކުން ބަލައި، ކުށްވެރިކުރުމުގެ ބަދަލުގައި ފަރުވާދިނުމަށް ވަކާލާތުކޮށް، ފަރުވާގެ ވަސީލަތްތައް ރަނގަޅުކުރުމަށް ގޮވާލިއެވެ. ސޮސައިޓީ ފޮރ އެވެއަރނެސް އެންޑް ފޮސްޓަރިންގ އެންލައިޓެންމަންޓް (ސޭފް) އިން މައިންޑްފުލްނެސް، ސެލްފް-ކެއަރ އަދި ލީޑަރޝިޕްއާ ގުޅޭ އިންޓަރެކްޓިވް ސެޝަނެއް ކުރިއަށް ގެންގޮސް، އެކި މުއައްސަސާތަކުގައި އެމީހުންގެ ތަމްރީނު ޕްރޮގްރާމްތަކަށް އިތުރުވަމުންދާ ޑިމާންޑް ފާހަގަކުރިއެވެ.
ލޯންގް ޓާމް ސްޓްރެޓެޖީގައި ހިމެނިފައިވާ ބައެއްގެ ގޮތުން، އެޗްއާރުސީއެމްއިން ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ ތަންފީޒުކުރަމުން ގެންދެއެވެ. ކުރިއަށް އޮތް ފޯރަމްތަކުގައި ތީމެޓިކް ދާއިރާތަކަށް އިތުރަށް ފުންކޮށް ބަލައި، އެޗްއާރުސީއެމްއާއި ސީއެސްއޯތަކުގެ ގުޅުން ވަރުގަދަ ކޮށް، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.