ހިއުމަން ރައިޓްސް ކޮމިޝަން
އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އައިޝަތު
ޝަހީން ނަޖުމީ، އޭޝިއާ ޕެސިފިކް ފޯރަމް އޮފް ނޭޝަނަލް ހިއުމަން ރައިޓްސް
އިންސްޓިޓިއުޝަންސް (އޭ.ޕީ.އެފް) ގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުންގެ (އެސް.އީ.އޯ)
ނެޓްވޯކް ސީރީޒްގެ ދެވަނަ ވަރޗުއަލް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.
"މުވައްޒަފުން ތަރައްޤީކުރުމުގެ ތެރެއިން އިދާރީ ހިންގުން ހަރުދަނާކުރުން"
މި މައުޟޫޢުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ،
ޤައުމީ އިންސާނީ ޙައްޤުތަކާބެހޭ މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް
އަދާކުރުމަށްޓަކައި، އެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް ދެމެހެއްޓުމަށް ކުރެވިދާނެ
ކަންކަމުގެ މައްޗަށެވެ.
އޭ.ޕީ.އެފް އަކީ އޭޝިއާ
ޕެސިފިކް ސަރަޙައްދުގެ ޤައުމީ އިންސާނީ ޙައްޤުތަކާބެހޭ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން
އިތުރުކުރުމަށާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް
ކުރިއެރުވުމަށް އެހީތެރިވެދޭ ސަރަޙައްދީ ނެޓްވޯކެކެވެ. އޭ.ޕީ.އެފްގެ މެންބަރެއްގެ ހައިސިއްޔަތުން،
އެޗް.އާރް.ސީ.އެމް އިން ދަނީ މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށާއި މުއައްސަސާތަކުގެ
މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ސަރަޙައްދީ ޕްލެޓްފޯމްތަކުގައި ބައިވެރިވަމުންނެވެ.
އޭ.ޕީ.އެފް ސީނިއަރ އެގްޒެކެޓިވް އޮފިސަރުންގެ (އެސް.އީ.އޯ) ނެޓްވޯކް ސިލްސިލާ
ބައްދަލުވުންތަކަކީ އޭ.ޕީ.އެފްގެ މެންބަރު މުއައްސަސާތަކުގެ އިސް އޮފިސަރުންނަށް ދިމާވާ
ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށާއި، ތަޖުރިބާ ހިއްސާކުރުމަށާއި، އިދާރީ
ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ އަމަލީ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް
ޚާއްޞަކުރެވިފައިވާ ބައްދަލުވުމެކެވެ.
މި ސެޝަނަކީ
ސަރަޙައްދުގެ އެކި މުއައްސަސާތަކުގެ މެދުގައި އަމަލީ ތަޖުރިބާ ބަދަލުކުރުމަށާއި، އެތެރޭގެ
ހިންގުން ހަރުދަނާކޮށް މުއައްސަސާގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް
ލިބުނު މުހިންމު ފުރުޞަތެކެވެ.