ވިސްލްބްލޯކުރާފަރާތްތަކުގެ އަގު
ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ޖޫން
މަހުގެ 23 ވަނަ ދުވަސް ޚާއްސަކޮށްފައިވަނީ ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ
ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަ ކުރަނީ ވަޒީފާގެ މާހައުލުގައި ހިނގާ ނޭދެވޭ
އަމަލުތައް ރިޕޯޓްކޮށް ވިސްލްބްލޯކުރާފަރާތްތަކުގެ އަގު ވަޒަންކުރުމުގެ
ގޮތުންނެވެ. މިއަހަރުގެ ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ ދުވަސް ފާހަގަ
ކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް
ގުޅިގެން ހާއްސަ ހަފްލާއަކާއެކު ޕެނަލް ޑިސްކަޝަންއެއް ކުރިއަށް
ގެންގޮސްފައިވެއެވެ.
މި ހަފްލާ ފެށިގެންދިޔައީ ހިއުމަން
ރައިޓްސް ކޮމިޝަނުގެ ރައީސް، ޑރ. އައިޝަތު ރަމީލާ ގެ ވާހަކަފުޅުދެއްކެވުމުންނެވެ.
ރައީސް ޑރ. ރަމީލާ ގެ ވާހަކަފުޅުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ
މުހިއްމުކަމަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ވިދާޅުވީ މިއީ ހަމައެކަނި
ރަމްޒީގޮތުން ދުވަހެއް ފާހަގަކޮށްލުން ނޫންކަމަށާއި މިއީ ނަޒާހާތްތެރިކަމާއި،
އިންސާފުގެ މަގުގައި ކުރާ މަސައްކަތުގައިވެސް ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ.
އެގޮތުން ރައީސް ގެ ވާހަކަފުޅުގައި، މި މުޖުތަމައުގައި ހިނގާ ނުވަތަ ހިންގަފާނެ
ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް ތެދުވާ ހިތްވަރުގަދަ ފަރުދުންގެ
އަގުވަޒަންކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ވިސްލްބްލޯ ކުރާ
ފަރާތްތަކުން އެވަނީ ޤައުމަށްޓަކައި ވަރަށް ބޮޑު ގުރުބާނީ އެއް ކަމަށާއި
އެބޭފުޅުންގެ ހިތްވަރާއި ނުގުޑާ އަޒުމުގެ ސަބަބުން އިސްލާހުކުރަންޖެހޭ އެތައް
ކަމެއް ފާހަގަވެ، ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން ރަނގަޅުކުރުމަށް
ފުރުސަތު ލިބިގެންދާކަން ފާހަގަކުރެއްވިއެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ
ފަރާތުން ވާހަކަފުޅުދައްކަވަމުން އެގްޒެކެޓިވް ޑިރެކްޓަރ އައިޝަތު ރިޒްނާ ވިދާޅުވީ
ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމާއި އެކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ
ބޮޑު އެއް ގޮންޖެހުމަކީ ދައުލަތުގެ މުދަލުން ކުރާ ވައްކަމާއި، ޚިޔާނާތާއި،
ރިޝްވަތު ދިނުންފަދަ އަމަލުތައް ފަޅާއެރުވުމުގައި ހުރި ގޮންޖެހުންކަމަށާއި މިފަދަ
ކަންކަން ރައްކާތެރިކަމާއެކު ހާމަކުރުމަށް މިހާރު މަގު ހުޅުވާލެވިފައިވާ ކަމަށާއި
އެއީ މި ޤާނޫނުގެ ދަށުން އެކަށައަޅާފައިވާ ނިޒާމުގެ ތެރެއިން ވިސްލްބްލޯކުރުން
ކަމަށެވެ.
ހަފްލާގެ ތެރެއިން ކުރިއަށް ގެންދެވުނު ޕެނަލް ޑިސްކަޝަން
މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ނޭދެވޭ އަމަލުތަކަށް ނޫނެކޭ ބުނުމުގެ
މުހިއްމުކަމުގެ މައްޗަށެވެ. ސަރުކާރު ހިއްސާވާ ގިނަ އަދަދެއްގެ ކުންފުނިތަކާއި
ދައުލަތުގެ އެކި މުއައްސަސާތަކުން ބައިވެރިވި މި ހަފްލާގައި ޕެނަލް ޑިސްކަޝަންގެ
ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރ
ޖެނެރަލް މަރިޔަމް ރިފްނާ ލަތީފް، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސީނިއަރ އެޓަރނީ
މަރިޔަމް ތޫލާ ރިލްވާން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ލީގަލް އެންޑް މޮނިޓަރިނގ
ޑިޕާޓްމަންޓްގެ ޑިރެކްޓަރ އާމިނަތު ރިފްޤާ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ
ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ މަރްޔަމް އަފްރާޙް މޫސާއެވެ.
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން
ޔުނިޓުގެ ފަރާތުން ކުރިއަށްގެންދިޔަ ކުރު ވީޑިއޯ ހެދުމުގެ މުބާރާތުގައި 1 ވަނަ
އަދި 2 ވަނަ އަށް ދިޔަ ފަރާތަށް އިނާމު ދިނުމާއި އޮންލައިން ކޮށް ކުރިއަށްގެންދިޔަ
ކުއިޒް މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމުދީފައިވެއެވެ.