ޔޫ.އެން.އޯ.ޑީ.ސީ އިން އިންތިޒާމުކޮށްގެން ބޭއްވި "ރީޖަނަލް އިނީޝިއަޓިވް ފޮރް އިންޑިއަން އޯޝަން އައިލެޑްސް-ވިސްލްބްލޯވަރ އެންޑް ވިޓްނެސް ޕްރޮޓެކްޝަން" ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ބައިވެރިވެއްޖެ އައު

16 ސެޕްޓެމްބަރު 2026

ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް

(PR)168-PPA/168/2026/26

މަޑަގަސްކަރައިގެ އެންޓަނަނަރިވޯގައި 2026 ސެޕްޓެމްބަރު 15 އިން 17 އަށް ކުރިއަށްދިޔަ، އިންޑިއަން އޯޝަން އައިލެންޑްސްގެ ޤައުމުތަކަށް އަމާޒުކޮށްގެން ކުށް ހާމަކުރާ ފަރާތްތަކާއި ހެކިބަސްދޭ ފަރާތްތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ބޭއްވުނު ސަރަޙައްދީ މަސައްކަތު ބައްދަލުވުމުގައި އެޗް.އާރް.ސީ.އެމް އިން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެފައިވަނީ ކޮމިޝަނަރ އަޙްމަދު މަޤްޞޫމް އަދި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލް މަރްޔަމް ރިފްނާ ލަތީފެވެ. މި މަސައްކަތު ބައްދަލުވުމުގެ ތެރޭގައި ރާއްޖޭގެ ވަފުދުން ވަނީ ކުށް ހާމަކުރާ ފަރާތްތަކާއި ހެކިބަސްދޭ ފަރާތްތައް ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާއި ތަޖުރިބާތައް ހިއްސާކޮށްފައެވެ. އަދި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނު ކަންކަމާއި، ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިސްކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
ހެކިބަސްދޭ ފަރާތްތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރ އަޙްމަދު މަޤްޞޫމް ވަނީ، ހެކިބަސްދޭ ފަރާތްތަކަށް ހަރުދަނާ ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި ވަރުގަދަ ޤާނޫނީ އަދި މުއައްސަސާ އޮނިގަނޑެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ހެކިބަސްދޭ ފަރާތްތައް ރައްކާތެރިކުރުމަށް ޚާއްޞަ ވަކި ޤާނޫނެއް އޮތުމުގެ މުހިންމުކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިޓްނަސް ޕްރޮޓެކްޝަން ޔުނިޓުގެ ޤާބިލުކަން އިތުރުކޮށް، އޮޕަރޭޝަނަލް ގޮތުން މިނިވަންކަން ދީގެން އެ ޔުނިޓު ވަރުގަދަކުރުމާއި، ސާފު ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކެއް (އެސް.އޯ.ޕީ) އެކުލަވާލުމާއި، އަދި ރައްކާތެރިކަން ދީފައިވާ ހެކިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި މަޢުލޫމާތުގެ ރައްކާތެރިކަމާ ގުޅޭ އުސޫލުތައް ހަރުދަނާކުރުމަށް ކޮމިޝަނަރު ބާރުއެޅުއްވިއެވެ.
ކުށް ހާމަކުރާ ފަރާތްތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް މަރްޔަމް ރިފްނާ ލަޠީފް ވަނީ ސީޝެލްސްގައި ބޭއްވުނު ކުރީގެ ސަރަޙައްދީ މަސައްކަތު ބައްދަލުވުމަށްފަހު ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން، މިފަދަ ކަންކަމަށް އޮތް ހޭލުންތެރިކަމާއި ރިޕޯޓުކުރާ ނިޒާމުތަކުގެ ބޭނުންހިފާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވައި، ނުރަނގަޅު ކަންކަމާ ދެކޮޅަށް އަޑުއުފުލައި ރިޕޯޓުކުރާނެ ގޮތް އިތުރު މީހުން ދަސްކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ހޭލުންތެރިކަމާއި ރިޕޯޓުކުރުން އިތުރުވަމުންދާ މިންވަރާ އެއްވަރަށް، ކަންކަން ހާމަކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ޤާބިލުކަމާއި، ނިޒާމުތަކާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ތަރައްޤީވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، ކުށް ހާމަކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ނިޒާމެއްގެ ކާމިޔާބީ މިނެކިރަންވާނީ ހަމައެކަނި ރިޕޯޓުކުރާ މީހުންގެ އަދަދަކުން ނޫނެވެ. އޭގެ ބަދަލުގައި، އަޑުއުފުލުމުގެ ހިތްވަރު ހުރި މީހަކަށް، އެ ނިޒާމުން އެމީހަކަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ އިތުބާރު އޮތް މިންވަރަކުންނެވެ.
ކުށް ހާމަކުރާ ފަރާތްތަކާއި ހެކިބަސްދޭ ފަރާތްތައް ރައްކާތެރިކުރުމަށް އިންޑިއަން އޯޝަން އައިލެންޑްސް އަށް އަމާޒުކޮށްގެން ހިންގާ މި ސަރަޙައްދީ އިސްނެގުމަކީ، ބައިވެރިވާ ޤައުމުތަކުގެ މެދުގައި ޤައުމީ ތަޖުރިބާތައް ބަދަލުކުރުމަށާއި، ރަނގަޅު އުސޫލުތައް ހިއްސާކުރުމަށާއި، އަދި ކުށް ހާމަކުރާ ފަރާތްތަކާއި ހެކިބަސްދޭ ފަރާތްތައް ރައްކާތެރިކުރުމުގައި ސަރަޙައްދީ އެއްބާރުލުން ވަރުގަދަކުރުމަށް ލިބިގެންދާ މުހިންމު ޕްލެޓްފޯމެކެވެ.