ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކ.މާފުށީގައި ކުރިއަށް ގެންގޮސްފި

26 އޮކްޓޯބަރު 2021

ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ކ. މާފުށީގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިސެޝަނުގެ މައިގަނޑު މަޤްޞަދަކީ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަކީ ދިވެހިރާއްޖެއަށް ވަރަށް އާ ޤާނޫނަކަށް ވުމާއެކު ވިސްލްބްލޯކުރުމަކީ ކޮބައިކަމާއި، ވިސްލްބްލޯކުރެވިދާނެ ފަރާތްތަކާއި، ނޭދެވޭ އަމަލުތަކަކީ ކޮބައިކަމާއި، ވިސްލްބްލޯކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، ވިސްލްބްލޯކުރުމުން ބަދަލުހިފުމުން އަމަލުކުރާނެ ގޮތްތަކާއި، ވިސްލްބްލޯކުރާ ފަރާތަށް ޤާނޫނުން ލިބެދޭ ރައްކާތެރިކަން ބަޔާންކޮށްދިނުމާއެކު، މި ޤާނޫނަށް ޢާންމުން ހޭލުންތެރި ކުރުވައި، ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުމެވެ. މި ސެޝަނުގައި މާފުށީގައި ގާއިމްކުރެވިފައިވާ ދައުލަތުގެ އިދާރާތަކުން ޖުމްލަ 15 ބައިވެރިން ބައިވެރިވިއެވެ. މި ސެޝަނުގައި ދައުލަތުގެ އިދާރާތަކުގައި ގާއިމްކުރަންޖެހޭ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް ގާއިމް ކުރުމާ ގުޅޭގޮތުންނާއި އެ ޔުނިޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މައުލޫމާތު ދެވުނެވެ. މީގެ އިތުރުންވެސް މި ޤާނޫނާއި ގުޅިގެން ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެވުނެވެ.