ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އާއި
މެލޭޝިއާގެ ހިއުމަން ރައިޓްސް ކޮމިޝަން (ސުހާކަމް) އާއެކު 'ޖޮއިންޓް ހައި ލެވެލް ޑައިލޮގެއް
ބާއްވައިފިއެވެ. އޭޝިއާ ޕެސިފިކް ފޯރަމް (އޭ.ޕީ.އެފް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ
މި ބައްދަލުވުންތައް ބާއްވާފައިވަނީ 2026 ޖުލައި 27 އިން 29 އަށް މެލޭޝިއާގައެވެ. މި
ބައްދަލުވުންތަކުގައި އެޗްއާރްސީއެމާއި ސުހާކަމްގެ ކޮމިޝަނަރުންނާއި ސެކްރެޓަރީ
ޖެނެރަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާއަކީ އޭ.ޕީ.އެފްގެ ލީޑަރޝިޕް
ސަޕޯޓް ޕްރޮގްރާމްގެ ބައެކެވެ. މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވީ އޭ.ޕީ.އެފްގެ
އެގްޒެކެޓިވް ޑައިރެކްޓަރ ތުއި ޑުއާން-ސްމިތް އަދި އެކްސްޕާޓް ކޮންސަލްޓަންޓް
ޕްރޮފެސަރ ދީޕިކާ އުޑަގަމާ އެވެ.
ހައި-ލެވެލް ޑައިލޮގުގެ އިތުރުން، އެޗް.އާރް.ސީ.އެމްއިން ސުހާކަމްގެ މައި އޮފީހަށް
ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތުގައި އެ ކޮމިޝަނުގެ އިދާރީ އޮނިގަނޑާއި، ދާއިރާތަކުގެ
މަސައްކަތްތަކާއި، އަދި އިދާރާ ހިންގުމުގެ އުޞޫލުތަކާ ބެހޭ މަޢުލޫމާތު އެރުވުނެވެ.
މި ޒިޔާރަތުގެ ސަބަބުން ސުހާކަމްގެ މަސައްކަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް
ލިބިގެންދިޔުމުގެ އިތުރުން، ދެ މުއައްސަސާގެ ފާހަގަ ކޮށްލެވޭ ތަޖުރިބާތަކާއި
މަސައްކަތުގެ އުސޫލުތައް ހިއްސާކުރުމަށް ލިބުނު ފުރުސަތަކަށް ވެގެންދިޔައެވެ.
މި ޕްރޮގްރާމުގެ
ތެރެއިން، ޕެރިސް ޕްރިންސިޕްލްސްއާއި ހިއުމަން ރައިޓްސް ކޮމިޝަންތަކުގެ ދައުރާއި، ކަމާގުޅޭ
ފަރާތްތަކުގެ ބައިވެރިވުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމާ ގުޅޭ
މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާ އެކު މަސައްކަތްކުރުމާއި،
މުއައްސަސާގެ ހިންގުމާއި، ލީޑަރޝިޕް އަދި ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.
މީގެ އިތުރުން، ގައުމީ ފެންވަރުގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން
ފާހަގަކުރެވޭ ކަންކަމާއި، ނިޒާމީ ގޮތުން ކުރިމަތިވާ އިންސާނީ ޙައްޤުތަކުގެ މައްސަލަތައް
ދެނެގަތުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާ، މީޑިއާ އަދި މަދަނީ ޖަމްޢިއްޔާތަކާއެކު
އޮންނަ ގުޅުން ވަރުގަދަކުރުމާއި، ގްލޯބަލް އެލަޔަންސް އޮފް ނޭޝަނަލް ހިއުމަން ރައިޓްސް
އިންސްޓިޓިއުޝަންސްގެ (ގަންރީ) އެކްރެޑިޓޭޝަން ހޯދުމުގެ މަރުހަލާއާ ބެހޭގޮތުން މި މަޝްވަރާތަކުގައި
އަލިއަޅުވާލާފައިވެއެވެ.
މި ޒިޔާރަތުގެ
ތެރެއިން، އެޗް.އާރް.ސީ.އެމް އާއި ސުހާކަމް އަދި އޭ.ޕީ.އެފް އާ ދެމެދު އޮންނަ ގުޅުމާއި
އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ފިލަޔާއި ހަދިޔާ ބަދަލުކުރެވުނެވެ. މި
މަޝްވަރާތައް ނިންމާލާފައިވަނީ ދެކެވުނު ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހިއުމަން
ރައިޓްސް ކޮމިޝަންތައް ވަރުގަދަކުރުމަށާއި، ސަރަހައްދީ ފެންވަރުގައި އިންސާނީ ޙައްޤުތައް
ކުރިއަރުވައި ރައްކާތެރިކުރުމަށް އެޗް.އާރް.ސީ.އެމް، ސުހާކަމް އަދި އޭ.ޕީ.އެފް އިން
ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ އަޒުމް އާކުރަމުންނެވެ.