ބިޔޯންޑް ޓޫ ޑެކޭޑްސް، ޓްވެންޓީ އިޔާރސް އޮން ދަ "ރައިޓްސް" ސައިޑް އޮފް ލައިފް

26 ފެބްރުއަރީ 2025

އެޑްވަކަސީ ޑިޕާޓްމަންޓް

(PR)168-A/168/2025/3

"ބިޔޯންޑް ޓޫ ޑެކޭޑްސް، ޓްވެންޓީ އިޔާރސް އޮން ދަ "ރައިޓްސް" ސައިޑް އޮފް ލައިފް"ގެ ނަމުގައި ކޮމިޝަނުން ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގައި ޝާއިއުކޮށްފައިވާ ދިރާސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމެގެ ފޯރަމެއް 26 ފެބްރުވަރީގައި ބާއްވާފައިވެއެވެ.
މި ދިރާސާ (އާރް.އެސް.އެލް 4)އަކީ ކޮމިޝަނުން ރާއްޖޭގެ ކުރިއަށްގެންގޮސްފައިވާ ހަތަރުވަނަ ލޮންޖިޓޫޑަނަލް ދިރާސާއެވެ. ދަ "ރައިޓްސް" ސައިޑް އޮފް ލައިފް (އާރް.އެސް.އެލް) ދިރާސާއަކީ ކޮމިޝަންގެ މަސައްކަތްތަކާއި އިންސާނީ ޙައްޤުތަކާމެދު އާންމުން ދެކޭގޮތާއި، އިންސާނީ ޙައްޤުތަކާމެދު އާންމުންގެ ހޭލުންތެރިކަން އަދި ޙައްޤުތައް ކަށަވަރު ވެފައިވާ މިންވަރާމެދު އާންމުންގެ ހިޔާލުހުރިގޮތް ދެނެގަތުމަށްޓަކާ ސިލްސިލާކޮށް 2005 ވަނަ އަހަރުން ފަށައިގެން ކުރިއަށް ގެންދާ ދިރާދސާއެކެވެ. އެގޮތުން، 2005 އަހަރާއި 2011 ވަނަ އަހަރާއި 2019 ވަނަ އަހަރުއެވެ.
އާރް.އެސް.އެލް ދިރާސާގައި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރިކަން ހުރި މިންވަރާއި މުޖްތަމަޢު ގަބޫލުކުރާ ޤަބޫލުކުރުންތަކުގެ ސަބަބުން އާންމުންގެ ޚިޔާލު ބައްޓަން ކުރެވިފައިވާ ގޮތުގެ މައުލޫމާތު ހިމަނާފައިވާނެއެވެ. މިގޮތުން، އާންމުން އިންސާނީ ހައްޤުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި، ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާ މެދު އާންމުން ދެކޭ ގޮތާއި، ދިމިޤްރާތީ މުޖްތަމަޢުއެއްގައި ކަށަވަރުކުރެވޭ ޙައްޤުތައް ކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ މެދު ދެކޭ ގޮތާއި، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދާ ލިބިގަތުމާމެދު ދެކޭ ގޮތް އަދި ދައުލަތުގެ ނިންމުންތަކުގައި އާންމުންގެ ބައިވެރިކުރުން ކަށަވަރުކުރުމާ ގުޅޭ ގޮތުން މި ދިރާސާގައި މައުލޫމާތު އެއްކުރެވިފައިވާނެއެވެ. އަދި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭ ޙައްޤުތަކާއި ގުޅޭގޮތުންނާއި، މިންތީގެ ހަމަހަމަކަން ޤާއިމްކުރެވިފައިވާ މިންވަރާއި، އާއިލީ ގުޅުންތަކުގެ ތެރެއިން އަންހެނުންނާއި ފިރިހެނުންގެ ގަބޫލުކުރުންތަކުގައި ހުރި ތަފާތުތަކާ ގުޅޭ އެކި މައުލޫމާތު މި ދިރާސާގައި ހިމަނާފައިވާނެއެވެ. މީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނާއި ކޮމިޝަނުގެ މަސައްކަތްތަކާ މެދު އާންމުން ދެކޭ ގޮތްވެސް ދިރާސާގެ ތެރެއިން ބަލާފައި ވާނެއެވެ. މި އަހަރު ޝާޢިއުކުރި ދިރާސާ އަކީ މި ސިލްސިލާގެ ހަތަރު ވަނަ ދިރާސާކަމުގައިވާތީ ފާއިތުވެ ދިޔަ 20 އަހަރު އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަން ބަދަލުވެފައިވާ ގޮތުގެ ޓްރެންޑް މި ދިރާސާގެ ތެރެއިން ދެނެގަނެފައިވާނެއެވެ.
ކޮމިޝަންގެ އުއްމީދަކީ މި ހޯދުންތަކުގެ އަލީގައި މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، އާންމުންނަށް ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ކުރިމަގުގައި އެކުލަވާލާ ސްޓްރެޓެޖީތަކަށް ތަފާސްހިސާބުތަކަށް މި ދިރާސާއަކީ މުހިންމު ވަސީލަތަކަށް ވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ.