ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރު) އަށް 75 އަހަރު ފުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން ޤާއިމްކުރިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ލެންސް އޮން ހިއުމަނިޓީސް ޖާނީ" ގެ ނަމުގައި ފޮޓޯ މައުރަޒެއް ހުޅުވުގެ ގޮތުން ހަފްލާއެއް ބާއްވައި، ފުރަތަމަ ފަހަރަށް ހިއުމަން ރައިޓްސް ކްލަބްގެ އެވޯޑް ދީފި

09 ޑިސެމްބަރު 2023

މީޑިއާ

(PR)168-A/168/2023/34

ފޮޓޯ މައުރަޒު އިފްތިތާހުކުރުމުގެ ހަފްލާ ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޙާއްސަ ވީޑިއޯއިންނެވެ. މި ވީޑިއޯގައި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ޢާންމުން ދެކޭގޮތާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ޙިމާޔަތްކުރުމުގައި، ކޮމިޝަނުގެ މުހިންމު ދައުރަށް އަލިއަޅުވާލާފައި ވެއެވެ.
މި ހަފްލާގައި އެޗްއާރްސީއެމްގެ ފަރާތުން ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށް އަމާޒުކޮށް، 2 (ދޭއް) އެވޯޑެއް ފުރަތަމަ ފަހަރަށް ދީފައިވެއެވެ. އެ ދެ އެވޯޑަކީ 'ބެސްޓް ހިއުމަން ރައިޓްސް ކްލަބް' ގެ އެވޯޑާއި 'ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް' ގެ އެވޯޑެވެ. މި އެވޯޑްތަކަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކްލަބްތަކުންނާއި ކްލަބްގެ ދަރިވަރުންކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ހަރަކާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފްކުރެވުނު އެވޯޑެކެވެ. އެގޮތުން، ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް ލިބިފައިވަނީ ރެހެންދި ސްކޫލްގެ ދަރިވަރެއް ކަމުގައިވާ ފާތިމަތު އާލާ އަބްދުالله ސާލިހަށެވެ. އަދި މޯސްޓް އެކްޓިވް ހިއުމަން ރައިޓްސް ކްލަބްގެ އެވޯޑް ލިބިފައިވަނީ އައްޑޫ ހައި ސްކޫލަށެވެ.   
ހިއުމަން ރައިޓްސް ކްލަބަކީ ސްކޫލްތަކުގެ ދަރިވަރުން އިންސާނީ ޙައްޤަށް އަހުލުވެރިކުރުވާ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ އަމަލީ މަސައްކަތުގައި އުޅުމަށް ބާރުއަޅުވައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް މުޖުތަމަޢުގައި އުފެއްދުމުގެ މަޤްޞަދުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ތައާރަފް ކޮށްފައިވާ ކްލަބް ތަކެކެވެ. ކްލަބްތައް ސްކޫލުގައި އުފައްދައި މެނޭޖްކުރަނީ އެ ސްކޫލަކުންނެވެ.