ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް
ކޮމިޝަން (އެޗް.އާރް.ސީ.އެމް) އާއި ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްއާ
ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި 14 އޮކްޓޫބަރު
2026 ގައި ފިލިޕީންސްގެ ކުއެޒޯން ސިޓީގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ
ޤައުމީ އިންސާނީ ޙައްޤުތަކާ ބެހޭ މި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި،
މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމުގެ އިތުރުން ޤާބިލުކަން އިތުރުކުރުމެވެ.
މި ރަސްމިއްޔާތު ފެށިގެން ދިޔައީ
ފިލިޕީންސްގެ ކޮމިޝަން އޮން ހިއުމަން ރައިޓްސްގެ ޗެއަރޕާސަން ރިޗަރޑް ޕީ. ޕަލްޕަލް-ލަޓޮކް
ދެއްކެވި ވާހަކަފުޅުންނެވެ. އެއަށްފަހު އެޗް.އާރް.ސީ.އެމް ގެ ރައީސް ޑރ. ޢާއިޝަތު
ރަމީލާ، ޙަފްލާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ޑރ. ރަމީލާގެ
ވާހަކަފުޅުގައި، ދެ މުއައްސަސާގެ މެދުގައި އުނގެނުމުގެ ފުރުޞަތުތައް ފަހިކުރުމަށާއި،
ދެ ޤައުމުގައިވެސް އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް
މި އެއްބަސްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެޗް.އާރް.ސީ.އެމް ގެ ނައިބު ރައީސް
މުޙައްމަދު ޝަފީޤު މަޙްމޫދު ވަނީ އެ ކޮމިޝަނުގެ މެންޑޭޓާއި، ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި
އިސްނެގުންތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެއިތުރުން، ފިލިޕީންސްގެ
ކޮމިޝަން އޮން ހިއުމަން ރައިޓްސްގެ ފަރާތުންވެސް އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމާއި،
ސިޔާސަތުތައް އެކަށައެޅުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ކުރަމުންދާ
މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތައް ހުށަހެޅިއެވެ.
މި އެމް.އޯ.ޔޫ. ގެ ދަށުން
ގުޅިގެން ހިންގާ ތަމްރީނުތަކާއި، ދިރާސާ ދަތުރުތައް ކުރުމާއި އަދި މަޢުލޫމާތު ޙިއްޞާކުރުމުގެ
ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް އެކުލަވާލެވެއެވެ. ޑރ. ރަމީލާ ފާހަގަކުރެއްވި
ގޮތުގައި، މި އެއްބަސްވުމުގެ ޒަރީޢާއިން ދެ ޤައުމުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް
ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކޮށް،
ޢަމަލީ މަސައްކަތްތަކެއް ކޮށްގެންނެވެ.