ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ.ކުޅުދުއްފުށި އަމާން ހިޔާއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 މާރިޗު 6 ން 7 އަށް ހދ.ކުޅުދުއްފުށި އަމާން ހިޔާއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ މި މަރުކަޒުގައި ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާ ފަރާތްތަކާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމެވެ. އަދި މަރުކަޒުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަނެ، ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާ ކުދިންނާއި މުވައްޒަފުންގެ އާއްމު ޙާލަތު ދެނެގަތުމެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާމުންގެންދާ ކުދިންނަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދީފައިވާ އަދި ކަށަވަރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ޙައްޤުތައް ހދ.ކުޅުދުއްފުށި އަމާން ހިޔާގައި ބަލަހައްޓާ ކުދިންނަށް ކަށަވަރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ދެނެގަނެ، މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، މަރުކަޒުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށާއި ދަތިތައް ޙައްލުކުރުމަށް ކުރަމުންގެންދާ އަދި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ދެނެގަތުން ވެސް ހިމެނެއެވެ.
މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ހދ.ކުޅުދުއްފުށި އަމާން ހިޔާއަށާއި ކަމާގުޅޭ އެންމެހައި އިދާރާތަކާ
ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ.ކުޅުދުއްފުށި އަމާން ހިޔާއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.