ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 މާރިޗު 5 ން 6 އަށް އަށް ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމާއި ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. މީގެއިތުރުން ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަނެ ޕޮލިސް ސްޓޭޝަނުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުންވެސް މި ޒިޔާރަތުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މި ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓެއް ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށާއި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހިއްސާކުރުމަށް ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އެން.ޕީ.އެމްއިން މިހާތަނަށް 4 ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން، 2012، 2014، 2015 އަދި 2017 ވަނަ އަހަރު ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 3 ޒިޔާރަތަކީ މޮނިޓަރިންގ ޒިޔާރަތެވެ. އަދި 1 ޒިޔާރަތަކީ (2017 ވަނަ އަހަރުގެ ޒިޔާރަތް) ފޮލޯ-އަޕް ޒިޔާރަތެކެވެ.