ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ. ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 މާރިޗު 8 ވަނަ ދުވަހު ހދ. ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް  މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ މި ސެންޓަރުގައި ފަރުވާ ހޯދަމުންގެންދާ ކްލައެންޓުންނަށް ފަރުވާ ފޯރުކޮށްދިނުމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި މަރުކަޒުގައި ބެލެހެއްޓުމުގައި ދިވެހިރައްޖޭގެ ޤާނޫނު އަސާސީއާސި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)އާއި ޤާނޫނު ނަންބަރު 13/2013 (އެންޓިޓީޗަރ ޤާނޫނު)އާއި ޤައުމީ އަދި ބައިނަލްއަގްވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން ޚިދުމަތްފޯރުކޮށްދޭތޯ ބެލުމާއި، މި ސެންޓަރުގައި އަނިޔާވެރި، ލާއިންސާނީ، ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯއާއި ހިނގުމަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބެލުމެވެ. އަދި  ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަނެ، ސެންޓަރުން ފަރުވާ ހޯދަމުންދާ ކްލައެންޓުންނާއި، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާންމު ޙާލަތު ދެނެގަތުމެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ދެމުންދާ މެތަޑޯން ފަރުވާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އެ ޔުނިޓްގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.
މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ނެޝަނަލް ޑްރަގް އެޖެންސީއަށާއި، ހދ. ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާ އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހދ. ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް ކުރި ފުރަތަމަ ޒިޔާރަތެވެ.