މޯލްޑިވްސް ރެޑްކްރެސެންޓްއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ބައިނަލްއަޤްވާމީ ހިޖްރަވެރިންގެ ދުވަސް ފާހަގަކޮށްފި

މިއަހަރުގެ ބައިނަލްއަޤްވާމީ ހިޖްރަވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ހެލްތު އެންޑް ލީގަލް ކޭމްޕެއް ބާއްވައިފިއެވެ.
ހެލްތު އެންޑް ލީގަލް ކޭމްޕް ފޯ މައިގްރެންޓްސްގެ ނަމުގައި 24 ޑިސެމްބަރ 2021 ވީ ހުކުރުދުވަހު މެންދުރު 14:00 އިން 18:00 ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މޯލްޑިވްސް ރެޑްކްރެސެންޓް (އެމް.އާރު.ސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗް.އާރު.ސީ.އެމް)، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، މިޝަން ފޯ މައިގްރަންޓް ވަރކަރސް (އެމް.އެމް.ޑަބްލިޔު.އެމް)، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ (ޕީ.އައި.އެލް.ސީ)، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީ.އެސް.ސީ)، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީ.އެމް)، އިންޑިއަން ކަލްޗަރަލް ސެންޓަރ، ޔުނިސެފް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަދި ވެލްފެއަރ އެސޯސިއޭޝަން ފޯރ ޓަމިލް އެކްސްޕަޓްރިއޭޓްސް (ވީ.ވީ.ޓީ.އެން.އެސް) ބައިވެރިވެ އެކިއެކި ހަރަކާތް ކުރިއަށް ގެންދިޔައެވެ. މިގޮތުން، ޤާނޫނީ މައުލޫމާތު ފޯރުކޮށްދިނުމާއި، ސިއްޚީ ގޮތުން ބޭނުންވާ މައުލޫމާތުދީ ޑޮކްޓަރަށް ދެއްކުމާއި، ބަލިތަކަށް ސްކްރީންކޮށް ތަޚްލީލުކުރުމާއި، ކޮވިޑް-19ގެ ވެކްސިން ދިނުމާއި، މައްސަލަތައް ހުށަހެޅުމާއި އަދި ސަގާފީ ބައެއް ކަންތައްތައް ޕްރޮމޯޓްކުރުމަށް ސްޓޯލްތައް ބެހެއްޓިފައިވެއެވެ.
                 މި ކޭމްޕްގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ސްޓޯލުން ހިޖްރަވެރިންނަށް އިންސާނީ ހައްގުތަކާ ގުޅޭ ގިނަ މައުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ. އެގޮތުން، ހިޖުރަވެރިންނަށް ހާއްސަކޮށް، ބަންގްލާ، މަލަޔާލަމް އަދި ނެޕަލީސް ބަހުން ތައްޔާރުކޮށްފައިވާ މައުލޫމާތު ކާޑެއް ބައިވެރިންނަށް ދެވިފައިވެއެވެ. މީގެއިތުރުން ކޮމިޝަންގެ ސްޓޯލުން ޤާނޫނީ ލަފާ ދިނުމާއި އަދި އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތައް ކޮމިޝަނަށް ރިޕޯޓްކުރުމުގެ މަސައްކަތް ކުރެވުނެވެ. މި ފެއަރއަށް 1500 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ.