ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ލ. އަމާން ވެށި / ލ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2023 ޖޫން 5 ން 6 އަށް ލ. އަމާން ވެށި / ލ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރއަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ މި މަރުކަޒުގައި ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާ ފަރާތްތަކާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމެވެ. އަދި މަރުކަޒުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަނެ، ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓާ ކުދިންނާއި މުވައްޒަފުންގެ އާއްމު ޙާލަތު ދެނެގަތުމެވެ. މީގެއިތުރުން، ދައުލަތުގެ ބެލުމުގެދަށުގައި ބަލަހައްޓަމުންގެންދާ ކުދިންނަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދީފައިވާ އަދި ކަށަވަރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ޙައްޤުތައް ލ. އަމާން ވެށި / ލ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ ދަށުން ބަލަހައްޓާ ކުދިންނަށް ކަށަވަރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތައް ދެނެގަނެ، މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، މަރުކަޒުގެ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށާއި ދަތިތައް ޙައްލުކުރުމަށް ކުރަމުންގެންދާ އަދި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ދެނެގަތުން ވެސް ހިމެނެއެވެ.
މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއަށާއި ލ. އަމާންވެއްޓަށާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަށާއި ކަމާގުޅޭ އެންމެހައި އިދާރާތަކާ
ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ އެންމެހައި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވައި ރިޕޯޓުތަކުގެ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ލ. އަމާން ވެށި / ލ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރއަށް ކުރި ފުރަތަމަ ޒިޔާރަތެވެ.