ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކ. ގުރައިދޫގައި ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތައް

މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަސް (10 ޑިސެންބަރު 2025) އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 22ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކ. ގުރައިދޫގައި ކޮމިޝަނުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިގޮތުން، ޑިސެންބަރު 8 އަދި 9 ވަނަ ދުވަހު ކ. ގުރައިދޫގެ އެކި އިދާރާތަކާއި އާންމުންނަށް އަމާޒުކޮށްގެން އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އިންސާނީ ހައްޤުތަކާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ޤާނޫނީ ލަފާ ފޯރުކޮށްދިނުމަށް ލީގަލް ކްލިނިކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް (އެޗް.ޕީ.އެސް.އެން) މިއަދު ހެނދުނު ޒިޔާރާތްކޮށް އެތަނުގައި ދިރިއުޅޭ ފަރާތްތަކާ މުވައްޒަފުންނާ ބައްދަލުކޮށް ޙާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުންނާއި ކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން މަރުކަޒަށް ހަދިޔާ ފޯރުކޮށްދީފައިވެއެވެ. އަދި މިޒިޔާރަތުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ކުރެހުމާއި ކުލަޖެއްސުމާއި އަދި އެކި ކުޅިވަރުގެ އިތުރުން ބޮޑުބެރު ހިމެނޭހެން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކުގެ އާއިލާތަކުންވެސް ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ.

އިންސާނީ ހައްޤުތަކުގެ ދުވަހާ ގުޅުވައިގެން އެކި މުއައްސަސާތަކާ ޖަމިއްޔާތަކާއެކު މިއަދު ކ. ގުރައިދޫގައި އާއިލީ ހަވީރެއްވެސް ވަނީ ބާއްވާފައެވެ. ރަށުގެ އިރުމަތީފަރާތު ފަސްގަނޑުގައި ބޭއްވި މި ހަވީރުގެ މަޤްސަދަކީ އިންސާނީ ހައްޤުތަކަށް މުޖްތަމައު ހޭލުންތެރިކަން އިތުރުކޮށް ގުޅުން ބަދަހިކުރުމެވެ.މި ހަވީރުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)، ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަން، ކ. ގުރައިދޫ ހެލްތު ސެންޓަރ، ކ. ގުރައިދޫ ޕޮލިސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް.ޕީ.އެސް.އެން)، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ)އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕަނީ (ސްޓެލްކޯ) ހިމެނެއެވެ.ބައިވެރިވި ޖަމިއްޔާތަކާއި މުއައްސަސާތަކުން ސްޓޯލްތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ހަވީރުގައި ފައްސިހި ބޮޑުބެރު ގުރޫޕާއި 'ރޮބޯމޭން' ގެ ޚާއްސަ ހުށަހެޅުންތަކެއްވެސް ދައްކުވާފައިވެއެވެ.

މި އާއިލީ ހަވީރުގައި ކުރިއަށްދިޔަ ލަކީ ޑްރޯގައި ހޮވުނު ދިހަ ފަރާތަކަށް ފައިސާގެ އިނާމު ދީފައިވެއެވެ. އަދި ލަކީ ޑްރޯގެ އެއްވަނަ އިނާމަށް ފައިސާގެ އިނާމުގެ އިތުރުން މޯލްޑިވިއަން އެއަރލައިންސްގެ ދީލަތި އެހީތެރިކަމާއެކު އެ އެއަރލައިންގެ ޑޮމެސްޓިކް ދަތުރު ދެކޮޅު ޓިކެޓެއް ހަދިޔާކޮށްފައިވެއެވެ.

މި ހަވީރު ސްޕޮންސަރކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވިއަން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަދި އުރީދޫއިންނެވެ. އަދި މިހަވީރު ކުރިއަށްގެންދިޔުމުގައި ގުރައިދޫ ކައުންސިލާއި ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވެދެއްވި އެހީތެރިކަން ކޮމިޝަނުން ފާހަގަކުރަމެވެ.