އިމާދުއްދީން ސްކޫލްގެ ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރުންނަށް އޮރިއަންޓޭޝަން ސެޝަންއެއް ކުރިއަށް ގެންގޮސްފި

28 އޮކްޓޯބަރު 2021

އިމާދުއްދީން ސްކޫލްގެ ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރުންނަށް އޮރިއަންޓޭޝަން ސެޝަންއެއް 2021 އޮކްޓޫބަރު 27 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ. އިމާދުއްދީން ސްކޫލުން އިސްނަގައިގެން އިންތިޒާމްކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ފެސިލިޓޭޓްކުރި މި ސެޝަންގައި އިންސާނީ ޙައްޤުތަކުގެ ތަޢާރަފާއި، ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކްލަބްތައް ޤާއިމުކުރުމުގެ މަޤްޞަދާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން، އާ ދިރާސީ އަހަރަށް ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކަށް އަމާޒުކޮށް ކޮމިޝަނުން ރާވާފައިވާ ހަރަކާތްތަކާއި، ސްކޫލްގެ އެހެނިހެން ދަރިވަރުންނާއި، ބެލެނިވެރިން އަދި އާންމުން ހޭލުންތެރިކުރުމަށް ހިއުމަން ރައިޓްސް ޑިފެންޑަރެއްގެ ހައިޞިއްޔަތުން ދަރިވަރުންނަށް ހިންގޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ސެޝަންގައި އިމާދުއްދީން ސްކޫލްގެ ހިއުމަން ރައިޓްސް ކްލަބްގެ 35 ދަރިވަރަކު ބައިވެރިވިއެވެ.