28 ސެޕްޓެމްބަރު 2025
އެޑްވަކަސީ ޑިޕާޓްމަންޓް
"އިންސާނީ ހައްޤުތަކުގެ ކުއިޒް 2025" އަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް)އިން އިންތިޒާމްކޮށްގެން ސާރވިސް މީޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ކުއިޒެކެވެ. މި ކުއިޒްގެ މަޤްސަދަކީ ދަރިވަރުންނާއި މުޖްތަމައުގެ އެންމެހައި ފަރާތްތަކުގެ މެދުގައި އިންސާނީ ހައްޤުތަކުގެ ހޭލުންތެރިކަން އިތުރުކޮށް އިންސާނީ ހައްޤުތަކުގެ ރޫހު އާލާކުރުމެވެ.
މި ކުއިޒް ކުރިއަށް ގެންގޮސްފައިވަނީ 26 ސެޕްޓެންބަރުން ފެށިގެން 27 ސެޕްޓެންބަރުގެ ނިޔަލަށެވެ. މި މުބާރާތުގައި 2 ޔުނިވަރސިޓީއަކުންނާއި 1 ކޮލެޖުން ޖުމްލަ 4 ޓީމް ބައިވެރިވެފައިވެއެވެ. މި ކުއިޒްގައި ބައިވެރިވެފައިވަނީ ޤައުމީ ޔުނިވާރސިޓީގެ 2 ޓީމް (އެމް.އެން.ޔޫ ލީޑާސް އަދި އެމް.އެން.ޔޫ މެޑިކޯސް)، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 1 ޓީމް އަދި އެވިޑް ކޮލެޖްގެ 1 ޓީމަކުންނެވެ. ދެ ދުވަހަށް ކުރިއަށް ގެންދެވުނު ވާދަވެރި މެޗްތަކަކަށްފަހު މުބާރާތުގެ ފައިނަލް މެޗުން މޮޅުވެ، 1 ވަނަ ހޯދާފައިވަނީ އެމް.އެން.ޔޫ ލީޑާސްއެވެ. އަދި ދެވަނަ ހޯދާފައިވަނީ އެވިޑް ކޮލެޖެވެ. މުބާރާތުގެ އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ އަޙްމަދު އަޒީމް ޙުސައިން އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 27 ސެޕްޓެމްބަރުގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު އަހްމަދު މަގްސޫމް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަ ދެއްކެވިއެވެ. މެންބަރުގެ ވާހަކަފުޅުގައި ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިއްމު ކަމާއި އެކަމުން ކުރާނެ ފައިދާތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ކުއިޒް ކުރިއަށް ގެންދިޔުމަކީ ކޮމިޝަނުން އިސްކަން ދީގެން ކުރާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގައްރިރު ފާޠިމަތު ސަޢުދާ އެވެ. ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން، ބައިވެރިންނާ މުޙާތަބު ކުރައްވާ ވާހަކަ ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި މި ކުއިޒުން ބައިވެރިންނަށް ދަސްވި މައުލޫމާތުތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާ ލެއްވިއެވެ. އަދި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގައްރިރު ފާޠިމަތު ސަޢުދާގެ އިތުރުން ޕީއެސްމްގެ މެނޭޖިންގް ޑިރެކްޓަރ، އިބްރާހިމް ނަސްރީން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދުގެ އިތުރުން ކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ކޮލެޖް، ޔުނިވަރސިޓީތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި މިހަފްލާގައި "ހިއުމަން ރައިޓްސް ކްލަބް އެވޯޑް" އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް" ހަވާލުކުރެވުނެވެ. ހިއުމަން ރައިޓްސް ކްލަބް އެވޯޑާއި ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑަކީ ސްކޫލް ކުދިންގެ މެދުގައި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. 2024 އަދި 2025 ވަނަ އަހަރުގެ "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް އެވޯޑް" ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ މަރިޔަމް އަފާފް އަހްމަދު އާއި އިޚުވާނާ އިސްމަތު އަދި ރެހެންދި ސްކޫލުގެ މުހައްމަދު ޖަޒްލާން ޖަމީލް އާއި ޒޯޔާ ހުސައިން ޒިޔާދެވެ. "ބެސްޓް ހިއުމަން ރައިޓްސް ކްލަބް އެވޯޑް" ހޯދައިފައިވަނީ ރެހެންދި ސްކޫލުގެ ތަރާދު ކްލަބެވެ. މިއީ މި ކްލަބުން މި އެވޯޑް ޖެހިޖެހިގެން ހާސިލު ކުރި 2 ވަނަ ފަހަރެވެ.
އިންސާނީ ހައްޤުތަކުގެ ކުއިޒް ކުރިއަށް ގެންދިއުމުގައި ޕީއެސްއެމްގެ އިތުރުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމް.ޕީ.އެލް)، އަދި ދިރާގުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރަމެވެ.