ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރު) އަށް 75 އަހަރު ފުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން ޤާއިމްކުރިތާ 20 އަހަރު ފުރުމާއި، އެންޕީއެމް އަށް 15 އަހަރު ފުރުމާ ގުޅިގެން ޙާއްސަ ހަފްލާއެއް ބާއްވައިފި

10 ޑިސެމްބަރު 2023

މީޑިއާ

(PR)168-A/168/2023/35

އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރު (ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް) އަށް 75 އަހަރު ފުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް 20 އަހަރު ފުރުމާއި، ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ހިއުމަން ރައިޓްސް ކޮމިޝަނުގައި ގާއިމު ކުރިތާ 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ޔޫއެން މޯލްޑިވްސްއާއި ގުޅިގެން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.  
އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ އަދި ރައްކާތެރިކޮށްދޭންޖެހޭ ޙައްޤުތައް އެންމެ ފުރަތަމަ ކަނަޑައެޅިގެން ދިޔައީ 10 ޑިސެމްބަރ 1948 ގައި އދ. ޢާއްމު މަޖިލީހުގެ ޖަލްސާއިން ފާސްކޮށް އިޢުލާނު ކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރުގައެވެ. އެގޮތުން، މި އަހަރަކީ މި ޤަރާރު އދ. ގެ އާންމު މަޖިލީހުން ބަލައިގަތްތާ 75 އަހަރު ފުރޭ ތާރީޚީ ދުވަހެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލްފާޟިލް ޢަލީ އިޙުސާންއެވެ. މި ހަފްލާގައި އެސޯސިއޭޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗާ (އޭޕީޓީ) އަދި ޔޫއެން ސަބް ކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) ގެ މަންދޫބުންނާއި، ހައިކޮމިޝަން އަދި އެމްބަސީތަކުގެ ސަފީރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، ޔޫއެންގެ ކަމާ ގުޅުން ހުރި އެކި އޮފީސްތަކުގެ މަންދޫބުންނާއި ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީއެސްއޯ) ތަކުން ބައިވެރިވެފައިވެއެވެ.
ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން މަސައްކަތް ކުރަމުންދާތާ 15 އަހަރު ފުރުމާ ގުޅިގެން ޚާއްސަ ވީޑިއޯއެއް މި ހަފްލާގައި ދައްކާފައިވެއެވެ. މި ވީޑިއޯގައި އެންޕީއެމް އުފެދިގެންއައި ގޮތާއި، ދައުލަތުގެ ބާރު ހިނގާ ސަރަހައްދުގައި މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބަންދުކޮށް ބަލަހައްޓާ މަރުކަޒުތަކަށް އެންޕީއެމް އިން ކޮށްފައިވާ ޒިޔާރަތްތަކާއި އަދި ވޭތުވެދިޔަ 15 އަހަރުތެރޭގައި އެންޕީއެމްއިން އަނިޔާއާއި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން އައިސްފައިވާ ބަދަލްތަކާއި، މި ބަދަލު ގެނައުމުގައި އެންޕީއެމް އިން އަދާކޮށްފައިވާ ދައުރާ ގުޅޭ ގޮތުން މުއައްސަސާތަކުގެ ޚިޔާލު މި ވީޑިއޯގައި ޙިއްސާކުރެވިފައި ވެއެވެ.   
މީގެއިތުރުން، އެންޕީއެމް އިން ދައުލަތުގެ މުއައްސަސާތަކަށް ހުށަހަލާ ހުށަހެޅުންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށްޓަކައި އެކުލަވާލެވުނު ޕޯޓަލްއެއް ވަނީ މި ހަފްލާގައި ލޯންޗުކޮށްފައެވެ. މި ޕޯޓަލް އެކުލަވާލުމުގެ މަޤްސަދަކީ، މެނުއަލްކޮށް މައުލޫމާތު އެއްކޮށް ރެކޯޑް ކުރުމުގެ ބަދަލުގައި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުންތައް ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކުން އެންޕީއެމްއާ ހިއްސާކުރަމުން ގެންދިއުމަށް ފަސޭހާ ނިޒާމެއް ގާއިމުކުރުމެވެ. މި ޕޯޓަލް ބޭނުންކުރަން ފެށުމުން، ހުށަހެޅުން ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ފަސޭހަވެ އަދި މިކަމާ ގުޅޭ ތަފާތު އެކި ބާވަތުގެ ތަފާސް ހިސާބާއި މައުލޫމާތު ޖެނެރޭޓުކުރުމަށް މަގުފަހި ވެގެން ދާނެއެވެ.
މި ހަފްލާގައި ބައިނަލްއަޤްވާމީ އިންސާނީ ޙައްގުތަކުގެ ދުވަހުގެ ޚާއްސަ ވީޑިއޯއެއް ދައްކާފައިވެއެވެ. މި ވީޑިއޯގައި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ޢާންމުން ދެކޭގޮތާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ޙިމާޔަތްކުރުމުގައި، ކޮމިޝަނުގެ މުހިންމު ދައުރަށް އަލިއަޅުވާލާފައި ވެއެވެ. މި ހަފްލާ ނިމުމަކަށް އައިސްފައިވަނީ، އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރު (ޔުނިވާސަލް ޑެކްލަރޭޝަން އޮން ހިއުމަން ރައިޓްސް) އަށް 75 އަހަރު ފުރުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ޔޫއެން މޯލްޑިވްސްއާއި ގުޅިގެން އެސްއެމްއީ ހަބްގައި "ލެންސް އޮން ހިއުމަނިޓީސް ޖާނީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޮޓޯ މައުރަޒު ބަލާލުމަށްފަހުއެވެ. މި މައުރަޒު އާއްމުންނަށް ހުޅުވާލައިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.