ހިއުމަން ރައިޓްސް ކޮމިޝަނުން ވިލިމާލެ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ވިލިމާލެ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއި، މުއައްޒަފުން، އަދި ބަންދުގައި ތިބި ފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 22 ޖޫން 2022 އިން 23 ޖޫން 2022 އަށް ކުރަމުންދާ މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ޕޮލިސް ސްޓޭޝަނުގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. އަދި މީގެ އިތުރުން ބަންދުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ. ހަމައެއާއެކު ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތަކާއި، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުންވެސް މި ޒިޔާރަތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި އަހަރުގެ މި ޒިޔާރަތަކީ ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މި ޕޮލިސް ސްޓޭޝަނަށް ކުރާ ދެވަނަ ޒިޔާރަތެވެ. މީގެކުރިން ޒިޔާރަތްކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.