ހިއުމަން ރައިޓްސް ކޮމިޝަނުން ކ. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި މޮނިޓަރިންގ ޒިޔާރަތުގައި ފާހަގަކުރެވިފައިވާ މުޙިއްމު ކަންތައްތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ ފަރާތުން ކ. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި މޮނިޓަރިންގ ޒިޔާރަތުގައި ފާހަގަކުރެވިފައިވާ މުޙިއްމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެކު 2022 މާރިޗު 15 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން 2022 މާރިޗު 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރި 14 ވަނަ މޮނިޓަރިންގ ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ކަންބޮޑުވާ ކަންތައްތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިސްފަރާތްތަކުގެ ސަމާލުކަމަށް މި ބައްދަލުވުމުގައި ވަނީ ގެނެވިފައެވެ.
 މިގޮތުން، ކޮމިޝަނުގެ ފަރާތުން ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2013 ވަނަ އަހަރު ކޮމިޝަނުން ކުރި ޒިޔާރަތާ ގުޅިގެން، ނަފްސާނީ ބަލިތަކަށް ޙާއްސަ ޑޮކްޓަރެއް ނުވަތަ ނަފްސާނީ ބަލިތަކަށް ޙާއްސަ ނަރުހެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވާނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން އެ މަރުކަޒަށް 2021 ގައި ކުރި ޒިޔާރަތުގައި އެ މަރުކަޒުގައި މިފަދަ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ސެންޓަރ ފޮ މެންޓަލް ހެލްތުން މަރުކަޒަށް ޒިޔާރަތްކޮށް ނަފްސާނީ ބައްޔަށް ފަރުވާހޯދަމުންދާ މީހުންގެ ތެރެއިން 20 (ވިހި) މީހުން ބަލާފައިވާކަމަށާއި، ނަމަވެސް ނަފްސާނީ ބަލީގެ ޙާއްސަ ޑޮކްޓަރުންނަށް ދައްކަން އަދިވެސް ވަރަށް ގިނަ މީހުން ތިބިކަން 2022 ވަނަ އަހަރުގެ ޒިޔާރަތުގައި ފާހަގަކުރެވިފައިވެއެވެ. މީގެއިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސެންޓަރ ފޮ މެންޓަލް ހެލްތުން މަދުވެގެން މަހަކު އެއްފަހަރުނަމަވެސް މަރުކަޒަށް ޒިޔާރަތްކޮށް މަރުކަޒުގައި ތިބި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުން ބަލައި ދިނުމަށް އެދިފައިވާކަމަށާއި، ނަމަވެސް އައި.ޖީ.އެމް.އެޗްގެ ނަފްސާނީ ބަލީގެ ޙާއްސަ ޑޮކްޓަރުންނަށް މަހަކު އެއްފަހަރު މަރުކަޒަށް ޒިޔާރަތްކުރުމަށް ދަތިވާނެތީ، ދެ މަހުން އެއް މަހުގައި މަރުކަޒަށް ޒިޔާރަތްކުރުމަށް އެދިފައި ވީ ނަމަވެސް، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން އަދި މަރުކަޒަށް އެ ފަރާތްތަކުން ޒިޔާރަތް ނުކުރާކަން މަރުކަޒު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެހެން ކަމުން ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ނަފްސާނީ ބަލީގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ މަރުކަޒުގައި ނަފްސާނީ ބަލީގެ ޙާއްސަ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ޙިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުށަހަޅައި މިކަން ކަމާބެހޭ އިދާރާގެ ސަމާލުކަމަށް ވަނީގެނެވިފައެވެ. މިމައްސަލަ ހައްލުކުރުމަށްޓަކައި ޖެންޑަރ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ ގުޅިގެން، ރާއްޖެއިން ބޭރުން ނަފްސާނީ ބަލިތަކަށް ޙާއްސަ 2 (ދޭއް) ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމުގައި ޢަމަލު ކުރާނެގޮތުގެ އުޞޫލެއް ނުވަތަ ގަވާއިދެއް އެކުލަވާލެވިފައި ނުވެއެވެ. އެހެންނަމަވެސް، އެސް.އޯ.ޕީތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީ އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ. 2011 ގައި ކޮމިޝަނުގެ ފަރާތުން ހުށަހެޅުނު ހުށަހެޅުމަކަށް ބިނާކޮށް ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެޑްމިޓްކުރެވޭ ބަލިމީހުންނާމެދު އަމަލުކުރަންޖެހޭ ގޮތުގެ އަތްމަތީ ފޮތެއް ވަނީ އެކުލަވާލާފައިވެއެވެ. އަދި އޭރުގެ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ހިޔުމަންރައިޓްސްގެ ކޮމެންޓަށް ފޮނުވާފައިވާކަމަށާއި ނަމަވެސް އެ މިނިސްޓްރީން އެ ލިޔެކިއުންތަކާ ގުޅޭގޮތުން ވަކިގޮތެއް ނިންމާފައިނުވާކަން 2013 ވަނަ އަހަރުގެ ޒިޔާރަތުގައި ފާހަގަކުރެވި އަދި މިހާތަނަށް އެ މަސައްކަތް ކުރެވިފައިނުވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
 ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ގޯތިތެރެ މޮނިޓަރކުރުމަށް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައިވީ ނަމަވެސް، ވޯޑުތަކުގެ އެތެރެ ފެންނަގޮތަށް ކެމެރާ ހަރުކޮށްފައި ނެތުމުގެ ސަބަބުން، ވޯޑުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިތުރު ސީ.ސީ.ޓީ.ވީ ކެމެރާތަކެއް ހަރުކުރުމުގެ މަސައްކަތް އިއުލާނުކޮށް ބިޑްކޮށްފައިވާކަމަށް މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވަނީ ޙިއްޞާކޮށްފައެވެ.
       މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތާ ގުޅޭ ދާއިރާތަކުން ތަމްރީނު ލިބިފައިވާ މުވައްޒަފުންކަމަށް ނުވުމުގެ ސަބަބުން، މަރުކަޒުން ފަރުވާހޯދާ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި، އެހީތެރިކަން ފޯރުކޮށްނުދެވޭކަން ވަނީ މި ކޮމިޝަނަށް ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީއިން ވިދާޅުވީ، ކަމާގުޅޭ ދާއިރާތަކުން މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްކުރުމަށް މުއައްސަސާތަކާއެކު މަޝްވަރާކުރަމުން ދާކަމަށެވެ. މީގެ އިތުރުން، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނަށް ފައިދާހުރި ކާނާ އެކަށީގެންވާގޮތުގައި ފޯރުކޮށްނުދެވޭކަން މި ކޮމިޝަނުން ފާހަގަކުރުމުން، މެނޫތައް ރިވައިޒްކުރުމަށް ނިއުޓްރިޝަނިސްޓުންނާ މަޝްވަރާ ކުރަމުންދާކަމަށާއި ރޯދަމަހުގެ ކުރިން މެނޫތައް ބަދަލުކުރެވިގެންދާނެކަމަށް މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މީގެ އިތުރުން މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު، ކެއަރ ވޯކަރުންގެ އަދަދު މަދުކަމާއި، މީގެ އިތުރުން ބަލިމީހުން ބެލެހެއްޓުމަށް ބައެއް ވޯޑުތަކުގައި ޝިފްޓެއްގައި 1 (އެކެއް) ނުވަތަ 2 (ދޭއް) ކެއަރ ވޯކަރުން އެކަނި މަސައްކަތް ކުރަންޖެހޭ ކަން މަރުކަޒުން ވަނީ ފާހަގަކުރައްވާފައެވެ. މިކަމާގުޅިގެން ބަލި މީހުން ބަލަހައްޓާ މުވައްޒަފުން އިތުރުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ވަނީ ކޮމިޝަނުގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅާފައެވެ. މި ކަމާގުޅިގެން ޖެންޑަރ މިނިސްޓްރީ އިން ވިދާޅުވީ އިތުރު ކެއަރވޯކަރުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.