ހިއުމަން ރައިޓްސް ކޮމިޝަނުން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ އިސްވެރިންނާއި، މުއައްޒަފުން އަދި ބަންދުގައި ތިބިފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން 2021 ޑިސެމްބަރ 22 އިން 23 އަށް ކުރަމުންދާ މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތަހުޤީޤަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައިތިބޭ 18 އަހަރުން ދަށުގެ ކުދިންނާމެދު ޢަމަލުކުރަމުންދާގޮތާއި، އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ. އަދި، ދޫނިދޫ ކަސްޓޯޑިއަލްގެ މުވައްޒަފުންނަށް ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަތުމާއި އަދި ދޫނިދޫ ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުންވެސް މި ޒިޔާރަތުގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ.
ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރާ ޒިޔާރަތުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއާ ހަވާލުކޮށް، މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ކޮމިޝަނުން ފާސްވުމުން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލް،  މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ޤަވާޢިދުން ފޮލޯ-އަޕް ހެދުމަށްވަނީ ހަމަޖެހިފައެވެ.
ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް 2009 އިން 2020 ވަނަ އަހަރާ ހަމައަށް ތަފާތު 10 ޒިޔާރަތްކޮށް، ޖުމްލަ 82 ހުށަހެޅުން ހުށަހަޅާފައިވެއެވެ. މިޒިޔާރަތްތަކުގެ ތެރޭގައި މޮނިޓަރިންގ، ފޮލޯއަޕް، ތީމެޓިކް އަދި ވަރޗުއަލް ޒިޔާރަތްތައް ހިމެނެއެވެ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލް އަކީ ތަހުޤީޤަށް މީހުން ބަންދުކުރާ އެންމެ ބޮޑު ކަސްޓޯޑިއަލްއެވެ.