އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމަށް އެޗްއާރްސީއެމުން ލ. އަތޮޅުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފި އައު

20 ސެޕްޓެމްބަރު 2026

އެޑިއުކޭޝަން އެންޑް ރިސާޗު ޑިޕާޓްމަންޓް

(PR)168-PPA/168/2026/28

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ  (އެޗްއާރްސީއެމް) އިސްނެގުމުގެމަތިން ކުރިއަށްގެންދާ ފަސް ދުވަހުގެ "ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް" މިއަދު ލ. ގަމުގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން އެޗް.އާރް.ސީ.އެމްގެ ކޮމިޝަނަރ އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވަނީ، މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ފަސް ދުވަހުގެ ތަމްރީނުން ލިބޭ މަޢުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ޙައްޤުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗް.އާރް.ސީ.އެމް އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، މި ކޮމިޝަނުގެ "ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ" އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް" ގެ މައްޗަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން ގިނަ ދާއިރާތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިސިލް ބްލޯވަރ ޤާނޫނަށާއި، ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ތަމްރީންތަކުގެ އިތުރުން ފުލުހުންނަށް އަމާޒުކޮށްގެން އެންޓި ޓޯޗަރ ސެޝަންތަކާއި، އަންހެނުންނާއި ޖަމްއިއްޔާތަކަށް ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، އެޗްއާރްސީއެމްގެ ދެ ޓީމަކުން ލ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި އެކި މުއައްސަސާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ލ. އަތޮޅުގެ މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް، އަދި މުންޑުއަށް ކޮމިޝަނުގެ ވަފުދުން ދަތުރުކޮށް ސެޝަން ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ މި ކޮމިޝަނުން މައުލޫމާތު ފަތުރާ އިންސާނީ ހައްޤުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ފުޅާދާއިރާއެއްގައި ކުރިއަށްގެންދެވޭ ހަރަކާތެކެވެ.