13 ފެބްރުއަރީ 2025
އެޑްވަކަސީ ޑިޕާޓްމަންޓް"އެޗް.އާރު.ސީ.އެމް–ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމް"އަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރުސީ.އެމް) އިން ޑިސެމްބަރު 2023 ން ފެށިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކޮމިޝަނާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި، ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް އިންސާނީ ހައްޤުތަކާއި ގުޅުންހުރި ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ. މިކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މަގުސަދުގައި 2024ވަނަ އަހަރު ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އަދި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި، ކަމާބެހޭ ފަރާތްތަކުގެ ހިޔާލުތަކާއެކު "ސިވިލް ސޮސައިޓީ އެންގޭޖްމެންޓް އެންޑް ކެޕޭސިޓީ ބިލްޑިންގް ސްޓްރެޓަޖީ" އެއް ހިއުމަން ރައިޓްސް ކޮމިޝަންއިން އެކުލަވާލާފައިވެއެވެ. މިގޮތުން، ކޮމިޝަނުން އިސްނަގައިގެން ބާއްވާ މަދަނީ ޖަމްއިއްޔާތަކާއި ގުޅުންބަދަހިކުރުމުގެ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން، މިއަހަރުގެ ފުރަތަމަ ފޯރަމް ވަނީ ބާއްވާފައެވެ.
މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 29 މަދަނީ ޖަމްއިއްޔާ ޖަމާއަތްހިމެނޭހެން 58 ފަރާތެއް ބައިވެރިވެފައިވެއެވެ. ފޯރަމް ފެށުމުގެ ގޮތުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަޢުޝާން ޢަބްދުލްމުހައިމިން ބައިވެރިންނާ މުހާތަބްކޮށް ވާހަކަދައްކަވާފައިވެއެވެ. ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި މަދަނީ ޖަމްއިއްޔާތަކުގެ މުހިއްމުކަމަށް އަލިއަޅުވާލާ ފޯރަމްގެ ތެރެއިން އެޗްއާރްސީއެމް އާއި މަދަނީ ޖަމްއިއްޔާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރާކަމަށް ވިދާޅުފެފައިވެއެވެ. އަދި މި ފޯރަމަށް މަދަނީ ޖަމްއިއްޔާތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، މި ފޯރަމްގައި މަދަނީ ޖަމްއިއްޔާތަކުން ދެއްވާ އެއްބާރުލުމަކީ ކޮމިޝަނުން މިއަހަރަށް ރަވާފައިވާ ފޯރަމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރާނެ ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައިވެއެވެ.
ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް މަރިޔަމް މުނާ ފޯރަމްގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކި ވާހަކަފުޅުގައި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކަކީ ހިއުމަން ރައިޓްސް ޑިފެންޑަރސް (އެޗް.އާރު.ޑީ)ގެ ގޮތުގައި އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުން އެ ޙައްގުތަކަށް ވަކާލާތުކޮށް ޙައްޤުތައް ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެއްކަނަ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޖަމްޢިއްޔާތަކަށްވެސް އެފަރާތްތަކުގެ ދައުރު އަދާކުރުމުގައި، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، ޙައްލު ހޯދުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ އެކު ބަދަހި ގުޅުންތަކެއް ޤާއިމް ކުރަން ޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް މުނާގެ ވާހަކަފުޅުގައި އެޗް.އާރު.ސީ.އެމް އަކީ ޤާނޫނުއަސާސީ ތަސައްވަރު ކުރާ ފަދަ އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ ދިމިގްރާތީ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ވަރަށް މުހިންމު ޛިންމާއެއް މަތިކުރައްވާފައިވާ މުއައްސަސާއެއް ކަމަށާއި، ކޮމިޝަނުގެ މި ޒިންމާތައް އަދާކުރުމުގައި މަދަނީ ޖަމްއިއްޔާތަކާއި ބޭރުގެ އެހީދޭ ޖަމާއަތްތަކުން ދެއްވާ މާލީ އެހީތެރިކަމާއި އަދާކުރައްވަމުން ގެންދަވާ ދައުރުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތުގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުގެ މަސައްކަތަށްވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމަށެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ރައީސް މުނާ ޝުކުރު އަދާކުރެއްވިއެވެ. ރައީސް މުނާގެ ވާހަކަފުޅުގައި 2025 ވަނަ އަހަރު ކޮމިޝަނުން އަދި މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ކޮމިޝަނުން ކުރިޔަށް ގެންދަން ރާވާފައިވާ ޙަރަކާތްތަކުގެ އެކްޝަން ޕްލޭނެއް މި ފޯރަމުގައި އެކުލަވާ ލެވުމުގެ ސަބަބުން ކޮމިޝަނަށާއި މަދަނީ ޖަމްޢިއްޔާތަކުން މިއަހަރު ހިންގަން ރާވާ ކަންކަން ފަސޭހައިން ކުރިޔަށް ގެންދެވި ކޮމިޝަނާއި ޖަމްޢިއްޔާތަކުގެ ގުޅުން ބަދަހިވެގެންދާނެއެވެ.
ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ނިކް ލޯ ދެއްކެވި ވާހަކަފުޅުގައި މަދަނީ ޖަމްޢިއްޔާތަކަކީ މުޖްތަމަޢުގައި ދިމާވާ މައްސަލަތަކާއި ކާރިސާތަކުގައި އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކެއް ކަން ފާހަގަ ކުރައްވައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
ޔޫ.އެން.ޑީ.ޕީ ގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރީކޯ ގަވޭލިއާ ގެ ވާހަކަފުޅުގައި މަދަނީ ޖަމްޢިއްޔާތަކަށް ވެދެވޭ އެހީތެރިކަމަކީ އިންސާނީ ޙައްޤުތައް ދިފާއު ކުރެއްވުމަށް ދެވޭ އެހީތެރިކަމެއް ކަމުގައި ފާހަގަ ކުރައްވައި، ޖަމްއިއްޔާތަކުގެ ދައުރުގެ މުހިންމުކަން ސިފަކުރެއްވިއެވެ
މިރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނާއި، ބްރިޓިޝް ހައި ކޮމިޝަނާއި ޔޫއެންޑީޕީގެ އިސްވެރިންނާއި، ކޮމިޝަނުގެ އެކި ޑިޕާޓްމެންޓްތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ.
ޔޫ.އެން.ޑީ.ޕީ އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްދިޔަ ފޯރަމްގެ ބޭނުމަކީ މި ސްޓްރެޓަޖީގެ ދަށުން 2025ވަނަ އަހަރު ކޮމިޝަން އަދި ކޮމިޝަނާ މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ކުރިއަށް ގެންދާނެ ހަރަކާތްތައް ފާހަގަކޮށް އެކްޝަން ޕްލޭންއެއް އެކުލަވާލުމެވެ. މިގޮތުން ފޯރަމްގެ ތެރެއިން މަދަނީ އެކި ޖަމާއަތްތަކުގެ ތަޖުރިބާއާއި ޤާބިލުކަން ހުރި ދާއިރާތަކާއި ޖަމްއިއްޔާތަކުން މައުލޫމާތާއި އެހީތެރިކަން އިތުރަށް ބޭނުންވާ ދާއިރާތައް ފާހަގަކޮށް ހިއްސާކޮށްފައިވެއެވެ. ފޯރަމް ނިމިގެންދިޔައިރު ފޯރަމްގެ ބައިވެރިންގެ މަޝްވަރާއާއި ނިންމުންތަކަށް ބިނާކޮށް މަދަނީ ޖަމްއިއްޔާތަކުގެ މެދުގައި ހިންގަން މުހިއްމު ހަރަކާތްތަކާއި އެކަން ހާސިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނަގެނެވިފައިވެއެވެ.