17 ސެޕްޓެމްބަރު 2024
އެޑްވަކަސީ ޑިޕާޓްމަންޓްސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ތަކަކީ ހިއުމަން ރައިޓްސް ޑިފެންޑަރސް (އެޗް.އާރު.ޑީ) ގެ ގޮތުގައި އިންސާނީ ޙައްޤުތަކުގެ އެކި ދާއިރާތަކުން އެ ޙައްގުތަކަށް ވަކާލާތުކޮށް ޙައްޤުތައް ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެކެވެ. އެހެންނަމަވެސް, މިފަދަ ޖަމްޢިއްޔާތަކަށްވެސް އެފަރާތްތަކުގެ ދައުރު އަދާކުރުމުގައި, ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެފަދަ ގޮންޖެހުންތަކުން އަރައިގަނެ, ޙައްލު ހޯދުމަށްޓަކައި, ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ އެކު ބަދަހި ގުޅުންތަކެއް ޤާއިމް ކުރަން ޖެހެއެވެ.
މިގޮތުން, 2024 ސެޕްޓެމްބަރ 17 ގައި ބާއްވާ އެޗް.އާރް.ސީއެމް – ސީ.އެސް.އޯ ޕާޓްނަރޝިޕް ފޯރަމްގެ ސަބަބުން ރާއްޖޭގެ އެޗް.އާރް.ޑީތަކަށް މަސައްކަތް ކުރުމުގެ ރައްކާތެރި އަދި ހަރުދަނާ މާޙައުލެއް ޤާއިމް ކުރުމުގައި, ސްޓޭކްހޯލްޑަރުންގެ ހޭލުންތެރިކަން އިތުރުވުމާއި، ސްޓޭކްހޯލްޑަރުންގެ މަޝްވަރާތަކުން ފައިދާހުރި މަގުތަކެއް ކޮށިގެންދާނޭ ކަމުގައި އެޗް އާރު ސީ އެމުން އުންމީދު ކުރެއެވެ.
ސީއެސްއޯތަކަށް ކަނޑައަޅާފައިވާ ގާނޫނީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި ދެ މުއައްސަސާ ކަމަށްވާ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި, މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި އެޗްއާރުޑީ ޕްރޮޓެކްޝަން މެކޭނިޒަމްތަކުގައި އެންމެ ރަނގަޅު އުސޫލުތައް އޭޝިއާ ޕެސިފިކް ފޯރަމް (އޭ.ޕީ.އެފް) އާ ގުޅިގެން މި ފޯރަމުގައި މަޝްވަރާ ބަދަލު ކުރެވިގެން ދިޔުމުގެ ސަބަބުން ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންތަކުން އަދާކުރަމުން ގެންދާ މުހިންމު ދައުރު އިތުރަށް ހާމަވެ, ގިނަ ޙައްލުތަކެއް ދެނެގަނެވި މިހާރު ދިމާވާ ގޮންޖެހުންތަކަށް ޙައްލުތަކެއް ލިބިގެންދާނޭ ކަމުގައި އެޗްއާރުސީއެމުން އުންމީދު ކުރެއެވެ.